މަދީނާ އިސްލާމިކް ޔުނިވަރސިޓީގައި ޤުރުއާން ތަފްޞީރު ކިޔަވާދެއްވާ އުސްތާޛެއް ކަމަށްވާ އައްޝައިޚް ޢަލީ އައްތުވައިޖިރީގެ ސިލްސިލާ ދަރުސްތަކެއް ޖަލާލުއްދީން މިސްކިތުގައި ފަށައިފިއެވެ.
ދިއިސްލާމަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިދަރުސްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޝައިޚް ރާއްޖޭގައި ހުންނަވާ ދުވަސްތަކުގެ ތެރެއިން ހުކުރު ދުވަސް ފިޔަވާ ކޮންމެ ރެއެއްގެ އިޝާ ނަމާދަށް ފަހުގައެވެ. މިދަރުސްތައް ދިވެހި ބަހަށް ތަރުޖަމާކޮށްދެއްވަނީ ރާއްޖޭގެ ޝައިޚުންނެވެ.
ޝައިޚް ޢަލީ އައްތުވައިޖިރީގެ ދަރުސްތަކުގައި މައިގަނޑުގޮތެއްގައި ވާހަކަފުޅު ދައްކަވަނީ އަޤީދާގެ މައްސަލަތަކާ ބެހޭގޮތުންނެވެ. މިގޮތުން ތައުޙީދާއި ބެހޭގޮތުން ދަރުސްތައް ދެއްވާފައިވެއެވެ. މިރޭ ޝައިޚް ދަރުސް ދެއްވާފައިވަނީ ސިހުރާއި ބެހޭ ގޮތުންނެވެ. މިރޭގެ ދަރުސް ތަރުޖަމާކޮށްދެއްވީ ޝައިޚް އިލްޔާސް ޖަމާލް އެވެ. މާދަމާރޭ ޝައިޚް ޢަލީ އައްތުވައިޖިރީ ދަރުސް ދެއްވުމަށް ހަމަޖެހިފައިވަނީ ސިހުރު ޖެހިފައިވާ މީހުންނަށް ފަރުވާކުރާނެ ގޮތާއި ބެހޭގޮތުންނެވެ.
ޝައިޚް ޢަލީ އައްތުވައިޖިރީ ރާއްޖެ ވަޑައިގެން އުޅުއްވަނީ މިދިޔަ މަހު 27 ން މިމަހު 14 ށް މަދީނާ އިސްލާމިކް ޔުނިވަރސިޓީގެ ފަރާތުން ރާއްޖޭގައި ހިންގަމުންދާ އިސްލާމީ ޘަޤާފަތާއި ޢަރަބި ބަސް ދަސްކޮށްދޭ ކޯހުގައި ކިޔަވާދެއްވުމަށްޓަކައެވެ.
_________
ފޮޓޯ : ރާއްޖެއިސްލާމް

ކޮމެންޓް (0)
ލޯޑް ކުރަމުން...