ދީން ރޯދަ ފަރުޟު ކުރެއްވުމުގެ ޙިކުމަތް - 2

ރޯދަ ފަރުޟު ކުރެއްވުމުގެ ޙިކުމަތް - 2

ރޯދަ ފަރުޟު ކުރެއްވުމުގެ ޙިކުމަތް - 2

ކިޔާލަން ހޭދަވާނީ 4 މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އައްޝައިޚާ މަރްޔަމް ޝަބާނާ

ގަސްދުގައި ރޯދަ ދޫކޮށްލުމުގެ ޙުކުމް:

ރަމަޟާންމަހުގެ ރޯދައަކީ މުސްލިމުންގެ މައްޗައް ވާޖިބު ކުރައްވާފައިވާ އަޅުކަމެކެވެ. އިސްލާމްދީނުގެ ރުކުންތަކުގެ ތެރެއިން ހަތަރުވަނަ ރުކުނަކީ ރަމަޟާންމަހު ރޯދަހިފުމެވެ. ދީން ފުރިހަމަވުމުގެ އެއްއަޞްލެއްކަމުގައި ރަމަޟާންމަހު ރޯދަހިފުންވެއެވެ. މިހެންވުމުން، އެންމެ ރޯދައެއްވިޔަސް ގަސްދުގައި ދޫކޮށްލުމަކީއިސްލާމްދީންގައި ޙަރާމްކަމެކެވެ. ޤަސްދުގައި ރަމަޟާންމަހުގެ ރޯދައެއް ދޫކޮށްލުމަކީ އެންމެ ބޮޑެތި ފާފަތަކުގެ ތެރެއިން ފާފައެކެވެ.

ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. " مَنْ أَفْطَرَ يَوْمًا مِنْ رَمَضَانَ فِى غَيْرِ رُخْصَةٍ رَخَّصَهَا اللَّهُ لَهُ لَمْ يَقْضِ عَنْهُ صِيَامُ الدَّهْرِ كُلُّهُ وَإِنْ صَامَهُ " މާނައީ: " މާތްﷲ ދެއްވާފައިވާ ރުޚްޞާއަކާ ނުލައި (އެބަހީ: ޝަރުޢީ އުޛުރެއްނެތި) ރަމަޟާންމަހުގެ ރޯދައެއް ދޫކޮށްލައިފި މީހާ، މުޅި އުމުރު ރޯދަ ހިފިޔަސް އެރޯދައިގެ ޤަޟާއެއްކަމުގައި ނުވާނެއެވެ."

ހަނދު ސާބިތުކުރުން:

ރަމަޟާންމަހުގެ ރޯދަ ވާޖިބުވާނީ ޝަޢުބާންމަހުގެ 29 ވަނަ ދުވަހު އިރު އޮއްސުމައްފަހު ހަނދު ފެނިއްޖެކަމަށް ޢަދުލުވެރި އެއްހެކީގެ ހެކިބަހުން ސާބިތުވުމުންނެވެ. ނުވަތަ ޝައުބާންމަހުގެ 30 ދުވަސް ހަމަވުމުންނެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވާފައިވެއެވެ. " صُوْمُوا لِرُؤْيَتِهِ وَأَفْطِرُوا لِرُؤْيَتِهِ فَإنْ غُمَّ عَلَيْكُمْ فَأَكْمِلُوا عِدَّةَ شَعْبَانَ ثَلاَثِيْنَ يَوْمَا " (رواه البخاري ومسلم)  މާނައީ: " ހަނދު ފެނުމުން ރޯދަ ހިފާށެވެ. އަދި ހަނދު ފެނުމުން ރޯދަ ދޫކޮށްލާށެވެ. އުޑުމަތި ސާފުނޫންނަމަ ޝައުބާންމަހުގެ 30 ހަމަކޮށް ރޯދަ ހިފާށެވެ."

ރޯދައިގެ ރުކުންތައް:

ރޯދައިގެ ރުކުންތައް ބެހެނީ ދެބަޔަކަށެވެ.

