ރާއްޖޭގެ ޚަބަރު ރަމަޟާން މަހުގެ ޙުރުމަތްތެރިކަން ކަނޑާނުލުމަށް ޝައިޚް އާދަމް ޝަމީމް އިލްތިމާސްކުރައްވައިފި

ރަމަޟާން މަހުގެ ޙުރުމަތްތެރިކަން ކަނޑާނުލުމަށް ޝައިޚް އާދަމް ޝަމީމް އިލްތިމާސްކުރައްވައިފި

ކިޔާލަން ހޭދަވާނީ 4 މިނިޓް

ފޮންޓް ސައިޒް

ލިޔުނީ : ޙަސަން ޝިޔާޒް

ރަމަޟާން މަހުގެ ޙުރުމަތްތެރިކަން ކަނޑާނުލުމަށާއި، މިމާތް މައްސަރުގައި ނުބައި ކަންތައްތައް ކުރަމުންދާ މީސްތަކުން އެފަދަ ކަންތައްތައް ހުއްޓާލުމަށް ޝައިޚް އާދަމް ޝަމީމް ބިން އިބްރާހީމް އިލްތިމާސްކުރައްވައިފި އެވެ.

މި ރަމަޟާން މަހުގެ 5 ވީ ހުކުރު ދުވަހުގެ އަސްރު ނަމާދަށް ފަހު މަސްޖިދު ސުލްޠާން މުޙައްމަދު ތަކުރުފާނުލް އައުޒަމްގައި ޝައިޚް ދެއްވި ދަރުސްގައި ވާހަކަފުޅުދައްކަވަމުން، މި ބަރަކާތްތެރި މޫސުމްގައި ﷲ ގެ އަޅުތަކުން އެކަލާނގެ ދީނާއި ދުރުހެލިކޮށް ޝައިޠާނާގެ މަގަށް ގެންދަން މަސައްކަތްކުރާ ފަރާތްތައް ﷲ އަށް ބިރުވެތިވުމަށް ޝައިޚް ގޮވާލެއްވިއެވެ.

"ރޯދަ މަތިން ހަނދާން ނެތިކުރުވާ އެކަލާނގެ ޒިކުރުގެ މަތިން ހަނދާން ނެތި ކުރުވާ އެކަލާނގެއަށް ކިޔަމަންތެރިވުމުން ހަނދާން ނެތިކުރުވުމުގެ މަސައްކަތް މިމޫސުމުގައި އަޅުގަނޑުމެންގެ ތެރެއިން މަދުން ނަމަވެސް ބަޔަކު ކުރޭ. އެހެންވެ ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމް އަންގަވާފައި ވަނީ ރަމަޟާން މަހަކީ މުސްލިމުންނަށްޓަކައި، މުއުމިނުންނަށްޓަކައި އެންމެ ހެޔޮވެގެންވާ މައްސަރޭ. ހަމަ އެފަދައިން ރަމަޟާން މަހަކީ އެއީ މުނާފިޤުންނަށްޓަކައި އެންމެ ނުބައި އެމީހުން އެންމެ ކަންބޮޑުވާ އެންމެ ޖެހިލުންވާ މައްސަރު. ކީއްވެގެންތޯ؟ އެބައިމީހުންނަށް ﷲ ޙަރާމް ކުރެއްވި ކަންތައްތަކުން ދުރުހެލިވުމުގެ އިތުރަށް އެބައިމީހުންގެ އަމިއްލަ ލައްޒަތުތަކުންވެސް ދުރުވާން ޖެހޭތީ." ޝައިޚް ވިދާޅުވިއެވެ.

ޝައިޚް ވިދާޅުވީ ﷲ ގެ މަގުން މީސްތަކުން ޣާފިލްކުރުވުމަށްޓަކައި އެކަލާނގެ މަގުން މީސްތަކުން ފުރެއްދުމަށްޓަކައި ޝައިޠާނުންގެ ތެރެއިން މާރިދުންނާއި ނުބައި ނުލަފާ ޝައިޠާނުން ކަސްތޮޅު އެޅުވުނު ނަމަވެސް އެބައިމީހުންގެ ފަރާތުން އެބައިމީހުން ފޮނުވައިގެން ތައްޔާރުކޮށްފައިވާ ބަޔަކު މަސައްކަތްކުރަމުންދާ ކަމަށެވެ. އެބައިމީހުން މަސައްކަތްކުރަނީ މީސްތަކުން ދުވާލު ރޯދައަށް ތިބޭ އިރު ރޯދައިގެ މަތިން ހަނދާނުން ދުރުކުރުވުމަށާއި، ނުބައި ކަންތައްތައް ޢާއްމުކުރުވުމަށާއި ރޭގަނޑުގައި ތަރާވީހް ނަމާދު ނުވަތަ ޤިޔާމުއްލައިލްގެ އަޅުކަމުން ދުރުކުރުވުމަށް ކަމަށާއި ޝައިޠާނީ ޢަމަލުތައް ފަތުރަން ވަރަށް ގިނަ ބަޔަކު މަސައްކަތްކުރާ ކަމަށެވެ.

