ވަލުޖަންގަލީގެ ޤާނޫނަށް ތަބާވާ، އިންސާނީ އަޚްލާޤުގެ ސިފަ ހުސްވެފައިވާ ބައެއްގެ ބޭނުން ހިފައިގެން އެމީހުންގެ ކޮންސެޓްތައް ދައްކައި އިތުރަށް ޤައުމު އާވާރާ ހާއްޔަކަށް ބަދަލުވާ ކޮންސެޓެއްގެ ބަދަލުގައި ގައުމުން ނެތިގެންދާ އިސްލާމް ދީނުގެ ރިވެތި އަހުލާގު ހިފެހެއްޓުމަށްޓަކައި ކޮންސެޓެއް ބޭއްވުމަށް ޢަދާލަތު ޕާޓީގެ ފަރާތުން ގޮވާލައިފި.
ޢަދާލަތު ޕާޓީއިން މިހެން ގޮވާލައިފައިވަނީ، މިކަމާއިބެހޭ ގޮތުން ނެރެފައިވާ ބަޔާނެއްގައެވެ. "ފަސާދައިގެ ކޮންސެޓަށް މަރުޙަބާ ނުކިޔަމާ" މިސުރުހީގެ ދަށުން ނެރެފައިވާ ބަޔާނުގައި ގޮވައިލައްވާފައިވަނީ ފަސާދައަށް މަގުކޮށަމުންދާ އެއްވެސް ކޮންސެޓަކަށް މަރުޙަބާ ނުކިއުއްވުމަށާއި އެފަދަ ކޮންސެޓްތަކުގައި ލޮބުވެތި ދަރިން ބައިވެރިނުކުރެއްވުމަށް އަދި އެކުދިންނަކީ ތިމާމެންގެ ދެދުނިޔޭގެ ނިޢުމަތްކަމުގައި ހެދޭތޯ މަސައްކަތް ކުރެއްވުމަށްވެސް ޢަދާލަތު ޕާޓީގެ ފަރާތުން ގޮވައިލައްވާފައިވެއެވެ.
ޢަދާލަތު ޕާޓީގެ ބަޔާނުގައި އިތުރަށް ހާމަކޮށްފައިވަނީ ޤައުމު ތަރައްޤީ ކުރުމަށްޓަކައި ކަންތައްތަކެއް ކުރަން ވިސްނާއިރު، ޒުވާނުން މުނިފޫހި ފިލުވުމަށްޓަކައި އަޅުގަނޑުމެންނަށް އިންތިޒާމު ނުކުރެވި އޮތީ ވަލުޖަންގަލީގެ ޤާނޫނަށް ތަބާވާ، އިންސާނީ އަޚްލާޤުގެ ސިފަ ހުސްވެފައިވާ ބައެއްގެ ބޭނުން ހިފައިގެން އެމީހުންގެ ކޮންސެޓްތައް ދައްކައި އިތުރަށް ޤައުމު އާވާރާ ހާއްޔަކަށް ބަދަލުކުރުމުގެ ބަދަލުގައި، ގައުމު މިއަނދަވަޅަށް ވެއްޓެންޖެހުނު ސަބަބު ހޯދައި އެފަދަ ކަންކަމުގެ ކޮންސެޓް ބާއްވައިގެން ޤައުމުގެ ޒުވާނުންގެ ސިކުނޑިތައް ހެވާދިމާއަށް މިސުރާބު ކުރުވުުން މާރަނގަޅު ކަމުގައި ޢަދާލަތު ޕާޓީގެ ބަޔާނުގައި ހާމަކުރައްވާފައިވެއެވެ.
އަދި މިބަޔާނުގައި ހާމަކޮށްފައިވަނީ ޤައުމަކަށް ދިރުން އަންނާނީ އެޤައުމެއްގައި އައުދާނަކަން ދިރިގެން ދިޔަ މިންވަރަކުން ކަމަށާއި، އެހެންކަމުން ޢަދާލަތު ޕާޓީގެ ފަރާތުން ގައުމުގެ މުވާޠިނުންގެ ކިބައިން، ޤައުމުގެ ވެރިންނާއި ވަކީލުންގެ ކިބައިން، ޤައުމުގެ އާރުލާ މީހުންނާއި ހެއުވިސްނޭ މީހުންގެ ކިބައިން، ޤައުމުގެ މައިންނާއި ބަފައިންގެ ކިބައިން، ޤައުމުގެ ސިޔާސީ މުފައްކިރުންގެ ކިބައިން މިއަދުގެ ޙާލުގެ ދުލުން ޤައުމު ގޮވައިނަގަނީ އެންމެ ކަމަކަށްކަމަށާއި އަދި ބާއްވަން އެދި ގޮވަނީ އެންމެ ކޮންސެޓަކަށެވެ. އެކޮންސެޓަކީ މިދީބުން ނެތިގެންމިދާ އިސްލާމު ދީނުގެ ރިވެތި، މާތް އަޚްލާޤު ދިޔަނުދީ ހިފެހެއްޓުމަށްޓަކައި ކޮންސެޓެއް ބޭއްވުން ކަމުގައި، ޢަދާލަތު ޕާޓީގެ ބަޔާނުގައި ހާމަކުރައްވާފައިވެއެެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...