އައްޝައިޚް މުޙައްމަދު މޫސާގެ ވަރަށް ޙާއްޞަ ދަރުހެއް 19 އޮގަސްޓް 2011 ވީ ހުކުރު ދުވަހު ށ ކަނޑިތީމުގައި ބާއްވައިފިއެވެ. މި ދަރުސް ބާއްވައިފައިވަނީ ހުކުރު ދުވަހުގެ އަސްރު ނަމާދަށް ފަހު މަސްޖިދުލް ނޫރު ގައެވެ.
މި ދަރުހަކީ މި ބަރަކާތްތެރި ރަމަޟާން މަހަށް ޙާއްޞަކޮށްގެން ބޭއްވި ދަރުހެކެވެ. މި ދަރުހުގައި ޝެއިޚް ވަނީ ގިނަ ގިނައިން އިސްތަޣްފާރު ކުރުމަށް އިލްތިމާސް ކުރައްވާފައެވެ. އަދި މާތް ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމްގެ ހުރިހާ ފާފައެއްވެސް ފުއްސަވާފައިވާއިރުވެސް ބަރަކާތްތެރި ރަަމަޟާން މަހު ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމް އަޅުކަމުގައި ހީވާގި ވާ ވަރު ބަޔާން ކުރައްވާފައިވެއެވެ. މީގެއިތުރުން ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމްގެ އަސްޙާބު ބޭކަލުން ރަމަޟާން މަސް ނިމުމާއެކީ ފުރަތަމަ ހަމަސް ދުވަހު އެބޭކަލުން ކުރި އަމަލުތައް ގަބޫލުކުރައްވާތޯ ދުޢާ ކުރައްވާކަމާއި އަދި އަނެއް ހަމަސް ދުވަހު ދެން އަންނަ ރަަމަޟާން މަހާ ބައްދަލު ކުރައްވާތޯ ދުޢާ ކުރައްވާކަން ބަޔާން ކުރެއްވިއެވެ.
މީގެއިތުރުން މިއަދު އަޅުގަނޑުމެންގެ ހާލަތަކީ ރަމަޟާން މަހުގެ ފަހު ދިހައާ ހަމައަށް އަންނައިރު އަޅުކަންކަމުން ދުރުވުންކަން ހާމަކުރެއްވިއެވެ. އެހެންނަމަވެސް ވޯލްޑް ކަޕް ކަހަލަ މުބާރާތްތަށް ފަހު ކޮޅަށް ދާ ވަރަކުން އަޅުގަނޑުމެން އޮފީހުން ޗުއްޓީނަގަައިގެންވެސް މެޗްތަށް ބެލުމަށް ހުސްވާކަމަށް ޝެއިޚް ވިދާޅުވިއެވެ. އެހެންކަމުން މި ބަރަކާތްތެރި މަހު ފަހު ދިހައެއްގައި އަޅުގަނޑުމެން އަޅުކަން ކުރުމުގައި ވަގުތު ހޭދަ ކުރުމަށް ގޮވާލެއްވިއެވެ. އަދި މި މަހުގައި ލައިލަތުލް ޤަދުރި ވިލޭރޭ ވާކަމާއި އެ ރޭގެ އަޅުކަން 83 އަހަރުގެ ހެޔޮކަމާއި އެއްވަރުކަމަށް ވިދާޅުވިއެވެ.
އިތުރަށް ޝެއިޚް މުހައްމަދު މޫސާ ހާމަކުރެއްވީ ރޯދަ ވިއްލާ ވަގުތު ގިނަ ބަޔަކު ސިނގިރޭޓުން ރޯދަ ވިއްލާކަމަށެވެ. އޭގެ ބަދަލުގައި ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމްގެ ސުންނަތުގައި ވާގޮތުގެ މަތިން ރޯދަ ވިއްލުމަށް ޝެއިޚް ނަޞޭޙަތްތެރިވިއެވެ. އެގޮތުން ކަދުރުން ނުވަތަ ފެން ފޮދަކުން ރޯދަ ވިއްލުމަށް ޝެއިޚް ނަޞޭޙަތްތެރިވިއެވެ.
މީގެއިތުރުން ޤިޔާމަތުގެ ވާހަކަތަށް ޝެއިޚް ހަނދާން ކޮށްދެއްވިއެވެ. އަދި މަރުވެގެން ދާއިރު މިއަދު ތިބާ ކޮށްފައިވާ ހެޔޮ އަމަލު ނޫނީ ގެންދަން ނުލިބޭނެކަން ޝެއިޚް ފާހަނގަކުރެއްވިއެވެ. އެހެންކަމުން ކޮންމެ މީހަކުވެސް މަރުވާނެކަން ޝެއިޚް ހަނދާންކޮށްދީ، ހެޔޮ އަމަލުކުރުމަށް ނަޞޭޙަތްތެރިވިއެވެ.
ގާތްގަނޑަކަށް އެއް ގަޑިއިރަށް ކުރިޔަށް ގެންދިޔަ މި ދަރުހުގައި ގިނަ އަދަދެއްގެ މީހުން ބައިވެރިވިއެވެ. އަދި ސުވާލު ކުރުމުގެ ފުރުޞަތުވެސް ވަނީ ދީފައެވެ. މި ދަރުހަކީ އިސްލާމިކް މިނިސްޓްރީ އާއި ކަނޑިތީމް ކައުންސިލް ގުޅިގެން ކުރިޔަށް ގެންދިޔަ ދަރުހެއްކަމަށް ކައުންސިލުގެ ރައީސް ނަސްރުﷲ އަބްދުލް ޣަނީ ވިދާޅުވިއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...