" يَا بَاغِيَ الشَرِّ أَقْصِرْ " ( "އޭ ނުބައި ޢަމަލުކުރާ މީހުންނޭވެ! ހުއްޓާލާށެވެ! ފަހަށް ޖެހޭށެވެ!" ) މާތް ﷲ ގެ މިނިދާ އަށް އިޖާބަ ދޭން ޖެހޭ އަޅުގަނޑުމެންގެ ތެރެއިން މީޑިއާ ހިންގާ ފަރާތްތައް. ޓީވީ ޗެނަލްތައް ހިންގާ ފަރާތްތައް. ރޭޑިއޯ ތަކާއި އަދިވެސް އެހެނިހެން ނިއުސް އަޚްބާރުތަކުގެ އަހުލުވެރިންނާއި އެންމެހާ މަޞްޢޫލުވެރި ފަރާތްތައް އެބައިމީހުންގެ ދަށުގައިވާ މީސްތަކުންނާއި އެބައިމީހުންގެ ބާރުގެ ދަށުގައިވާ އިންސާނުންނަށް ޚަބަރުތަކާއި ކަންތައްތައް މަޢުލޫމާތު ފޯރުކޮށްދޭ ހުރިހާ ވަޞީލަތްތަކެއްގެ އަހުލުވެރިން ﷲ ގެ ނިދާ އަށް އިޖާބަ ދޭން ޖެހޭ. އެފަދަ ވަޞީލަތްތައް މެދުވެރިކޮށް ޝައިޠާނީ ޢަމަލުތައް މުސްލިމް ޤައުމުތަކުގައި އަދި މިމާތް މޫސުމްތަކުގައި އެބަ ފެތުރެމުންދޭ. އެފަދަ ކަންކަމުގައި މީސްތަކުން ޖެހިފައިވޭ. ދުވާލުދާ ހަތަރު ދަމު ރޯދަ ކުރުކުރުމުގެ ނަމުގައި މުޅިން ކުޅިވަރާއި ސަކަރާތުގައި. ރޭގަނޑު ހަތަރުދަމު އަޅުކަން ކުރުމުގެ ބަދަލުގައި މުޅިން ލޯތްބާއި އިޝްޤީ ކަންތައްތަކާއި އަދިވެސް ކުޅިވަރާއި މަޖަލުގެ ތެރޭގައި" ޝައިޚް ވިދާޅުވިއެވެ.

ޝައިޚް ވިދާޅުވީ މި މާތް މޫސުމްގައި އެންމެންވެސް ހެޔޮކަންތައްތަކަށް އަވަސްވެގަންނަން ޖެހޭ ކަމަށާއި ނުބައިކަންތައްތަކުން ދުރުހެލިވާން ޖެހޭ ކަމަށެވެ. އަދި ޝައިޠާނާގެ މުދާތައް ބާޒާރުގައި ވިއްކާ، ޝައިޠާނާގެ މަގަށް ގޮވާ މީހުން އެކަން ހުއްޓާލަން ޖެހޭ ކަމަށެވެ.

އިތުރަށް ޝައިޚް ވިދާޅުވީ ނުބައިކަންތައްތައް އަބަދުވެސް ނުބައިކަން ކަމަށާއި، ނުބައި ކަންތައްތައް ކުރުމަށް ކަނޑައެޅިފައިވާ ތަންތަނުގައި އެކަން ކުރުމަށްވުރެ ހެޔޮކަން ކަން ކުރުމަށް ކަނޑައެޅިފައިވާ ތަނެއްގައި އެފަދަ ކަމެއް ކޮށްފި ނަމަ އޭގެ ފާފަ މާ ބޮޑު ކަމަށެވެ. އަދި ވިދާޅުވީ އެގޮތުން ރަމަޟާން މަހުގައި ނުބައި ކަންތައްތައް ކުރާ މީހުން އެ ފާފަ ކުރުމުގެ އިތުރަށް މިމާތް މޫސުމްގެ ޙުރުމަތް ކަނޑާލެވެނީ ކަމަށާއި، އެކުރެވެނީ ނުބައިކަން އެތައް ގުނައެއް ބޮޑު ފާފައެއް ކަމަށެވެ.

ހެޔޮކަންތައްތަކުގެ އަހުލުވެރިން ހެޔޮކަންތައްތައް ގިނަކޮށް ހެޔޮކަންތައްތައް މަތީ ދެމިހުންނަން މަސައްކަތްކުރަން ޖެހޭނެ ކަމަށެވެ. އަދި ނުބައި ކަންތައްތަކުގެ އަހުލުވެރިން މިމާތް މޫސުމްގައި ލިބިފައިވާ ފުރުޞަތު ހެޔޮ ކޮށް ހިފާ ނުބައި ކަންތައްތަކުން ދުރުހެލިވުމަށާއި ތައުބާވެ ނަފްސު އިޞްލާހްކުރުމަށް ތަމްރީނު ހޯދަން ޖެހޭ ކަމަށެވެ.

