ލިޔުނީ: އައްޝައިޚާ މަރްޔަމް ޝަބާނާ
މާތްﷲ ޞުބުޙާނަހޫ ވަތާޢާލާ އަޅުންގެ މައްޗައް ކަމެއް ފަރުޟު ކުރައްވައިފިނަމަ އެކަމެއްގައި ޙިކްމަތެއް ލައްވައެވެ. ހުރިހާ އަޅުކަމެއްގައި ޙިކްމަތެއް ލެއްވިފަދައިން ރޯދައިގައި ވެސް ވަރަށް މަތިވެރި ޙިކްމަތެއް ލެއްވިއެވެ. ރޯދަވެރިޔާ ނުކައި ނުބޮއެ ހުރުމުގެ ޙިކްމަތަކީ ކޮބައިތޯއެވެ؟ ނުކައި ނުބޮއެ އުޅޭ ފަޤީރުންނާއި މެދު ހަނދާންކުރުމެވެ. އަދި ފަޤީރުން ދުނިޔޭގައި އުޅޭކަމާއި އެމީހުންނަށް އެހީތެރިވުމުގެ ގޮތުންނެވެ. ރޯދަ ވެރިޔާ ނުކައި ނުބޮއެ ހުރުމުން ބަނޑުހައި ހޫނުކަން އިހްސާސްކުރަން ޖެހެއެވެ. މިކަމުގެ ސަބަބުން ދުނިޔޭގައި ބަނޑުހައި ހޫނުކަންމަތީ އުޅޭ ފަޤީރުން މަތިން ހަނދާންވާނެއެވެ. އަދި އެމީހުންނަށް އަޅައިލާ އެމީހުންގެ އިޙްސާސްތައް ދެނެގަތުމަށް ލިބޭ ފުރުޞަތެކެވެ. ހަމައެހެންމެ، ރޯދަމަހުގެ ސަބަބުން ނަފްސު ތޯހިރުވެއެވެ. ތިމާގެ ފާފަތައް ފުހެވުމަށް ހުޅުވޭ ދޮރަކަށް ވެއެވެ. އަދި ކެތްތެރިވުމާއި ޢަޒުމް ވަރުގަދަވުމަށް ދަސްވެއެވެ. ރޯދައަށް ހުރުމުގެ ސަބަބުން ދުނިޔޭގެ އެނދުންތަކާ ދުރުވެ ﷲ ޞުބުޙާނަހޫ ވަތަޢާލާއަށް ބިރުވެތިވެ، އެކަނލާނގެ މަތިން ހަނދާން ކުރެއެވެ.
ރޯދައިގެ މާތްކަން:
ރޯދައިގެ މާތްކަމާއި މަތިވެރިކަމާ ބެހޭގޮތުން ކީރިތި ރަސޫލާ صلى الله عليه وسلم ގެ އެތައް ޙަދީޘް އެއް ވާރިދުވެފައިވެއެވެ. މާތްﷲ ޞުބުޙާނަހޫ ވަތަޢާލާއަށް ކުރެވޭ ކޮންމެ އަޅުކަމަކީ އެކަނލާންގެ ރުހުން ހޯދުމަށްޓަކައި ކުރެވޭއަޅުކަމަކަށް ވާންޖެހެއެވެ. ވީމަ އެކަލާނގެ ވަޖުހުފުޅައްޓަކައި ރޯދަ ހިފުމަކީ ވަރަށް މަތިވެރި ޘަވާބާއި ދަރުމަ ލިބޭ އަޅުކަމެކެވެ.
ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައި ވެއެވެ. " مَنْ صَامَ يَوْمًا فِى سَبِيْلِ اللَّه بَاعَد اللّهُ وَجْهَهُ عَنِ النَّارِ سَبْعِيْنَ خَرِيْفًا " (رواه البخاري ومسلم) މާނައީ: "މީހަކު އެންމެ ދުވަހަކު ވެސް ﷲއަށްޓަކައި ރޯދައެއް ހިފައިފި ނަމަ، އެމީހެއްގެ މޫނު ނަރަކައާއި ހަތްދިހަ އަހަރުގެ ރާސްތާއަކަށް މާތްﷲ ދުރުކުރައްވާނެއެވެ."
ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވިއެވެ. " إِنَّ فِى الْجَنَّةِ بَابًا يُقَالُ لَهُ الرَّيَّانُ يَدْخُلُ مِنْهُ الصَّائِمُوْنَ يَوْمَ الْقِيَامَةِ لاَ يَدْخُلُ مَعَهُمْ أَحَدً غَيْرُهُمْ يُقَالُ أَيْنَ الصَّائِمُوْنَ فَيَدْخُلُوْنَ مِنْهُ فَإِذَا دَخَلَ آخِرُهُمْ أَغْلِقْ فَلَمْ يَدُخُلْ مِنْهُ أَحَدٌ " (رواه البخاري ومسلم) މާނައީ: " ހަމަކަށަވަރުން ސުވަރުގޭގައި ދޮރުކޮޅެއް ވެއެވެ. އެދޮރުކޮޅަށް އައްރައްޔާން އޭ ކިޔެއެވެ. ޤިޔާމަތްދުވަހު އެދޮރުކޮޅުން ރޯދަވެރިން ފިޔވައި އެހެން އެއްވެސް މީހަކު ނުވަންނަ ހުއްޓެވެ. ޤިޔާމަތްދުވަހުން ގޮވާލެވޭނެއެވެ. ރޯދަވެރިން ކޮބައިހެއްޔެވެ؟ ދެން އެމީހުން އެދޮރުކޮޅުން ވަންނާނެއެވެ. އެމީހުންގެ ތެރެއިން އެންމެފަހު މީހާ ވަނުމުން އެދޮރުކޮޅު ބަންދުކުރެވޭނެއެވެ. ދެން އެކަކުވެސް އެދޮރުކޮޅުން ނުވަންނާނެއެވެ."
މިޙަދީޘްތަކުން އެނގެނީ ރޯދައަކީ ވަރަށް މަތިވެރި އަޅުކަމެއްކަމެވެ. ރޯދަ ހިފުމުން ލިބޭ މަތިވެރި ޘަވާބާއި ދަރުމަ ގިނަގުނަ ކަމެވެ. ރޯދަވެރިންނަށް ޚާއްސަވެގެންވާ ދޮރުކޮޅެއް ސުވަރުގޭގައި ލެއްވުމަކީ ރޯދައިގެ މަޤާމް އަންގައިދޭ ކަމެއްމެއެވެ.
ރޯދައިގެ ތަޢުރީފް:
ޢަރަބިބަހުގައި ރޯދައިގެ ތަޢުރީފް: ހިފަހެއްޓުމެވެ. ނުވަތަ ދުރުވުމެވެ.
ޝަރުޢީގޮތުން ރޯދައަކީ: ރޯދައަށްހުރުމުގެ ނިޔަތްގަނެ ފަޖުރުގެ އަލިކަން ފާޅުވީންސުރެ އިރު އޮއްސިއްޖައުމަށް ދަންދެން، ކެއިން ބުއިމުންނާއި، ޖިންސީއެދުން ފުއްދުމުން އެއްކިބާވެގެން ހުރުމެވެ.
ރޯދައިގެ ބާވަތްތައް:
ރޯދަބެހިގެންވަނީ ދެ ބަޔަކަށެވެ.
1- ފަރުޟު ރޯދަ: ފަރުޟު ރޯދަ ބެހެނީ ތިންބަޔަކަށެވެ. އެއީ:
ރަމަޟާންމަހުގެ ރޯދަ، ކައްފާރާގެ ރޯދަ، އަދި ނަދުރު ރޯދައެވެ.