1-                 ފަޖުރުލީއްސުރެ ކެއިން ބުއިމާއި، ޖިންސީ އެދުންތަކުން ދުރުވުން: މާތްﷲ ވަޙީ ކުރައްވާފައިވެއެވެ. " فَالئنَ بَاشِرُواهُنَّ وَابْتَغُوا مَا كَتَبَ اللَّهُ لَكُمْ وَكُلُوا وَاشْرَبُوا حَتَّى يَتَبَيَّنَ لَكُمُ الْخَيْطُ الأَبْيَضُ مِنَ الخَيْطِ الأَسْوَدِ مِنَ الفَجْرِ ثُمَّ أَتِمُّوْا الصِّيَامَ إلَى الليْلِ " (سورة البقرة: 187)  މާނައީ: " ފަހެ މިހާރު ތިޔަބައިމީހުން އެކަނބަލުންނާއި ބީހި އުޅޭށެވެ! (އެބަހީ: ޖިންސީގޮތުން ދެމަފިރިންގެ މެދުގައި ހިނގާ ގުޅުންތައް ގުޅުނަސް އެންމެ ރަނގަޅެވެ.) އަދި ތިޔަބައިމީހުންނަށްޓަކައި މާތްﷲ ކަޑައަޅުއްވާ ލިޔުއްވާފައިވާގޮތް އެދިގަންނާށެވެ! އަދި ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ. ފަޖުރުގެ ސަބަބުން ކަޅު ރޮދީގެ ތެރެއިން ހުދު ރޮދި ( އެބަހީ: ރޭގަނޑުގެ އަނދިރިކަމުގެ ތެރެއިން ދުވާލުގެ އަލިކަން) ފައުޅުވެއްޖެއުމަށް ދާނެދެންނެވެ. ދެން އެއަށްފަހު ރޭވެއްޖެއުމަށް ދާންދެން ރޯދަ ފުރިހަމަކުރާށެވެ."

2-                 ނިޔަތްގަތުން: ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. " إنَّمَا الأَعْمَالُ بِالنِّيَاتِ وَإِنَّمَا لِكُلِّ امْرِءٍ مَا نَوَى " (رواه البخاري) މާނައީ: " ހަމަކަށަވަރުން ކޮންމެ ޢަމަލެއްވަނީ ނިޔަތްތަކުގެ މައްޗަށެވެ. އަދި ކޮންމެ ވެސް ވަނީ އެމީހަކު ނިޔަތްގަތް ގޮތަކަށެވެ."

ރޯދަ ވާޖިބުވުމުގެ ޝަރުތުތައް:

1-                 މުސްލިމަކު ކަމުގައިވުން: މިހެންވުމުން ކާފަރުން ހިފައި ރޯދަ މާތްﷲ ސުބުޙާނަހޫ ވަތާޢާލާގެ ޙަޟްރަތުގައި ޤަބޫލު ނުކުރެވޭ ހުއްޓެވެ. ރޯދަ ޤަބޫލު ކުރެވޭނީ ޝަހާދަތުގެ ދެކަލިމަ ކިޔައި އެކަން ދުލުން ޤަބޫލުކޮށްގެން ތިބޭ މުސްލިމުންގެ ރޯދައެވެ.

2-                 ބާލިޣުވުން: ކުޑަކުދިންނަށް ރޯދަހިފުން ވާޖިބެއްނޫނެވެ. ފިރެހެން ކުދިން ބާލިޣުވީ ކަމަށް ބެލެވޭނީ އިޙްތިލާމްވެގެން، ނުވަތަ އިސްމަތީގައި ހަރު އިސްތަށިފެޅުން، ނުވަތަ ފަނަރަ އަހަރުވުމުންނެވެ. އަދި އަންހެންކުއްޖަކު ނަމަ ޙައިޟްވުމުންނެވެ. ޙައިޟްވި ދުވަހުން ފެށިގެން ދީނުގެ ހުރިހައި ކަމެއްވާޖިބުވާނެއެވެ.

