
އޯގަސްޓް 23 ވަނަ ދުވަހުގެ ރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ ހޯލްގައި ބޭއްވި އަޤްޞާ ފޯރަމް. ފޮޓޯ: އިބްރާހިމް އަސްވާގު
ލިޔުނީ: ޙަސަން ޝިޔާޒު
މަސްޖިދުލް އަޤްޞާ އާއި ފަލަޞްޠީނުގެ މައްސަލަ އަށް ޚާއްޞަކޮށްގެން ރާއްޖޭގައި "އަލްއަޤްޞާ ފޯރަމް 2011" މިނަމުގައި ރޭ ފޯރަމެއް ބާއްވައިފިއެވެ.
އިސްލާމީ މަރުކަޒްގެ ހޯލުގައި ކުރިއަށް ދިޔަ މި ޚާއްޞަ ފޯރަމަކީ "ދިއިސްލާމް" އޮންލައިން ނޫހާއި ދިވެހި ޒުވާނުންކޮޅެއް އިސްނަގައިގެން ބޭއްވުނު ފޯރަމެކެވެ. "ދިއިސްލާމް" ގެ އެގްޒެކެޓިވް އެޑިޓަރ ޢަލީ އަހްސަން މަޢުލޫމާތު ދެއްވި ގޮތުގައި މި ފޯރަމްގެ މަޤްޞަދަކީ މުސްލިމުންގެ މުޤައްދަސް ބިނާއެއް ކަމުގައިވާ މަސްޖިދުލް އަޤްޞާ އާއި އެތާނގެ ވަށައިގެންވާ ފަލަޞްތީނުގެ ބިންތަކާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަނިޔާވެރިކަން ތަޙައްމަލު ކުރަމުންދާ މުސްލިމް އަޚުންނާއި އުޚުތުންގެ ޚަބަރުތައް ކޮންމެވެސް ސިފައެއްގައި ދިވެހި އިސްލާމީ އުއްމަތަށް ގެނެސްދީ ހޭލުންތެރިކަން އިތުރު ކުރުވުމެވެ.
މިފޯރަމް ފެށުމުގެ ގޮތުން ފަލަޞްޠީނު މުސްލިމުންގެ ޙާލަތު އަދި އިޒްރާއީލްގެ އަނިޔާވެރިކަން ދައްކުވައިދޭ ވީޑިއޯ ޕްރެޒެންޓޭޝަނެއް ދައްކާފައިވެއެވެ. މި ފޯރަމްގައި "ޒަޔަނިސްޓުންގެ ފަލްސަފާ" މި މައުޟޫއަށް ވާހަކަފުޅުދެއްކެވީ ޑރ. މައުރޫފް ޙުސައިންއެވެ. އަދި "އަލްއަޤްޞާ" މި މައުޟޫއަށް ވާހަކަފުޅު ދެއްކެވީ އިސްލާމިކް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރ ޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އެވެ.
މީގެ އިތުރުން ފޯރަމްގެ ބައިވެރިންގެ ޝުޢޫރުތައް ފާޅު ކުރުމާއި ބައިވެރިންގެ ސުވާލުތަކަށް ޑރ. މައުރޫފް އާއި ޝައިޚް ޝަހީމް ޖަވާބު ދެއްވިއެވެ. މި ފޯރަމް ނިންމާލާފައި ވަނީ ދުނިޔޭގެ މަޝްހޫރު ޤާރީ އެއްކަމަށްވާ ޝައިޚް މިޝާރީ ރަޝީދު އަލްއަފާސީގެ ދުޢާއެއްގެ ދިވެހި ބަހުން ސަބްޓައިޓަލް ކުރެވިފައިވާ ވީޑިއޯ ޕްރެޒެންޓޭޝަނަކުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...