ލިޔުއްވީ : ފަޟީލަތުއްޝައިޚް އިދްރީސް ޙުސައިން
- ރޯދަ ވީއްލުމަށްޓަކައި ކަދުރު ނުވަތަ ފެން ހިފައިގެން ތައްޔާރުވެ އިނުން. (ފިރިހެނުން މިސްކިތުގައި)
- ރޯދަވީއްލުމާ ހަމައަށް ޤުރުއާން ކިޔެވުމުގައި މަޝްޣޫލުވެ އިނުން. (ނުވަތަ ދުޢާއާއި ޛިކުރުގައި)
- ބަންގީގެ އަޑަށް ވަގުތުން ރޯދަ ވީއްލުން
- އަވަސް އަވަހަށް ރޯދަ ވީއްލައި، މަޣްރިބު ނަމާދުގެ ޖަމާޢަތަށް އިމާމާގެ ފުރަތަމަ ތަކުބީރުގައި ބައިވެރިވުން
- ނަމާދަށްފަހު ޛިކުރުތަސްބީޙައާއި ދުޢާއިން ނިމިގެން ރަވާތިބު ސުއްނަތް ކުރުން
- ޢިޝާ ނަމާދަށް ބަންގި ގޮވުމުގެ ކުރިން މިސްކިތަށް ދިޔުމަށް ގަދައަޅާ މަސައްކަތް ކުރުން
- މިސްކިތަށް ވަދެ އިށީނުމުގެ ކުރީގައި މަސްޖިދު ސުއްނަތް ކުރުން
- ޢިޝާ ނަމާދުގެ ފަހުން ތަރާވީޙު ނަމާދު ޖަމާޢަތުގައި މުޅި ރޯދަމަހު އެއްމެ ރެއެއްވެސް ދޫ ނުކޮށް ކުރުމަށް ގަދައަޅާ މަސައްކަތް ކުރުން
- ތަރާވީޙް ނަމާދާއި ވިތުރިއަށްފަހު ނިދުމާއި ދެމެދު ގިނައިރު ނުކޮށް އަވަހަށް ނިދުން
- ނިދުމުގެ ކުރީގައި ދަތްއުނގުޅުމާއި، ވުޟޫކުރުން. އަދި ސަތޭކަ ފަހަރު(أَسْتَغْفِرُ اللَّهَ رَبِّي مِنْ كُلِّ ذَنْبٍ وَأَتُوْبُ إِلَيْهِ) އަޅު ހައްދަވާ ގެންގުޅުއްވާ އަޅުގެ ވެރިއިލާހުގެ ޙަޟްރަތުން އަޅު އެއްމެހާ ފާފަ ފުއްސެވުން އެދެމޭ. އަދި އެއިލާހުގެ މަގަށް އެނބުރިގަންނަމޭ. ކިޔުން
- ދަމު ނަމާދަށް ތެދުވުމަށް ގަދައަޅާ މަސައްކަތް ކުރުން
- ޖަމާޢަތުގައި ދަމުނަމާދު ކުރުމަށް ގަދައަޅާ މަސައްކަތް ކުރުން
- ހާރުކެއުން ވީހާވެސް ފަސްކުރުން
- ފަތިސްނަމާދު ޖަމާޢަތުގައި ކުރުން
- ފަތިސްނަމާދަށްފަހު ޛިކުރު ތަސްބީޙައާއި ދުޢާ ކުރުން (ޤުރްއާނުން މިންވަރެއް ކިޔެވުން)
- މެންދުރުނަމާދު ބަންގީގެ ކުރިން މިސްކިތަށް ދެވޭތޯ މަސައްކަތް ކުރުން
- މެންދުރު ނަމާދުގެ އިހުސުއްނަތާއި ފަހު ސުއްނަތަށް ރައްކާތެރިވުން
- ޖަމާޢަތުގެ އިތުރުކަން ލިބިގަތުމަށް ގަދައަޅާ މަސައްކަތް ކުރުން
- މެންދުރު ނަމާދަށްފަހު ކުޑައިރުކޮޅަކު ޛިކުރާއި ދުޢާގައި ނުވަތަ ޤުރްއާން ކިޔެވުމުގައި މިސްކިތުގައި މަޝްޣޫލުވެ މަޑުކުރުން. (ނުވަތަ ގޭގައި)
- ކަމެއް ނެތްނަމަ ލޮލާއި ކަންފަތް ސަލާމަތް ކުރުމަށް ގަދައަޅައިގެން ނިދާލުން
- ޢަޞްރު ނަމާދުގެ ވަގުތަށް ޙުރުމަތްތެރިކޮށް ހިތައި ޖަމާޢަތުގައި ނަމާދު ކުރުމަށް ފަރުވާތެރިވުން
- ޢަޞްރު ނަމާދަށްފަހު ޛިކުރާއި ދުޢާގައި ނުވަތަ ޤުރްއާން ކިޔެވުމުގައި މަޝްޣޫލުވުން.
- ގޭގެ މީހުންނަށް ކަންފަސޭހަ ކޮށްދިނުމުގައި އުޅޭއިރުވެސް ލޮލާއި ކަންފަތް އަދި ދޫ ރައްކާކުރުން
- ރޯދަ ވީއްލުމަށްޓަކައި އިސްވެ ދެންނެވިފައިވާގޮތަށް ތައްޔާރުވުން.
ކޮމެންޓް (0)
ލޯޑް ކުރަމުން...