3-                 ބުއްދި ސަލާމަތުން ހުރުން: މޮޔަވެފައި ތިބޭމީހުން ރޯދަ ހިފާކަށް ނުޖެހޭނެއެވެ. މިހެންވުމުން ރޯދަހިފައި މީހަކީ ބުއްދި ސަލާމަތުން ހުރި މީހަކަށް ވާންޖެހެއެވެ. ނަމަވެސް އަމިއްލައަށް ބޭނުންކުރާ އެއްޗެއްގެ ސަބަބުން ބުއްދި ގޮސްފިނަމަ މިޙުކުމަކަށް ނުވަންނާނެއެވެ.

4-                 ރަށުގައި ޤާއިމްވެހުރުން: ދަތުރެއްގައިވާ މީހުންނަށް، އެދަތުރުގެ މަތީގައި އުޅޭ ދުވަސްވަރު ރޯދަ ހިފުން ވާޖިބެއް ނުވާނެއެވެ. ދަތުރުވެރިޔާއަށް ރޯދަ ދޫކޮށްލުން ހުއްދައެވެ. ނަމަވެސް ދަތުރުވެރިޔާ ދޫކޮށްލައި ރޯދަ ޤަޟާކުރަންޖެހެއެވެ.

5-                 ރޯދަ ހިފުމަށް ކުޅަދާނަވުން: ރޯދަ ނުހިފޭ ވަރުގެ ބަލި މީހުންނަށް ރޯދަހިފުން ވާޖިބެއްނޫނެވެ. ނަމަވެސް މިފަދަ ބަލި މީހުން ކޮންމެ ރޯދައަކަށް ފިދްޔަ ދޭންޖެހޭނެއެވެ.

6-                 ޙައިޟް ނިފާސްކަމުން ޠާހިރުވުން: ޙައިޟް ނިފާސްވެރިން ރޯދަ ހިފުން ޙަރާމްވެ. ނަމަވެސް އެދުވަސްތަކުގައި އެކަނަބަލުން ދޫކޮށްލާ ރޯދަތައް ޤަޟާކުރަން ޖެހޭނެއެވެ.

7- ޞިއްޙަތު ސަލާމަތުން ހުރުން: ރޯދަ ނުހިފޭވަރުގެ ބައްޔެއްގައިވާ މީހާއާއި، މާބަނޑު އަންހެނާ، ނުވަތަ ކިރުމައިމީހާއަށް ރޯދައަށް ހުރުމުގެ ސަބަބުން ވަރުބަލިވެ، ވަރުދެރަވާ ކަމަށް ވަނީނަމަ ރޯދަ ދޫކުރުން ހުއްދައެވެ. މިހެންވުމުން، ރޯދަ ވާޖިބުވުމުގެ ޝަރުތުތަކުތެރޭގައި ރޯދަ ހިފޭވަރަށް ތިމާގެ ޞިއްޙަތު ސަލާމަތުން ހުރުންހިނމެނެއެވެ.

ރޯދަ ޞައްޙަވުމުގެ ޝަރުޠުތައް:

މުސްލިމަކު ކަމުގައިވުން، ތަންދޮރު ވަކިކޮށްދެނެގަތުން، ބުއްދި ސަލާމަތުން ހުރުން، ޙައިޟް ނިފާސްކަމުން ޠާހިރުވުން، ރޯދަ ހިފައި ދުވަހަކީ، ރޯދަ ހިފުން ޙަރާމް ދުވަހެއްކަމުގައި ނުވުން. މިއެވެ. މި ޝަރުތުތަކުގެ ތެރެއިން ޝަރުތެއްފުރިހަމަ ނުވާނަމަ، ރޯދަ ޞައްޙައެއް ނުވާނެއެވެ.

