ރިޕޯޓް މިފަދައިން "މެކުހަށް ޖެހުމަށް" އެދެނީ ކޮން ރައްޔިތެއް؟

މިފަދައިން "މެކުހަށް ޖެހުމަށް" އެދެނީ ކޮން ރައްޔިތެއް؟

ކިޔާލަން ހޭދަވާނީ 5 މިނިޓް

ފޮންޓް ސައިޒް

ލިޔުނީ : ޙަސަން ޝިޔާޒް

"މެކުހަށްޖެހުން" މިއީ ފަހަކަށް އައިސް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) އިން މާފޯރިއެއް ނަގާފައި ބޭނުން ކުރަން ފަށާފައިވާ ބަހެކެވެ. ބަހުގެ މާނަ އަށް ބަލާއިރު ދިވެހި ރަދީފްގައި "މެކުހަށްޖެހުން" މާނަކޮށްފައި ވަނީ "ދުއްވާ އެއްޗެހީގެ އިންޖީނުގެ ދުވެލި އެންމެ މައްޗަށް ޖެއްސުން" ކަމަށެވެ.

ޙަޤީޤަތުގައި "ވަޢުދުތައް މެކުހަށޭ" ، އެވެނި މިވެނި ކަމެއް ނުވަތަ ދާއިރާއެއް "މެކުހަށޭ" ކިޔާފަ އެމް.ޑީ.ޕީ އިން ތަފާތު މުޑުދާރު ނާޗަރަންގީތައް ކުޅެމުންދާއިރު އެޕާޓީ އަށް އަޅުވެތިވެފައިވާ މީހުން ޤަބޫލުކުރިޔަސް ނުކުރިޔަސް މެކުހަށް ޖަހަމުން ދަނީ ނުރައްކާތެރި ދިމާއަކަށެވެ. ލާދީނީ ކަންތައްތައް ކުރިއެރުވުމުގައި މެކުހަށް ޖަހާފައިވާ ތަން ރައްޔިތުންނަށް މިދަނީ ފެންނަމުންނެވެ.

ޤަވާއިދެއް ހަދާ ރާއްޖޭގައި ބަނގުރާ ޢާއްމުކުރުމަށްޓަކައި މަސައްކަތްކުރަން ފެށިއެވެ. އެކަމާއި ދެކޮޅަށް ރައްޔިތުން ނުކުތުމުން އެކަން ހުއްޓާލަން ނުވަތަ ގޮތަކަށް "ބުރަކި ޖައްސާލަން" މަޖުބޫރުވިއެވެ. މަތީ ޘާނަވީ ގްރޭޑްތަކުގައި އިސްލާމް އަދި ދިވެހި އިޚްތިޔާރީ މާއްދާ އަކަށް ހެދުމަށް މަސައްކަތްކުރިއެވެ. އެކަމާއި ދެކޮޅަށް ވެސް ރައްޔިތުން ނުކުތުމުން އެދެމާއްދާ މަޖުބޫރު މާއްދާގެ ގޮތުގައި ބޭއްވުމަށް ފަހުން ނިންމިއެވެ.

އަނިޔާވެރި އިޒްރޭލްގެ ޒަޔަނިސްޓުންނާއި ގުޅުން ބަދަހި ކުރަން ފެށިއެވެ. ޤުރުއާނުގެ އެތައް ތަނެއްގައި ޔަހޫދީންގެ ނުބައިކަން ބަޔާންކުރައްވާފައިވާއިރުވެސް ﷲ ގެ ޥަހީބަސްފުޅުތަކަށް ބަލާލުމެއް ނެތި ޔަހޫދީންނާ ގުޅުން ބަދަހި ކުރެވޭނެހާ ކަމެއް ކުރަން ފެށިއެވެ. ބައިނަލްއަޤްވާމީ މުޖްތަމަޢަށާއި އދ. ގެ ޤަރާރުތަކަށް ގޮން ޖަހަމުންދާ ދުނިޔޭގައި އޮތް އެންމެ ލާއިންސާނީ ޤައުމުކަމަށް އިޒްރޭލް ވާއިރުވެސް، އެކަމަކަށްވެސް ދިވެހި ސަރުކާރަކުން ފަރުވާލެއް ނެތި އެމީހުންނާއި ގާތްކަން އުފައްދަން ފެށިއެވެ.

