ރާއްޖޭގެ ޚަބަރު ރާއްޖޭގައި ހަށިވިއްކުމުގެ ވިޔަފާރި ހުއްޓުވުމަށް ޤައުމީ ޕާޓީން ސަރުކާރަށް ގޮވާލައިފި

ރާއްޖޭގައި ހަށިވިއްކުމުގެ ވިޔަފާރި ހުއްޓުވުމަށް ޤައުމީ ޕާޓީން ސަރުކާރަށް ގޮވާލައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އައްޑޫ ސިޓީ ގަމުގައި ބިއުޓީ ސެލޫނެއްގެ ނަމުގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދިޔަ ތަނެއް : ދާދިފަހުން ފުލުހުން ވަނީ މިތަނުގައި އެނުބައި ޢަމަލު ހިންގުމުގައި ޝާމިލްވާ މީހުންނާއި ތަނުގެ ވެރިފަރާތް ހައްޔަރުކޮށްފައި / ލިޔުނީ : ޙަސަން ޝިޔާޒް

މާލެއާއި ރާއްޖޭގެ ބައެއް ހިސާބުތަކުގައި ޢާއްމުވެފައިވާ ހަށިވިއްކުމުގެ ވިޔަފާރިތައް ހުއްޓުވާ، މުޖުތަމަޢު ޞިއްޙީ އަދި އިޖްތިމާޢީ ބަލިމަޑުކަމެއްގެ ތެރެއަށް ދިޔަނުދިނުމަށް އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް މިހާރުން މިހާރަށް އެޅުމަށް ދިވެހި ޤައުމީ ޕާޓީން ސަރުކާރަށް ގޮވާލައިފިއެވެ.

އެ ޕާޓީން މިދިޔަ އާދީއްތަ ދުވަހު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މަސާޖްކުރުމާއި، ސިއްޙީ ލުއިފަރުވާއާއި މިނޫންވެސް އެފަދަ ނަންނަމުގައި މާލެއާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޖިންސީ ވިޔަފާރި ޢާއްމުވަމުން ދަނީ ދިވެހި ރައްޔިތުން ކަންބޮޑުވާންޖެހޭ ފަދަ މިންވަރަކަށެވެ. އަދި މިފަދަ ކަންކަމަށް ސަރުކާރުން ބީރުކަންފަތެއް ދީގެން ތިބޭކަމީ މިކަންކަމަކީ ސަރުކާރުން ތަރުހީބުދޭ އަދި ސަރުކާރުގެ އެހީތެރިކަމާ އެއްބާރުލުން ލިބިގެން ކުރެވެމުންދާ ކަމެއްކަމަށް ބުނުމުގެ ފުރުޞަތު ހުޅުވިގެންދާ ކަމެއް ކަމަށް ޤައުމީ ޕާޓީން ބުނެފައިވެއެވެ.

"މިހާރު ޢާއްމުވެފައިވާ ހަށިކުއްޔަށްދިނުމުގެ ވިޔަފާރީގައި މިސަރުކާރުން ބައިވެރިވާކަމަށް ބުނުމަށް މަގުފަހިވެގެންދާ އެއްކަމަކީ، ދާދިފަހުން ލީކުވި، ސަރުކާރުގެ އިސްމަޤާމް ތަކެއްގައި ތިބި ބައެއްގެ ބަރަހަނާ ވީޑިއޯތަކެވެ. އެވީޑިއޯތަކުން ފެނިގެން ދިޔައީ ސަރުކާރުގެ އިސްމަޤާމް ތަކެއްގައި ތިބިބަޔަކު ހަޑިމުޑުދާރު ބަދުއަޚުލާގީ އަމަލުތަކެއްގެ ތެރެއަށްވަދެ އެމީހުންގެ ހަމަބުއްދި ފިލައިގެން ގޮސްގެން އުޅޭ މަންޒަރެވެ. މިކަމާ މެދުވެސް މިސަރުކާރުން ކަން ކޮށްފައިވާ ގޮތުން ދިވެހި މުޖުތަމަޢުގެ އަޚްލާޤީ ފޭރާން ކުދިކުދިވެގެން ދިއުމާމެދު މިސަރުކާރުން އެއްވެސް މިންވަރަކަށް ފަރުވާލެއް ނުބަހައްޓާކަން ދޭހަވެއެވެ." އެ ބަޔާނުގައި ބުނެފައިވެއެވެ.

ޤައުމީ ޕާޓީން ބުނެފައިވާ ގޮތުގައި އެކަމުގައި ޝާމިލްވާ ފަރާތްތަކުގެތެރެއިން އެއްވެސް ފަރާތަކާމެދު ފިޔަވަޅެއް ނޭޅިއިރު އޭގެތެރެއިން ސަރުކާރުގެ އިސްމަޤާމް ތަކުގައި ތިބިމީހުން އަދިވެސް އެގޮތުގައި ތިބިތިބުމަކީ އެފަދަ ކަންކަން ކުރާމީހުންނަށް މިސަރުކާރުންދޭ އިތުރު ހިތްވަރަކާއި ތަރުހީބަކަށް ނޫނީ ނުވެއެވެ.

"މިކަމަކީ ޞިއްޙީ އަދި އިޖްތިމާޢީ ބަލިމަޑުކަމަކަށް މަގުފަހި ކުރާ ކަމެއްގެ އިތުރުން މާތްވެގެންވާ އިސްލާމްދީނުގައިވެސް ކަނޑައެޅިގެން މަނާކުރައްވާފައިވާ ކަމެކެވެ. ވުމާއެކު މިފަދަކަމެއް އާންމުވެފައިވާއިރު ދިވެހިރާއްޖެފަދަ އިސްލާމީ ޤައުމެއްގެ ސަރުކާރުން މިކަމާމެދު ލޯމަރާލައިގެން އޮތުމުން ދޭހަވަނީ މިސަރުކާރުން ދިވެހިރާއްޖޭގައި އިސްލާމީ އުޞޫލުތަކާ ހަމަތައް ޤާއިމްކުރުމަށް އެއްވެސް އިސްކަމެއްނުދޭކަމެވެ." އެ ބަޔާނުގައި ވެއެވެ.

މީގެ އިތުރުން އެޕާޓީން ބުނެފައިވަނީ ޤައުމުގެ ޒުވާން ޖީލުތައް ރިވެތި އިސްލާމީ އަޚްލާޤީ މިންގަނޑުގެ ތެރޭގައި ތަރުބިއްޔަތު ކުރުމަށް މަގުފަހި ކުރުމުގެ ބަދަލުގައި، މިސަރުކާރުން ދިވެހި ޒުވާނުންނަށްޓަކައި ތައްޔާރުކޮށްދޭ ތަން ފެންނަނީ ލާދީނީ ފިކުރުތަކާ ޢަމަލުތައް ފެތުރި، ޞިއްޙީ އަދި އިޖްތިމާޢީ ބަލިމަޑުކަން އާންމުވެފައިވާ، އެއްވެސް ރައްކާތެރިކަމެއް ނެތް މުޖުތަމަޢެއް ކަމަށެވެ.

ޓެގް

ޒިނޭޚާނާ މަސާޖްޕާލާ ހަށިވިއްކުން ލާދީނީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.