ރޯދަ ޤަޟާކުރުމާއި ކައްފާރާ ދިނުން:

1-                 ހަމައެކަނި ރޯދަ ޤަޟާކުރުން: ފިދްޔަ ދެއްކުމެއްނެތި ރޯދަ ޤަޟާކުރަން ޖެހޭނީ ރަމަޟާންމަހު ރޯދަ ދޫކޮށްލެވޭ އުޛުރަކައި ލައިގެން ދޫކޮށްލައި ރޯދަ ތަކުގައެވެ. މިހެން ކަމުން، ބަލިވުން، ދަތުރުކުރުން، ޙައިޟް ނިފާސްކަން، މާބަނޑު އަންހެނާ، ނުވަތަ ކިރުމައިމީހާ އޭނާއަށްލިބޭ ވަރުބަލިކަމެއްގެ ސަބަބުން ނުވަތަ އޭނައަށް ގެއްލުމެއްލިބިދާނެ ކަމަށް ބިރުއޮތްނަމައެވެ. މާތްﷲ ވަޙީކުރެއްވިއެވެ. " وَمَنْ كَانَ مَرِيْضًا أَوْ عَلَى سَفَرٍ فَعِـدَّةٌ مِنْ أَيَّامٍ أُخَرَ" (سورة البقرة: 185) މާނައީ: " ފަހެ، ތިޔަބައިމީހުންގެ ތެރެއިން ބަލިވެއުޅޭމީހާ، ނުވަތަ ދަތުރެއްގެ މަތީގައިވާ މީހާ، އެހެން ދުވަސްތަކަކުން އެ ޢަދަދު ހަމަކުރުން ހުއްޓެވެ."

2-           ރޯދަ ޤަޟާކުރުމާއިއެކު ފިދްޔަދިނުން: ޝަރުޢީ އުޒުރަކާ ލައިގެން ރޯދަ ދޫކޮށްލުމަށްފަހު އެރޯދަ ދޫކޮށްލި ރޯދަމަހުގެ ރޯދަ ނުހިފައި ހުއްޓާ އަނެއްމަހުގެ ރޯދަމަސް އައިސް ޖެހިއްޖެނަމަ ޤަޟަކުރުމާއި އެކު ފިދްޔަ ދައްކަންޖެހޭނެއެވެ. ހަމައެފަދައިން، މާބަނޑުމީހާއާއި ގާތުން ކިރުދޭމީހާ ރޯދަ ދޫކޮށްލަނީ، ހަމައެކަނި ބަނޑުގައިވާ ދަރިފުޅައްޓަކައިނަމަ، ދަރިފުޅައްލިބިދާނެ ގެއްލުމަކަށްޓަކައިނަމަ އެއަދަދަށް ރޯދަހިފައި ފިދްޔަދޭންޖެހޭނެއެވެ.

3-              ހަމައެކަނި ފިދްޔަ ދިނުން: މުސްކުޅި ބަލީގެ ސަބަބުން ރޯދަ ނުހިފުން، ނުވަތަ ރޯދަ ނުހިފޭ ވަރުގެ ބައްޔެއް ހުންނަމީހުން. މިބައި މީހުންނަށް ރޯދަ ޤަޟާކުރުމެއް ނެތެވެ. ހަމައެކަނި ފިދްޔަ ދެއްކުމުން ފުދޭނެއެވެ. މާތްﷲ ވަޙީ ކުރެއްވިއެވެ. " وَعَلَى الَّذِيْنَ يُطِيْقُونَهُ فِدْيَةُ طَعَامُ مِسْكِيْنٍ" (سورة البقرة: 184) މާނައީ: " އުނދަގޫކަމާއިއެކު އެކަމަށް ކުޅަދާނަވާމީހާގެ މައްޗައްއޮތީ ފިދުޔަ ދިނުމެވެ. އެއީ މިސްކީނަކަށް ކާންދިނުމެވެ."

(ނިމުނީ)

=ދީނީ ހޭލުންތެރިކުރުމާބެހޭ ބައި=

ޓެގް

ރޯދަ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.