ޒަޔަނިސްޓުންނާއެކު ނުރައްކާތެރި އެއްބަސްވުމެއް ހެދިއެވެ. ދިވެހިންގެ ތަޢުލީމާއި، ޘަޤާފަތާއި، ޞިއްޙަތުގެ ދާއިރާގެ ތެރެއަށް މުސްލިމުންނާއި އެންމެ ޢަދާވާތްތެރި ޔަހޫދީންނަށް ބާރުފޯރުވޭނެ ގޮތް މަގުފަހިކޮށްދީ ދިވެހިންގެ ދީނީ އަޤީދާ ހަލާކުކޮށް ބައިބައިކުރަން މަސައްކަތް ފެށިއެވެ. ޔަހޫދީ ޒަޔަނިސްޓް ޑޮކްޓަރުންގެ ޓީމްތައް ދިވެހިންނަށް ފަރުވާ ކުރުމުގެ ނަމުގައި ގެންނަން ފެށިއެވެ. ފޮރިން މިނިސްޓަރ އިޒްރޭލަށް ދަތުރުކޮށް އިޒްރޭލްގެ ޔަހޫދީ އަނިޔާވެރި ވެރިންނާ ބައްދަލުކޮށް އެއްތަނެއްގައި ކައިބޮއެ ހަދާ، ޔަހޫދީ ސިފައިންގެ ހަނދާނީ ބިނާއަކަށް ޒިޔާރަތްކޮށް އެބައިމީހުންނާ ގުޅުން ބަދަހިކުރިއެވެ. އަންނަ ޑިސެމްބަރ މަހުގެ ތެރޭގައި އިޒްރޭލުގެ ޤައުމީ އެއަރލައިނުން އިޒްރޭލާއި ރާއްޖެއާއި ދެމެދު ދަތުރުތައް ފެށުމަށް މަސައްކަތްކުރަން ފެށިއެވެ.

އިސްލާމީ ޝަރީޢަތަށް ގޮތްކިޔާ ފާޑުކިޔާ ފުރައްސާރަ ކުރަން ފެށިއެވެ. ޝަރުޢީ ދާއިރާ ރަނގަޅު ކުރުމަށް ކަމަށް ބުނެ ކާފަރުންނާވެސް ވާހަކަތައް ދައްކަން ފެށިއެވެ. ރާއްޖޭގެ ޝަރުޢީ ދާއިރާގައި މިހާރު ހުރި އިސްލާމީ ޝަރީއަތުގެ އުސޫލުތައް މުޅިން ނައްތާލުމަށް ހީލަތްތެރި މަސައްކަތްތައް ކުރަން ފެށިއެވެ.

ޤައުމުގެ ވެރިމީހާ އަންހެނުންނާއި ފިރިހެނުން މަސްހުނި ގޮތުގައި ޑީޖޭގެ ސްޓައިލަށް ރައްޔިތުން ކުރިމަތީ ނަށަން ފެށިއެވެ. އެފަދައިން ނެށުމަކީ ޢިލްމުވެރިންގެ މެދުގައި ޚިލާފް އުފެދޭ މައްސަލައެއް ކަމަށް ބުނެ ރައީސް މީހާގެ ޕްރެސް ސެކްރެޓަރީ މުޙައްމަދު ޒުހައިރު ބުހުތާނު ފަޠުވާ ނެރެން ފެށިއެވެ. ނޫސްވެރިންތަކެއް ތަޙްޤީޤީ ނޫސްވެރިކަމުގެ ނަމުގައި ފާޙިޝް ޢަމަލުތަކެއްގައި ބައިވެރިވެ ޝާއިޢު ކުރި ރިޕޯޓްތަކުގައި ކަނޑައެޅިގެން އިސްލާމީ ޝަރީޢަތާއި ޤާނޫނާއި ޚިލާފް ކަންތައްތައް ހުއްޓާ އޭގައި އިސްލާމީ ޝަރީޢަތާއި ޤާނޫނާއި ޚިލާފް އެއްވެސް ޖުމްލައެއް ނުވަތަ ޕެރެގްރާފެއްވެސް ނުހިމެނޭ ކަމަށް ވެސް ޕްރެސް ސެކްރެޓަރީ ބުންޏެވެ.