ޝައިޚް އާދަމް ޝަމީމް މިހާރު ހުންނެވީ މެލޭޝިއާ ގައެވެ. ޝައިޚް ފުރާވަޑައިގެންނެވީ މިދިޔަ ހުކުރު ދުވަހުގެ ރޭގައެވެ.  ޝައިޚް ވަނީ 2003 ގައި މަދީނާ އިސްލާމިކް ޔިނިވަރސިޓީ އިން ބެޗްލަސް ޑިގްރީ (ބީއޭ) ޙާޞިލްކުރައްވާފައެވެ. އެއަށްފަހު 2009 ގައި އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވާރސިޓީ މެލޭޝިއާ އިން މާސްޓަރސް (އެމްއޭ) ޙާޞިލްކުރައްވާފައި ވެއެވެ.  އަދި ހަމަ އެ ޔުނިވަރސިޓީގައި ޝައިޚް މިހާރު ކިޔަވާވިދާޅުވަމުން ގެންދަވަނީ "ޑޮކްޓަރ އޮފް ފިލޯސަފީ (ޕީއެޗްޑީ) އިން އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހެރިޓޭޖް (އުސޫލުއްދީން އެންޑް ކޮމްޕަރެޓިވް ރިލިޖަން)" އެވެ.

ޝައިޚް މެލޭޝިއާގައި ހުންނަވާ އިރު އެތަނުގައި ދިރިއުޅޭ ދިވެހިންނާއި ދިވެހި ކިޔަވާ ކުދިންނަށް ދަޢުވަތު ދިނުމުގައި އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީގައާއި ޔުނިވަރސިޓީއިން ބޭރުގައި ދީނީ ނަސޭހަތް ދެއްވަމުން ގެންދަވައެވެ. އަދި މެލޭޝިއާގައި ހުންނަވާ ސްކައިޕް މެދުވެރިކޮށް "މައައްޝަބާބް – ޒުވާނުންނާއެކު" ނަމުގައި ކޮންމެ އާދީއްތަ ދުވަހެއްގެ ރޭ ދިވެހި ޒުވާނުންނަށް ޚާއްޞަ ޕްރޮގްރާމެއް ވެސް ކުރިއަށް ގެންދަވައެވެ.

ޝައިޚް ޗުއްޓީގައި ރާއްޖޭގައި ހުންނެވި ދުވަސްތަކުގައި މާލޭގެ އިތުރުން އެހެނިހެން ބައެއް ރަށްރަށުގައި ދަރުސްތަކާއި ދަޢުވަތުގެ ގިނަ ޕްރޮގްރާމްތަކެއް ހިންގާފައިވެއެވެ. އެގޮތުން ހއ، ހދ، ށ، ނ، ރ، ދ، ތ، ގދ، މި އަތޮޅުތަކުގެ ބައެއް ރަށްރަށުގައާއި، ކ.ހިންމަފުށި އަދި ކ.ގުރައިދޫގައި ދަރުސް ދެއްވާފައިވެއެވެ. މާލޭގައި ޒުވާނުންނަށް ޚާއްޞަ ދަރުސެއް ދެއްވުމުގެ އިތުރުން "މައައްޝަބާބް – ޒުވާނުންނާއެކު" ގެ ބައެއް ލައިވް ޕްރޮގްރާމްތަކާއި ރޭޑިއޯ ޕްރޮގްރާމްތަކުގައި ބައިވެރިވެލައްވާފައިވެއެވެ. އަދި ދީނީ ކަންކަން އޮޅުންފިލުވަން ބޭނުންވާ ބައެއް ޒުވާނުންނާއެކު ކޮފީ އިން ބައްދަލުކުރުމުގެ ފުރުޞަތުދެއްވާ ނަޞީހަތް ދެއްވާފައިވެއެވެ. އަދި ޖަމްޢިއްޔަތުއްސަލަފުން "ނަމާދު ވޯކްޝޮޕް" ގެ ނަމުގައި ފިރިހެން ބޭފުޅުންނަށާއި އަންހެން ބޭފުޅުންނަށް ވަކިވަކިން ހިންގި ދެ ދުވަހުގެ ވޯކްޝޮޕެއްގައި ކިޔަވާދެއްވާފައިވެއެވެ.

ޝައިޚް އާދަމް ޝަމީމް 5 ރަމަޟާން 1432 ގައި އިސްލާމީ މަރުކަޒްގައި ދެއްވި ދަރުސް އަޑުއެއްސެވުމަށް

ޓެގް

ޝައިޚް އާދަމް ޝަމީމް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.