
މިދިޔަ ހުކުރު ދުވަހުގެ ރޭ ޝައިޚް ސަމީރު "އިންސާނީ ކަރާމާތް" ދަރުސް ދެއްވަނީ – ފޮޓޯ : ދިއިސްލާމް / ލިޔުނީ : ޙަސަން ޝިޔާޒް
ބިން ފަސާދަކުރުމަށްޓަކައި "ބިމުގައި ފަސާދަ އުފެއްދުމުގެ މިނިސްޓްރީ" ހަދާ އެތަނުގައި އެކަމަށްޓަކައި ލާރި ޖަމާކުރަން ފަންޑު ބަހައްޓާފައިވާ ކަމަށް ޝައިޚް އަޙްމަދު ސަމީރު ވިދާޅުވެއްޖެއެވެ. ޝައިޚް މިހެން ވިދާޅުވީ މިދިޔަ ހުކުރު ދުވަހުގެ ރޭ ވިލިމާލޭ ފުޓްބޯޅަ ދަނޑުގައި ޕީސް ފައުންޑޭޝަނުން އިންތިޒާމްކޮށްގެން "އިންސާނީ ކަރާމާތް" މިމައުޟޫއަށް ބޭއްވި ދަރުސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އިންސާނީ ކަރާމާތުގެ ތެރެއިން އަންހެނުން ކަރާމާތްތެރިކަމާމެދު ވާހަކަފުޅުދައްކަވަމުން ޝައިޚް ވިދާޅުވީ އިސްލާމީ އުންމަތް އުންމަތުގެ ކަރާމާތުން ނެރެ، އުންމަތުގެ އަންހެނުންނަށް މީސްތަކުން ދީފައިވާ ކަރާމާތުން ނެރެފައިވާ ކަމަށެވެ. އަދި އެކަނަބލުންނަށް އިސްލާމްދީން ދީފައިވާ ޙިމާޔަތް ނަގާލުމަށްފަހު، އެކަނބަލުން މަގުމައްޗަށް އުކާލާ މީސްތަކުން މަގުފުރައްދަން މަސައްކަތްކުރާތީ އެކަމާމެދު ސަމާލުކަންދޭން ޖެހޭ ކަމަށް ޝައިޚް ވިދާޅުވިއެވެ.
ޝައިޚް ވިދާޅުވީ އިސްލާމްދީނުގައި އަންގަވާފައިވާ ގޮތާއި ޚިލާފަށް އަންހެނުން ބޭރުތެރެއަށް ނުކުމެ އެބައިމީހުންގެ ދަރިން ބެލުމަށްޓަކައި ގޭތެރެއަށް ބޭރުތަންތަނުން މީހުން ގެނެސް އެމީހުންނާ ދަރިން ޙަވާލުކުރުމުން ދަރިންގެ ތަރުބިޔަތަށް ވަރަށް ބޮޑު އަޘަރެއްކުރާ ކަމަށެވެ. އަދި ގޭތެރޭގެ މަދަރުސާގައި "ސުޕަވައިޒަރެއް" ނެތި، "ޕްރިންސިޕަލެއް" ނެތި ދަރިން ތަރުބިޔަތު ކުރަން ޙަވާލުކުރަނީ ގޭގައި ކާޓޫން އަޅުވާފައި ނުވަތަ ފިލްމް ސްޓާރުންނާ އެކި ޗެނަލްތަކާ ކަމަށް ޝައިޚް ވިދާޅުވިއެވެ. އެގޮތަށް ދަރިން ތަރުބިޔަތުކުރުމުގެ ސަބަބުން އިޖްތިމާޢީ ބޮޑެތި މައްސަލަތަކާއި ނުކުތުމަށް މެދުވެރިވާ ކަމަށް ޝައިޚް ވިދާޅުވިއެވެ.
ޝައިޚް ވިދާޅުވީ އަންހެނުންނާ ފިރިހެން ހަމަހަމަކުރުމުގެ ނަމުގައި، އަންހެން މީހާ ހުރިހާ މައިދާނެއްގައި ފިރިހެން މީހާއާ ވާދަކުރަން ފަށާފައިވާ ކަމަށެވެ. އިންސާނިއްޔަތުގެ ނަމުގައި ނުވަތަ އަންހެން މީހާގެ ކަރާމާތުގެ ނަމުގައި، ބައެއްގެ މާއްދީ ބޭނުމަށްޓަކައި އަންހެނުން ހަދާފައިވާ ކަމަށާއި، އަންހެނުން ބޭނުންކޮށްގެން މުދާ އިޝްތިހާރުކޮށް ވިޔަފާރިވެރިން ގަނެވިއްކާ މުދަލަކަށް އަންހެނުން ހަދާފައިވާ ކަމަށް ޝައިޚް ވިދާޅުވިއެވެ.