ދީނީ ޢިލްމު ފޯރުކޮށްދިނުމަށް މަސައްކަތްކުރައްވާ ޝައިޚުންނަކީ ޓެރަރިސްޓުންކަމުގައި ބޭރުގެ ޤައުމުތަކުގެ މީޑިއާތަކުގެ ރެކޯޑަށް އަރުވައިފިއެވެ. ނަރަކަ އާއި ބެހޭގޮތުން ޝައިޚުން ދަރުސް ދެއްވުމުން އެކަމަށް ވެސް ރައީސް މީހާގެ ފާޑުކިޔުން އަމާޒް ކުރިއެވެ.

ދީނީ ދަރުސްތަކުގެ އިޝްތިހާރުކުރުމަށްޓަކައި މާލޭގެ މަގުތަކުގައި ދަމާފައިވާ ބެނަރތައް މާލޭ ސިޓީ ކައުންސިލުން ނަގަން ފެށިއެވެ. މިދިޔަ އަހަރު މާލޭގައި ޑރ.ޒާކިރު ނައިކްގެ ދަރުސް ބޭއްވުމަށްޓަކައި ކުޅިވަރު އެކުވެނި ނުދިނުމަށްޓަކައި ޔޫތު މިނިސްޓަރ ޙަސަން ލަޠީފް އާއި އޭރުގެ މާލޭ މުނިސިޕަލްޓީގެ ރައީސް ސަރަނގު އާދަމް މަނިކް ތަފާތު ބަހަނާދައްކަވާ ވާހަކަތައް ދެއްކިއެވެ.

ސަރުކާރު ބަދަލުވި ދުވަސްވަރު ނުބަލާ ޚުޠުބާ ކީތަން ފެނުނަސް، އެކަންވެސް މިހާރު ރައީސް އޮފީހުން ވަނީ ހުއްޓުވާފައެވެ. ބައިނަލްއަޤްވާމީ ދުވަސްތައް ފާހަނގަކުރުމަށްޓަކައި ދުނިޔަވީ ޢާއްމު މަޢުލޫމާތު ދެވޭ އެއްޗަކަށް ފަހުން ފަހުން އައިސް ޚުޠުބާތައް ވެއްޖެއެވެ. ރައީސް އޮފީހުގެ ބާރުފޯރުވައިގެންނެވެ.

ފާޅުގައި އިސްލާމްދީނަށް ފުރައްސާރަކޮށް، ދީނާ ދެކޮޅަށް މަސައްކަތްކުރާ މައްސަލަ އަށް ސަރުކާރުން ސަމާލުކަމެއް ނުދެއެވެ. އިސްލާމް ދީނަށް ފާޅުކަންބޮޑު ގޮތެއްގައި ހަޖޫޖަހަމުންދާ ލިޔުންރިއެއް ކަމަށް ފަހުގެ ތާރީޚްގައި މަޝްހޫރުވެފައިވާ ހިލްއަތު ރަޝީދު އާއި ބެހޭ ޝަކުވާ ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް އެތައް ބަޔަކު ހުޅައަޅާފައިވެއެވެ. ނަމަވެސް މިހާތަނަށް މީނަ އާއި ދެކޮޅަށް އެއްވެސް ފިޔަވަޅެއް އެޅިފައިވާ ތަނެއް ނުފެނެއެވެ. މިހާރުވެސް އޭނަ ދަނީ އޭނަގެ ބްލޮގްގައި އިސްލާމް ދީނަށް ފުރައްސާރަކޮށް ތަފާތު ލިޔުންތައް ލިޔަމުން، އޭނަގެ އަވާގައި އެތައް ދިވެހިންނެއް ޖައްސުވާ މަގުފުރެއްދުމަށް މަސައްކަތްކުރަމުންނެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އެކުލަވާލާފައިވާ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔާތްކުރުމާއި ބެހޭ ޤަވާޢިދު ގެޒެޓް ނުކޮށް ރައީސް އޮފީހުގައި ހިފަހައްޓާފައިވާތާ  އަހަރަކަށްވުރެ ގިނަ ދުވަސްވެގެން ގޮސްފިއެވެ. އެހެން ނަމަވެސް ފަތުރުވެރިންގެ ރަމްޒީ ކައިވެނީގެ ޙަފުލާ ބޭއްވުމާބެހޭ ޤަވާއިދެއް ހަދާ ގެޒެޓް ކޮށްފައިވަނީ ހަފްތާއެއްގެ ތެރޭގައެވެ. އެޤަވާއިދުގައިވާ "ދިވެއްސެއް ނޫން ފަރާތެއްވެސް އިސްމީހެއްގެ ގޮތުގައި ޢައްޔަން ކުރެވިދާނެ" ކަމަށް އޮތުމުގެ މުރާދަކީ ފާދިރީން ފަދަ މީހުންނަށްވެސް ރާއްޖެއައިސް ކައިވެނި ކޮށްދެވޭނެ ގޮތް ހަމަޖެހުންކަމަށް ބައެއް ފަރާތްތަކުން  ބުނެއެވެ. އަދި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ވަނީ އެޤަވާއިދަށް ޢަމަލުކުރުން ހެޔޮނުވާނެ ކަމަށް ބުނެފައެވެ.