ފަރުޟު ރޯދައަކީ ތިމާއަށް ހިފުން ވާޖިބުވާ ރޯދައެވެ. އަދި ޝަރުއީ އުޛުރަކާއި ނުލައި މިއިން ރޯދައެއް ދޫކޮށްލައިފިނަމަ ފާފަވެރިވާނެއެވެ.
2- ސުންނަތް ރޯދަ: ސުންނަތް ރޯދަބެހެނީ ތިންބަޔަކަށެވެ.
- އަހަރަކު އެއްފަހަރު ހިފާ ރޯދަ: އެއީ ޝައްވާލު މަހުގެ ހަ ރޯދަ، ޢަރަފާތު ދުވަހުގެ ރޯދަ، ޢާޝޫރާ ދުވަހުގެ ރޯދައެވެ.
- ކޮންމެ މަހަކު އެއްފަހަރު ހިފާ ރޯދަ: އެއީ ކޮންމެ މަހެއްގެ 13،14،15 އެވެ.
- ކޮންމެ ހަފްތާއަކު އެއްފަހަރު ހިފާ ރޯދަ: އެއީ ހޯމަދުވަހާއި ބުރާސްފަތިދުވަހެވެ.
ރޯދައިގެ ޙުކުމް:
ރޯދައަކީ މާތްﷲ ސުބުޙާނަހޫ ވަތާޢާލާ މުސްލިމުންގެ މައްޗައް ފަރުޟު ކުރައްވާފައިވާ އަޅުކަމެކެވެ. އަދި ކަނޑައެޅިގެން ރޯދައަށް އިންކާރު ކޮށްފި މީހަކު ދީނުން ބޭރުވާނެއެވެ. އެމީހެއްގެ މައްޗައް ވާޖިބުވެގެންވަނީ ތަޢުބާވެ މާތްﷲގެ މަގަށް ރުޖޫޢަވުމެވެ.
ރޯދަ ފަރުޟުކުރެއްވުމުގެ ދަލީލު:
ޤުރުއާނުން:
މާތްﷲ ވަޙީ ކުރައްވާފައިވެއެވެ. " كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَى الَّذِيْنَ مِنْ قَبْلِكُمْ لَعَلَّكُمْ تَتَّقُوْنَ" (سورة البقرة: 183) މާނައީ: އޭ އީމާން ވެއްޖެ މީސްތަކުންނެވެ. ތިޔަބައި މީހުންގެ ކުރީގެ މީހުންނަށް ފަރުޟު ކުރެއްވުނު ފަދައިން، ތިޔަބައި މީހުންގެ މައްޗައް ރޯދަ ފަރުޟު ކުރެވިއްޖެއެވެ. އެއީ ތިޔަބައި މީހުން ތަޤްވާވެރިވޭތޯއެވެ.
ސުންނަތުން:
ކީރިތި ރަސޫލާz ޙަދީޘް ކުރައްވާފައިވެއެވެ. " بُنِيَ الإِسْلاَمُ عَلَى خَمْسٍ شَهَادَةُ أَنْ لاَ إِلَـهَ إِلاَّ اللَّهُ وَأَنَّ مُحَمَّدًا رَسُوْلَ اللَّهِ وَإِقَامِ الصَّلاَةِ وَإِيْتَاءِ الزَّكَاةِ وَصَوْمِ رَمَضَانَ وَحِـجُّ الْبَيْتِ "(رواه البخاري ومسلم) މާނައީ : "އިސްލާމްދީން ބިނާވެފައި ވަނީ ފަސް ކަމެއްގެ މައްޗަށެވެ. މާތްﷲ ފިޔަވައި ޙައްޤުވެގެން އަޅުކަމެއް ވެވޭ އިލާހަކު ނުވާ ކަމަށް ހެކިވުމާއި މުޙައްމަދުގެފާނީ އެކަލާނގެ ރަސޫލާ ކަމަށް ހެކިވުމެވެ. ނަމާދު ޤާއިމް ކުރުމާއި، ޒަކާތްދިނުމާއި، ރަމަޟާންމަހު ރޯދަހިފުމާއި އަދި ޙައްޖުވުމެވެ."