ވިޔަފާރިވެރިން އެމީހުންގެ މުދާ ހޯދަން މަސައްކަތްކުރިގޮތާމެދު ﷲ ސުވާލުކުރައްވާނެ ކަން ޝައިޚް ބަޔާންކޮށްދެއްވިއެވެ. އަދި ވިޔަފާރިވެރިން އެމީހުންގެ ވިޔަފާރީގެ ގޮތުގައި އަންހެނުން ބޭނުންނުކުރުމަށް އެމީހުންނަށް ޝައިޚް ގޮވާލެއްވިއެވެ.
ޝައިޚް ވިދާޅުވީ އިންސާނީ ކަރާމާތުގެ ނަމުގައި އަންހެނުން ފިލްމީ ތަރިންގެ ގޮތުގައި ހަދާ އަންހެންމީހާގެ އަބުރާއި ޢިއްޒަތް މީސްތަކުންގެ ކުރިމަތީގައި ނަގާލެވޭއިރު، އެއީ އަންހެން މީހާ އަށް ލިބިފައިވާ މިނިވަންކަމާއި، ޢިއްޒަތާއި ކަރާމާތާއި ޝަރަފް ކަމުގައި މިއަދު ވެފައިވާ ކަމަށެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން ޝައިޚް ވިދާޅުވީ ބިން ފަސާދަ ކުރުމަށްޓަކައި މިނިސްޓްރީ ހަދާ އެތަނުގައި އެކަމަށްޓަކައި ލާރި ޖަމާކުރަން ފަންޑު ބަހައްޓާފައިވާ ކަމަށެވެ.
"އެބަހުރި ވުޒާރާ ހަދާފަ. ވުޒާރަތުލް ފަސާދަ ފިލް އަރްޟި. ބިމުގައި ފަސާދަ އުފެއްދުމުގެ ވުޒާރާ. މިނިސްޓްރީ އޮފް ފަސާދަ ފިލް އަރްޟި. އެއަށްވުރެ މާރަނގަޅު ނޫންތޯ ހެޔޮކަންތަކަށް އަމުރުކޮށް ނުބައިކަންތައް މަނާކުރާ ވުޒާރާ އެއް ހެދުން." ޝައިޚް ވިދާޅުވިއެވެ.
ޝައިޚް މިފަދައިން ވިދާޅުވެފައިވާއިރު، ދާދި ފަހުން މިނިސްޓްރީ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރ އިން ވަނީ ރާއްޖޭގެ ފަންނާނުންގެ ތަރައްޤީ އަށް ހޭދަކުރުމަށް "އާޓްސް ޑިވެލޮޕްމަންޓް ފަންޑް" ގެ ނަމުގައި ޚާއްޞަ ފަންޑެއް ޤާއިމް ކޮށްފައެވެ. އެ މިނިސްޓްރީން ބުނާ ގޮތުގައި އެ ފަންޑަކީ އެމް.ޑީ.ޕީ ގެ މެނިފެސްޓޯގައި ހިމެނޭ ޤައުމީ ތަރައްޤީގެ ޕްލޭންގެ ދަށުން ތިން އަހަރު ތެރޭ ހާޞިލްކުރުމަށް ކަނޑައަޅާފައިވާ ކަންތައްތައްކުގެ ތެރޭ ހިމެނޭ ކަމެކެވެ.
ޝައިޚް ސަމީރުގެ ދަރުސްގައި އަންހެނުން ކަރާމާތްތެރި ކަމާއި، ޢިއްފަތްތެރިކަން އިޚްތިޔާރުކުރުމަށް އެކަނބަލުންނަށް ޝައިޚް ނަޞީޙަތް ދެއްވިއެވެ. ﷲ އަށް އުރެދި ޙަރާމް ކަންތައް ކުރުމަށްޓަކައި އެކަނބަލުންގެ ހަށިގަނޑު ވިއްކާނުލުމުށް އެކަނަބަލުންނަށް ޝައިޚް ގޮވާލެއްވިއެވެ.
އިބްނުތައިމިޔާ ރަޙިމަހުﷲ ގެ ބަސްފުޅެއްގެ އަލީގައި އަންހެން ކަނަބަލުންނަށް ޝައިޚް ވިދާޅުވީ "ސްޕަންޖް ގާރލް" އަކަށް ނުވުމަށާއި "ބިއްލޫރި" ފަދައިން ވުމަށެވެ. ސްޕަންޖް ޖެހޭ ކޮންމެ އެއްޗެއް ރަނގަޅެއް ނުރަނގަޅެއް ނުބަލާ ބަލައިގަންނާނެ ކަމާއި، ބިއްލޫރީގައި ޖެހުނީމަ ރަނގަޅުތޯ ނުރަނގަޅުތޯ ބަލާނެކަމާއި، ސްޕަންޖް ހެން ބިއްލޫރީގައި ސީދާކޮށް ބިއްލޫރިއަށް ފޫއަޅާފައި ނުވަންނާނެ ކަމުގެ މިސާލު ޝައިޚް ކިޔައިދެއްވިއެވެ. އަދި ޝައިޚް ވިދާޅުވީ އެގޮތަށް ބިއްލޫރިހެން ރަނގަޅާއި ނުރަނގަޅު ބަލާފައި ރަނގަޅު ކަންތައްތައް ޤަބޫލްކުރުމަށާއި ގޯސް ކަންތައްތައް ޤަބޫލްނުކުރުމަށެވެ.