ކޮރަޕްޝަނާއި ފަސާދަ އެންމެ މެކުހަށް ގޮސްފިއެވެ. ޕާޓީ މީހުންނަށް ހަމައެއްލަމައެއް ނެތި ސިޔާސީ މަޤާމްތައް ދިނުމުގައި ހައްދުފަހަނަޅައި ގޮސްފިއެވެ. އިޤްތިޞާދު އަނދަވަޅަކަށް ވެއްޓިއްޖެއެވެ. ތަކެއްޗާއި ޚިދުމަތުގެ އަގު އިންތިހާ އަށް މައްޗަށް އަތްނުފޯރާފަށަށް ގޮސްފިއެވެ.

ހަށިވިއްކުމުގެ ވިޔަފާރީގައި ސަރުކާރުން ބައިވެރިވެ ހިތްވަރުދޭކަމަށް ރައްޔިތުންނަށް ތުހުމަތުކުރެވޭ ފަދަ ކަންކަން ކުރަން ފެށިއެވެ. މާލެ މާލެއަކަށް ވަނީ ހަށި ވިއްކާ ތަންތަންވެސް ހުރުމުން ކަމަށް ސަރުކާރުގެ ނުފޫޛްގަދަ ވެރިއެއް ކަމުގައިވާ ސަރަނގު އާދަމް މަނިކު މިދިޔަ އަހަރު ޖޫން މަހުގެ ތެރޭގައި ބުނެފައިވެއެވެ. ސަރުކާރުގެ އިސްމަޤާމް ތަކެއްގައި ތިބި ބައެއް ވެރިންގެ ބަރަހަނާ ވީޑިއޯތަކެއް ލީކުވި މައްސަލައެއް ފެންމަތިވިއެވެ. ދަޢުލަތުގެ މީޑިއާ ޗެނަލްތަކުން ނުބައި ފާޙިޝް ކަންތައްތައް ފެތުރުންވެސް މައްޗަށް ގޮސްފިއެވެ.

މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމުގެ ނަމުގައި އެތަކެތި ބޭނުންކުރާ މީހުންނަށް ހިތްވަރުދޭން ފެށިއެވެ. އެންމެ ފަހުން ރައީސް މީހާގެ ދުލުން އިވިގެން ދިޔައީ ހަމަބުއްދި ފިލާފައިވާ މީހެއްގެ ބަސްމަގު ހުންނަ ފަދައިން މަސްތުވާތަކެތި ބޭނުންކުރާމީހުންނަށް ހިތްވަރުލިބޭ ފަދަ ބަސްތައް ބުނި އަޑެވެ. ރައީސް މީހާ ބުނެފައިވަނީ “ކޮންމެހެން ބޭނުން، ބޮވެން ޖެހޭނެ. ބޯން އެބަޖެހޭ. ނުބޮއެއް އެކުދިންނެއް ސަލާމަތެއްނުވޭ." މިފަދައިންނެވެ.

ރައީސްގެ ޕްރެސް ސެކްރެޓްރީ ޒުހައިރު ގެ ފަޠުވާ ނެރުމުގެ ސިލްސިލާ އަށް އެންމެ ފަހުން އިތުރުވެގެން ދިޔަ ބޮޅަކީ މަސްތުވާތަކެތި ބޭސް ފަރުވާ އަށް ބޭނުންކުރުން އިސްލާމްދީނުގައި ހުއްދަވެގެންވާ ކަމަށް ބުނެ ދީފައިވާ ބޮޑު ބުހުތާނު ދޮގު ފަޠުވާ އެވެ.

ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީ ފަރުމާ ކުރެވިފައިވަނީ އިސްލާމްދީނުގެ އަޞްލުތަކަށް ރިޢާޔަތް ކުރާގޮތަށް ކަމަށްވީއިރު ބައިނަލްއަޤްޥާމީ ކޯޓުތަކުގައި އެއްވެސް ޝަރުޢީ ޙައްދެއް، އިސްލާމީ އިސްތިޘްނާއެއް ނެތި ރާއްޖެއިން ބައިވެރިވާން ދާދި ފަހުން ވަނީ ނިންމާފައެވެ. މި ނިންމުމަކީ ދިވެހި ރާއްޖެއަށް ޣައިރު ދީންތަކާއި ހުރިހާ ބާވަތެއްގެ ފަސާދައެއް ވެއްދުމަށް ހުޅުވާލި މަގެއް ކަމުގައި ބައެއް ފަރާތްތަކުން ފާހަނގަކުރެއެވެ.

އެމް.ޑީ.ޕީގެ ވެރިކަމުގެ މިސްރާބް ހުރީ ޚުދުމުޚުތާރު އަދި ލާދީނީ ވެރިކަމަކާއި ދިމާލަށްކަން ގިނަ ޢަދަދެއްގެ ރައްޔިތުން ޤަބޫލުކުރެއެވެ. އެމް.ޑީ.ޕީގެ އިސްލާމްދީނުގެ މަޝްވަރާ މަޖިލީހުގެ ރައީސްކަން ކުރިން ކުރައްވާފައިވާ ޝައިޚް އާދަމް ނަސީމް (ބީއޭ ނަސީމް) ދާދި ފަހުން ރޭޑިއޯ ޕްރޮގްރާމަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ މިހާރު ސަރުކާރުގެ ކަންތައްތައް ދާގޮތް އެއްގޮތަކަށް ވެސް ރަނަގޅެއް ނޫން ކަމަށެވެ. އަދި އެމް.ޑީ.ޕީ އުފެއްދުމަށްޓަކައި ކުރެވުނު މަސައްކަތާމެދު ހިތާމަ ކުރައްވާ ކަމަށްވެސް ޝައިޚް ވިދާޅުވެފައިވެއެވެ. ޝައިޚް ބީއޭ ނަސީމް އެމް.ޑީ.ޕީ އިން ވަކިވެ ވަޑައިގެންނެވީ އެޕާޓީން ދީނީ ކަންތައްތަކާމެދު ފަރުވާކުޑަކުރުން މައްޗަށް ދިއުމާ ގުޅިގެން އެކަމާ ހިތްހަމަނުޖެހިގެންނެވެ.

ޝައިޚް ވިދާޅުވެފައިވާ ގޮތުގައި އެބައިމީހުންގެ ހިތްތަކުގައި ދީނީ ލޯތްބަށް ވުރެ ޕާޓީ ލޯބި ބޮޑުވެފައިވާ ކަމަށެވެ. ވަރަށްވެސް ބޮޑު ތެދެކެވެ. ހުރިހާވެސް މައްސަލައަކީ މިމައްސަލައެވެ. ރާއްޖޭގައި ޕާޓީ އަށް އަޅުވެތިވެފައިވާ އެތައް ބަޔަކު އެބައުޅެއެވެ. މިއީ ލޯމައްޗަށް ފެންނަމުންދާ ޙަޤީޤަތްތަކެވެ. މިފަދައިން ރާއްޖޭގެ ކަންތައްތައް "މެކުހަށް ޖެހުމަށް" އެދެނީ ކޮން ރައްޔިތެއް ހެއްޔެވެ؟ މި މެކުހަށް ޖަހަމުންދާ ދިއުން ބުރަކި ޖައްސުވާ ހުއްޓުވުމަށްޓަކައި ރައްޔިތުން މަސައްކަތްކުރަން ފަށަން ވެއްޖެއެވެ.

ޓެގް

މެކުހަށް ޖެހުން ލާދީނީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.