ގޯލްޑަން ޗާން ބަޓަރ އަކީ ޙަލާލު އެއްޗެއް ނޫންކަމަށް މެލޭޝިޔާ އިން ކަނޑައެޅުމާއި ގުޅިގެން، ރާއްޖޭގައި ވެސް އެބާވަތް ބޭނުންކުރަމުންދާތީ އެކަމާމެދު ގޮތެއް ނިންމެވުމަށް މަޝްވަރާކުރައްވަން ފައްޓަވާފައިވާ ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ބުނެފިއެވެ.
އެ މިނިސްޓްރީ އިން މިކަމާއި ގުޅޭ މަޝްވަރާތައް ފައްޓަވާފައިމިވަނީ، ރާއްޖެއަށް މިބާވަތް އެތެރެކުރާ ފިހާރައަކުން މީގެ އެއްލައްކަ ޑޮލަރުގެ ޝިޕްމަންޓަކަށް އޯޑަރދީފައިވާކަމުގައި ރާއްޖޭގެ ބައެއް ޚަބަރުފަތުރާ ވަސީލަތްތަކުން ހާމަކޮށްފައި ވަނިކޮށެވެ. މިކަމާއި ގުޅިގެން އެ މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރ އަޙްމަދުﷲ ޖަމީލް އާއި ޙަވާލާދީ އެމްއެންބީސީ ވަން އިން ބުރާސްފަތި ދުވަހު ބުނެފައިވަނީ ކަމާއި ގުޅޭ އެއްވެސް ރަސްމީ މަޢުލޫމާތެއް ލިބިފައިނުވާ ކަމަށެވެ. އަދި ދިވެހި ރާއްޖޭގެ ޙަރާމް ޙަލާލް ކަނޑައެޅުމާއި ގުޅޭ ކޮމިޓީ އިން މިކަން ބަލާ ވެރިފައިކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ނިއުޒިލޭންޑްގެ ބޯލިންޓައިން ފުޑް އިން އުފައްދާ، ދުނިޔޭގައި އެންމެ ފުޅާ ދާއިރާއެއްގައި ވިއްކަމުންދާ ގޯލްޑެން ޗާން ބަޓަރ އަކީ ޙަލާލު ނޫން އެއްޗެއް ކަމަށް މެލޭޝިއާގެ އިސްލާމިކް ޑިވަލޮޕްމަންޓް ޑިޕަރޓްމަންޓުން މިދިޔަ ބުރާސްފަތި ކަނޑައަޅާފައި ވަނީ އެ ބަޓަރުގައި އޫރުގެ ޑީއެންއޭ ހިމެނޭކަމަށް ތަޙްލީލްތަކުން ކަށަވަރުވުމާއި ގުޅިގެންނެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...