މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތްކުރާ މަދަނީ ޖަމްޢިއްޔާ އެއް ކަމަށްވާ ސޮސައިޓީ ފޯރ ވިމެން އެގެއިންސްޓް ޑްރަގްސް (ސްވަޑް) އިން އިސްނަގައިގެން މިރޭ ބާއްވާ ޝައިޚް އިލްޔާސް ޙުސައިންގެ ޚާއްޞަ ދަރުސް އެމް.އެން.ބީ.ސީ ވަން އަދި ރޭޑިއޯ އެޓޯލް 96 އެފް.އެމް އިން އިންޝާﷲ ލައިވްކުރުމަށް ހަމަޖެހިފައިވާ ކަމަށް އެޖަމްޢިއްޔާ އިން ބުނެފިއެވެ.
މިރޭ 21:00 ގައި އާޓިފިޝަލް ބީޗްގައި ޝައިޚް އިލްޔާސް ދަރުސް ދެއްވާނީ "ޙަޤީޤީ އުފާ ލިބެނިވި މަގަކީ..." މިމައުޟޫއަށެވެ. މިފަދަ ޙަރަކާތެއް ހިންގަނީ މަސްތުވާތަކެތީގެ ވަބާއިން މުޖްތަމަޢުގެ މީސްތަކުން ސަލާމަތްކުރުމަށްޓަކައި ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މުޙިންމުކަން ބޮޑުވެފައިވާތީ ކަމަށް ޖަމްޢިއްޔާގެ އެޑްމިނިސްޓްރޭޓަރ ނަޖްމާ އިބްރާހީމް ވިދާޅުވިއެވެ.
މިދަރުސް ބޭއްވެނީ ޑިޕާޓްމަންޓް އޮފް ޑްރަގް ޕްރިވެންޝަން އެންޑް ރިހެބިލިޓޭޝަން ސަރވިސަސް (ޑީ.ޑީ.ޕީ.އާރު.އެސް) އާއި އިސްލާމިކް މިނިސްޓްރީ ގެ އެއްބާރުލުމާއެކު އެވެ.
މިދަރުސަކީ "ސްވަޑް" ޖަމްޢިއްޔާ އިން އިސްނަގައިގެން ބޮޑު ޙަރަކާތެއްގެ ގޮތުގައި ބޭއްވޭ މިފަދަ ފުރަތަމަ ދަރުސެވެ. ނަޖްމާ ވިދާޅުވީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ފަރާތްތަކަށް ފަރުވާ ދިނުމުގެ ގޮތުން ރާއްޖޭގެ ފުންނާބު އުސް ދީނީ ޢިލްމުވެރިން މެދުވެރިކޮށް އެފަދަ މީހުންނަށް ނަޞީހަތް ދިނުމުގެ ސެޝަންތައް އެޖަމްޢިއްޔާ އިން ހިންގަމުން ގެންދާ ކަމަށެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...