‘ދަ ކޯލް 2010′ އިވެންޓަށް ތައްޔާރުވުމުގެ ގޮތުން ހާއްސަ ދެ ބައްދަލުވުމެއް ބާއްވައިފިއެވެ.
އިއްޔެ ހެނދުނާއި އިއްޔެ ރޭ ބޭއްވުނު މިބައްދަލުވުން ތަކުގައި ‘ދަކޯލް 2010′ އިވެންޓަށް ވާންޖެހޭ ތައްޔާރީތަކާއި އިވެންޓާއި ގުޅޭ އާންމު މައުޟޫމާތު ދިނުން އޮތްކަމުގައި ދިއިސްލާމްއަށް ވަނީ ހަބަރު ލިބިފައެވެ.
އިއްޔެ ބޭއްވުނު ބައްދަލުވުންތަކުގައި މަޝްވަރާކުރެވިފައިވަނީ ‘ދަ ކޯލް 2010′ އިވެންޓްތަކަށް އެހީތެރިކަން ފޯރުކޮށްދެވިދާނެ ތާއިރާތަކާއި ބެހޭގޮތުންނެވެ. އެގޮތުން އިދާރީގޮތުން މިހާރު ކުރިއަށްދާ މަސައްކަތްތައް ބައްދަލުވުމުގެ ހާޒިރީންނާއި ހިއްސާކޮށް މައުޟޫމާތު ދީފައިވެއެވެ. އަދި މިއިވެންޓަށް ހުރި ގޮންޖެހުންތަކާއި ބެހޭގޮތުން ވާހަކަ ދެކެވި ބައްދަލުވުމަށް ވަޑައިގެން ބޭފުޅުންގެ ސުވާލުތަކަށް އިވެންޓް އިންތިޒާމްކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ބޭފުޅުންވަނީ ޖަވާބު ދެއްވާފައެވެ.
‘ދަކޯލް 2010′ ގެ އެންމެ ފަހުގެ ހަބަރުތަކަށް ބަލާލާއިރު އިވެންޓް ބޭއްވުމަށް ހަމަޖެހިފައިވަނީ އަލިމަސް ކާނިވަލުގައިކަމަށާއި ޓީވީއިން ލައިވް ކުރުމަށް ބޮޑު ހަރަދެއް ހިނގާތީ ފަންޑު ހޯދުމަށް އިތުރަށް މަސައްކަތް ކުރަންޖެހޭނެކަމަށް އިވެންޓް އިންތިޒާމްކުރުމުގައި އިސްކޮށް އުޅުއްވާ ބޭފުޅުން ހާމަކުރެއެވެ. މިއަހަރުގެ އިވެންޓްގައި ޑރ ބިލާލް ޕިލިޕްސްގެ އިތުރުން ޔޫކޭގެ ދާއީ އަބްދުއްރަހީމް ގްރީން ބައިވެރިވާނެކަމަށާއި މުޅި އިވެންޓްގައި 7 ލެކްޗާރ އޮންނާނެކަމަށްވެސް އެފަރާތްތަކުންވަނީ ހާމަކޮށްފައެވެ. ރޭގެ ބައްދަލުވުމުގައި ‘ދަކޯލް 2010′ ގެ ރަސްމީ ޕޯސްޓަރު ދައްކާލުންވެސް އޮތެވެ.
ޑރ ޒާކިރު ނައިކް ގެނައުމަށް އިސްލާމިކް އެފެއާރޒުން ކުރަމުންދާ މަސައްކަތަށް ‘ދަކޯލް’ ގެ ސަބަބުން އެއްވެސް އުނިކަމެއް ނާންނާނެހެން މަސައްކަތް ކުރުމަށް ޖަމިއްޔަތުއްސަލަފްގެ ފަރާތުން އެޖަމިއްޔާގެ ނައިބް ރައީސް ވަނީ ބައްދަލުވުމުގެ ބައިވެރިންނަށް ގޮވާލާފައެވެ. އަދި ޖަމިއްޔަތުއްސަލަފް އިންވެސް ޑރ ޒާކިރް ނައިކް ގެނައުމާއި ވާންޖެހޭ ތައްޔާރީތައް ވުމުގައި ތަފާތު ކުރުމެއްނެތި އުޅުމަށް ނައިބް ރައީސްވަނީ ބައްދަލުވުމުގެ ހާޒިރީންނަށާއި ދަކޯލްގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކަށް ނަސޭހަތްތެރިވެފައެވެ.
‘ދަ ކޯލް 2010 ލިވް އިސްލާމް’ މިޝިޔާރުގެ ދަށުން ބޭއްވުމަށް ހަމަޖެހިފައިވާ މިއިވެންޓަކީ ޖަމިއްޔަތުއް ސަލަފްގެ ފަރާތުން މިދިޔަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ޤައުމީ ފެންވަރުގެ އިވެންޓެކެވެ. މިދިޔަ އަހަރުވެސް މިއިވެންޓް ވަނީ ވަރަށް ކާމިޔާބު ކަމާއި އެކު ކުރިއަށް ގެންގޮސްފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...