އިޖްމާޢުން:
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޒަމާނުންފެށިގެން މިއަދާ ހަމައަށް ހުރިހާ ޢިލްމުވެރިން އެއްބަސްވެވަޑައިގަންފައިވަނީ ރަމަޟާންމަހު ރޯދަ ހިފުމަކީ ކޮންމެ މުކައްލަފެއްގެ މައްޗައް ފަރުޟު ކަމެއްގެ ގޮތުގައެވެ. މިކަމާމެދު އެއްވެސް ޢިލްމުވެރިއަކު ޚިލާފްވެވަޑައެއް ނުގަންނަވައެވެ. ރޯދަ ފަރުޟު ކުރެއްވުނީ ހިޖްރައިން ދެވަނަ އަހަރުއެވެ.
ރަމަޟާންމަހު ރޯދަހިފުމުގެ މާތްކަން:
ޚާއްސަކޮން ރަމަޟާންމަހުގެ ރޯދައިގަ ހުރި ދަރުމައާއި ޘަވާބާއި ބެހޭގޮތުން ރަސޫލާ صلى الله عليه وسلمގެ އެތައް ޙަދީޘްފުޅެއް ގައި އައިސްފައިވެއެވެ.
ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވާފައި ވެއެވެ. " مَنْ صَامَ رَمَضَانَ إِيْمَانًا وَاِحْتِسَابًا غُفِرَلَهُ مَا تَقَدَّمَ مِنْ ذَنْبِهِ " (رواه البخاري ومسلم) މާނައީ: " އީމާންކަމާއެކު، ﷲގެ ޙަޟްރަތުން ދަރުމައަށްއެދި ރަމަޟާންމަހު ރޯދަ ހިފައިފި މީހާގެ ވޭތުވެދިޔަ ފާފައެއް ފުހެވިދެއެވެ."
ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވާފައި ވެއެވެ. " الصَّلَوَاتُ الخَمْسَ وَالجُمْعَةُ إِلَى الجُمْعَةِ وَرَمَضَانُ إِلَى رَمَضَانَ مُكَفَّرَاتٌ لِمَا بَيْنَهُنَّ إِذَا اجْتُنِبَتْ الكَبَائِر" (رواه مسلم) މާނައީ: " ފަރުޟު ފަސްނަމާދާއި، އެއްހުކުރުނަމާދުން އަނެއްހުކުނަމާދާއި ދެމެދުއާއި، އެއްރަމަޟާންމަހުން އަނެއް އަހަރުގެ ރަމަޟާންމަހަށް، ބޮޑެތި ފާފަތަކުން ދުރުހެލިވެއްޖެ މީހާއަށް އެއީ ފާފަފުއްސެވުމެކެވެ."
ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވާފައިވެއެވެ. " مَنْ صَامَ رَمَضَانَ وَعَرَفَ حُدُوْدَهُ وَتَحَفَّظَ مِمَّا كَانَ يَنْبَغِى أَنْ يَتَحَفَّظَ مِنْهُ كَفَّرَ مَا قَبْلَهُ " މާނައީ: " ރަމަޟާންމަހުގެ ރޯދަހިފައި، ރޯދައިގެ ޙުކުމްތައް ރަނގަޅައްދަނެހުރެ، ރަމަޟާންމަހުގެ ރޯދައަށް ރައްކާތެރިވެއްޖެ މީހެއްގެ ކުރިންދިޔަ ފާފަތައް ފޮހެވިއްޖެއެވެ.
ނުނިމޭ
=ދީނީ ހޭލުންތެރިކުރުމާބެހޭ ބައި=
ކޮމެންޓް (0)
ލޯޑް ކުރަމުން...