ޤުރުއާނާއި ސުންނަތުގެ އަލީގައި ހިލޭ އަންހެނުންނާއި ފިރިހެނުން އެކަހެރިވުމާއި ގައިގޯޅިވުމާއި ބީހުމުގެ ނުބައިކަން ޝައިޚް ބަޔާންކޮށްދެއްވިއެވެ. ޝައިޚް ވިދާޅުވީ ފަހަކަށް އައިސް ދަރިން ވިހާފައި މަރާފައި އެއްލާލަން ދިމާވާ ސަބަބަކީ ﷲ ގެ އިންތައް ފަހަނަޅައި ގޮސް ޒިނޭގެ ފާފައަށް އަރައިގަތުން ކަމަށެވެ.
ޝައިޚް ވިދާޅުވީ އިންސާނީ ޙައްޤުތަކުގެ ނަމުގައި އަމިއްލަ އަށް މަރުވުމުގެ ހުއްދަ ބައެއް ޤައުމުތަކުގައި ދީފައިވާ ކަމަށެވެ. އަދި އެންމެ ކުޑައިރުއްސުރެ ސްކޫލްތަކުގައި ޖިންސީ ކަންތައްތަކުގެ ޘަޤާފަތް ދަސްކޮށްދެމުންދާ ކަމަށް ޝައިޚް ވިދާޅުވިއެވެ.
ދުނިޔޭގައި އިންސާނިއްޔަތާ ދެކޮޅަށް ހިންގަމުންދާ ބޮޑެތި ޖަރީމާތަކަށް ޝައިޚް އަލިއަޅުވާލެއްވިއެވެ. އެގޮތުން ފަލަސްޠީން، އިރާޤް އަދި އަފްޣާނިސްތާން ފަދަ ޤައުމްތަކުގައި އެއްވެސް ކުށަކާނުލާ މުސްލިމުންނާ ދެކޮޅަށް ކާފަރުން ކުރަމުންދާ ހަނގުރާމައިގައި އެތައް އެތައް ބަޔަކު ނުޙައްޤުން މަރާލާ ހިންގާފައިވާ އަނިޔާވެރި ލާއިންސާނީ ޢަމަލުތަކުގެ ވާހަކަތައް ޝައިޚް ކިޔައިދެއްވިއެވެ. މިލާއިންސާނީ ޢަމަލުތަކުގެ ޙަޤީޤަތް ފޮރުވަން ކާފަރުންގެ މީޑިއާތަކުން އަބަދުވެސް މަސައްކަތްކުރާ ކަމަށް ޝައިޚް ވިދާޅުވިއެވެ. އަދި މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ މިފަދަ އެންމެހާ ޖަރީމާތަކުގެ ޙަޤީޤީ މަޢުލޫމާތު ހޯދާ މުސްލިމުންނަށް ވާގިވެރިވެ ހެޔޮދުޢާ ކުރުމަށް ޝައިޚް ގޮވާލެއްވިއެވެ.
އިންސާނާ އުފައްދަވާފައިވަނީ ހަމައެކަނި ﷲ ޞުބްހާނަހޫ ވަތައާލާ އަށް އަޅުކަންކުރުމަށް ކަމާއި، އެއިންސާނާ ދުނިޔޭގައި ކަރާމާތްތެރި އުޅުމެއް އުޅެ، ކަރާމާތްތެރި މަރަކުން މަރުވެ އެއަށްފަހުގައި ކަރާމާތްތެރިކަމާއެކު ކަރާމާތުގެ ގޮވައްޗަކަށް އިންސާނާ ވެއްދެވުމަށްޓަކައި ކަން ޝައިޚް ބަޔާންކޮށްދެއްވިއެވެ. އަދި އެންމެހާ ރަސޫލު ބޭކަލުންނާ ނަބީބޭކަލުން ޖިހާދުކޮށް ހަނގުރާމައިގެ މައިދާންތަކުގައި ޤުރުބާންވެ އަނިޔާތައް ލިބިވަޑައިގެންފައިވަނީ އިންސާނާގެ ކަރާމާތަށްޓަކައި ކަން ޝައިޚް ބަޔާންކޮށްދެއްވިއެވެ.
މިދަރުސް އަޑުއެހުމަށްޓަކައި ވިލިމާލޭގައި އުޅޭ މީހުންގެ އިތުރުން މާލެއިންވެސް ގިނަ ޢަދަދެއްގެ ބަޔަކު ވިލިމާލޭ ބޯޅަ ދަނޑަށް ޙާޟިރުވެފައި ވެއެވެ. މި ދަރުސް ރޭޑިއޯ އެޓޯލް 96 އެފް.އެމް އިން ލައިވްކޮށް ދުރަށް ފޮނުވާފައިވެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...