މީޑިއާތަކުން ފާޙިޝް ކަންތައްތަކަށް މަގުފަހިކުރުވާ ޕްރޮގްރާމްތައް ނުފޮނުވުމަށް ޝައިޚް އިލްޔާސް ޙުސައިން ގޮވާލައްވައިފި އެވެ.
ޝައިޚް މިކަމަށް ގޮވާލެއްވީ ޢަދާލަތު ޕާޓީގެ ހުޅުމާލޭ ގޮފިން އިސްނަގައިގެން އެއަވަށުގެ ޒުވާނުންނާ ގުޅިގެން ހުޅުމާލޭ ސްޓޭޖް ސަރަހައްދުގައި ރޭ ބޭއްވި ދަރުސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޝައިޚްގެ ދަރުސްގައި މައިގަނޑު ގޮތެއްގައި ވާހަކަފުޅުދެއްކެވީ ރަމަޟާން މަހަށް ތައްޔާރުވުމާއި އެމައްސަރުގެ މާތްކަމާއި ބެހޭގޮތުންނާއި އަދި އަވަށްޓެރިންނަށް ކަމޭހިތުމަށް އިސްލާމްދީނުގައި ދެއްވާފައިވާ އަޙަންމިއްޔަތުގެ މައްޗަށެވެ. ޝައިޚް ވިދާޅުވީ ރަމަޟާން މަހަކީ ނަފްޞު އިޞްލާޙްކުރުމުގެ މަދަރުސާ ކަމަށްވެފައި، ޙަމްދަރުދީއާއި، ކެތްތެރިކަމާއި، އަޅާލުމުގެ މައްސަރު ކަމަށްވާއިރު ބައެއް ދިވެހިންގެ މިސްރާބް ހުރީ އެހެން ދިމާއަކަށް ކަމަށެވެ.
އެގޮތުން ރަމަޟާން މަހަށް ޚާއްޞަކޮށް މީޑިއާތަކުން ޑްރާމާތަކާއި މުނިފޫހިފިލުވުމުގެ ޕްރޮގްރާމްތަކާއި އެކި ކުޅިވަރުތައް ފޮނުވުމަށް ތައްޔާރުވަމުންދާ ކަމަށް ޝައިޚް ވިދާޅުވިއެވެ. އެފަދަ ފަރާތްތަކުން ﷲ ގެ ރަޙްމަތްފުޅަށް ގޮންޖަހަމުންދާ ކަމަށް ޝައިޚް ވިދާޅުވިއެވެ. ރަމަޟާން މަހުގެ ޙުރުމަތަށްޓަކައި މީޑިއާތަކުން ޙަރާމް ފާޙިޝް ކަންތައްތަކަށް މަގުފަހިކުރުވާ ޕްރޮގްރާމްތައް ނުފޮނުވުމަށް ޝައިޚް ގޮވާލެއްވިއެވެ.
މީގެ އިތުރުން ހަމައެކަނި ރަމަޟާން މަހުގެ މުސްލިމުންނަށް ނުވުމަށް ޝައިޚް ނަޞީޙަތްތެރިވެލެއްވިއެވެ. އަދި މުޖްތަމަޢުގެ ޙާލަތު ރަނގަޅުކުރަން ބޭނުންވާނަމަ ﷲ އަށްޓަކައި ރައްޔިތުން އެކަތިގަނޑަކަށް ވުމަށް އިލްތިމާސް ކުރެއްވިއެވެ.
އަވަށްޓެރިންނަށް ކަމޭހިތުމާއި ބެހޭގޮތުން ވާހަކަފުޅުދައްކަވަމުން އަވަށްޓެރިންގެ ޙައްޤުތަކަކީ ކޮބައިކަން ޝައިޚް ބަޔާންކޮށްދެއްވިއެވެ. އަދި އަވަށްޓެރިންގެ ފަރާތުން އުނދަގުލެއް ކުރިމަތިވެއްޖެނަމަ ކެތްތެރިވުމަށާއި، އެމީހުންނަށްޓަކައި ހެޔޮ ދުޢާ ކުރުމަށް ނަޞީޙަތްތެރިވެލެއްވިއެވެ.
ޝައިޚް އިލްޔާސް މީގެ ކުރިން ދެއްވާފައިވާ ބައެއް ދަރުސްތަކުގައިވެސް މީޑިއާތަކުން ފާޙިޝް ޕްރޮގްރާމްތައް ނުފޮނުވުމަށާއި، ﷲ އަށް ބިރުވެތިވުމަށް މީޑިއާތަކުގެ ވެރިންނަށް ގޮވާލައްވާފައި ވެއެވެ.
މީޑިއާތަކުން އިސްލާމްދީނުގައި ޙަރާމްކުރެވިފައިވާ ފާޙިޝް ކަންތައްތައް ފަތުރަމުން ދާތީ ގިނަ ޢަދަދެއްގެ ރައްޔިތުން ދަނީ ކެނޑިނޭޅިި އެކަމުގެ ޝަކުވާ ކުރަމުންނެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...