މިއަހަރު މުދަލުޒަކާތަށް ލިބުނު ފައިސާގެ ތެރެއިން ފީސަބީލިއްﷲ ބައިން މަތީތަޢުލީމަށް ސްކޮލާޝިޕްތަކެއް ދިނުމަށް ޒަކާތު ކޮމެޓީން ނިންމާފައިވާ ކަމަށް އިސްލާމިކް އެފެއާޒް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އައްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސައިދު ވިދާޅުވީ އެއްވެސް އިންޓަރެސްޓެއްނެތި ދޭ މިސްކޮލާރޝިޕްތަކަށް ފަސް މިލިޔަން ރުފިޔާ ކަނޑައަޅާފައިވާ ކަމަށާއި އަދި މިސްކޮލާރޝިޕްތަކުގެ ދަށުން ޑިޕޮލޮމާއިން ފެށިގެން ޑިގްރީއާއި ހަމައަށް ކިޔެވޭނެ ކަމުގައި އޭނާ ވިދާޅުވިއެވެ. ނަމަވެސް ކުދިން ފޮނުވުމުގައި ބަލާނީ އަގުހެޔޮ ގައުމުތަކަށް ކަމަށާއި މީގެތެރޭގައި އިންޑިޔާ، ޗައިނާ، ރަޝިޔާ، ސްރީލަންކާފަދަ ގައުމުތައް ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ.
މިގޮތަށް ސްކޮލާރޝިޕްތަކެއް ދޭން ނިންމީ ވަރަށް މޮޅެތި ކުދިންވެސް ފަގީރުހާލުގައި އިތުރަށް ކިޔެވޭނެ ފުރުސަތުނެތިފައި ތިބޭތީ އެފުރުސަތު ހޯދައިދިނުމަށް ކަމަށް ޝަހީމް ވިދާޅުވިއެވެ. ޝަހީމް އިތުރަށް ވިދާޅުވީ މިކަމާއިބެހޭ ގޮތުން މިހާރު މިނިސްޓްރީ އޮފް ހިޔުމަން ރިސޯސަސް އާއި ވާހަކަދައްކާފައިވާ ކަމަށާއި، މިކަމުގައި އިދާރީ ގޮތުން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރާނީ އެމިނިސްޓްރީއިން ކަމުގައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...