ރާއްޖޭގެ ޚަބަރު ޤައުމީ ޤުރުއާން މުބާރާތުން ވަނަވަނަ ހޯދި ދަރިވަރުންނަށް އިނާމް ދިނުމާއި ޤުރުއާން ހިތުދަސްކޮށްފައިވާ ފަރާތްތަކަށް ހާފިޒްކަމުގެ ސަނަދު ޙަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފި

ޤައުމީ ޤުރުއާން މުބާރާތުން ވަނަވަނަ ހޯދި ދަރިވަރުންނަށް އިނާމް ދިނުމާއި ޤުރުއާން ހިތުދަސްކޮށްފައިވާ ފަރާތްތަކަށް ހާފިޒްކަމުގެ ސަނަދު ޙަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފި

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

މިއަހަރުގެ ޤައުމީ ޤުރުއާން މުބާރާތުގައި ވަނަ ހޯދި ދަރިވަރަކަށް އިންމް ދެއްވަނީ / ލިޔުނީ : ޙަސަން ޝިޔާޒް

ކީރިތި ޤުރްއާނާ ބެހޭ މަރްކަޒާއި މިނިސްޓްރީ އޮފް އެޑިއުކޭޝަން ގުޅިގެން ބޭއްވި ޤައުމީ ޤުރްއާން މުބާރާތުން ވަނަވަނަ ހޯދި ދަރިވަރުންނަށް އިނާމް ދިނުމާއި ޤުރުއާން ހިތުދަސްކޮށްފައިވާ ފަރާތްތަކަށް ހާފިޒްކަމުގެ ސަނަދު ޙަވާލުކުރުމުގެ ރަސްމިއްޔާތު މިއަދު ދަރުބާރުގޭގައި ބާއްވައިފިއެވެ.

ޤުރުއާން މުބާރާތުން އެއް ވަނަ ހޯދާފައިވަނީ އަމީނިއްޔާ ސްކޫލްގެ ދަރިވަރު، ގ.ޖޫލިއަޓްގެ، ފާޠިމަތު މަލްދާ މުޙައްމަދު އެވެ. ދެވަނަ ހޯދި ދެ ދަރިވަރުންނަކީ އިމާދުއްދީން ސްކޫލްގެ ދަރިވަރު، ގ.އުފާ، އަބްދުﷲ ޔަމާން އަހުމަދު އާއި ހދ.މަކުނުދޫ މަދަރްސާގެ ދަރިވަރު، އެރަށު ޑައިމަންޑްވިލާ، މަރްޔަމް ރިފާ އެވެ. ތިން ވަނަ ހޯދި ދެ ދަރިވަރުންނަކީ ވިނަވި ޤުރްއާން ކްލާހުގެ ދަރިވަރު ސ. ފޭދޫ އޯޝަން، މަރްޔަމް ލައްޔާ ރިޔާޒާއި، ޢިމާދުއްދީން ސްކޫލްގެ ދަރިވަރު، ގ.އިވްނިންސްޓަރ ފާޠިމަތު ޖައިޝާ އިކްރާމް އެވެ.

މިރަސްމިއްޔާތުގައި ޤުރުއާން ހިތުދަސްކޮށްގެން ހާފިޒްކަމުގެ ސަނަދު ހޯދާފައިވާ 7 ފަރާތުގެ ތެރޭގައި އުމުރުން 11 އަހަރުގެ ކުޑަކުއްޖެއް ކަމަށްވާ އއ.ތޮއްޑޫ، ފިނިވާގެ، އާދަމް މިޝްއަލް ޝާމިން އާއި ލޯފަން ބޭފުޅެއް ކަމަށްވާ ހދ.ކުޅުދުއްފުށި، ރަބީއު ޢަލީ އަމްޖަދު ހިމެނެއެވެ. މިސަނަދު ހޯދި އެހެން ބޭފުޅުންނަކީ ދ.ކުޑަހުވަދޫ، ޝަބްނަމީގެ، މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް (17 އަހަރު) އާއި، ޏ.ފުވައްމުލަކު، ސޯސަންވިލާ، މަރްޔަމް އިބްރާހީމް ދީދީ އާއި، ހަމަ އެރަށު މާހުގެ، ޢާއިޝަތު ފަހުމީ އާއި، ށ.ފޯކައިދޫ، މާވާގެ، މުޙައްމަދު ޝަރީފް އާއި، ހދ.ކުޅުދުއްފުށި، ބާބުލްއަވާލީ، މުޙައްމަދު އަޙްމަދު އެވެ.

ޤުރުއާން ހިތުދަސްކޮށްގެން ހާފިޒްކަމުގެ ސަނަދު ހޯދި އުމުރުން 11 އަހަރުގެ އއ.ތޮއްޑޫ، ފިނިވާގެ، އާދަމް މިޝްއަލް ޝާމިން އާއި ރައީސް ނަޝީދު ސަނަދު ޙަވާލުކޮށްދެއްވަނީ

ޤުރުއާން މުބާރާތުގެ އެއްވަނަ ސްކޫލަކީ އަމީނިއްޔާ ސްކޫލެވެ. ދެވަނަ އިސްކަންދަރު ސްކޫލުން ހޯދާފައިވާ އިރު ތިންވަނަ ހޯދީ ޢިމާދުއްދީން ސްކޫލެވެ. އެއްވަނަ ޤުރުއާން ކްލާހަކަށް ހޮވިފައިވަނީ އިޔާރު ޤުރުއާން ކްލާހެވެ. ކިޔެވުމުގެ ފެންވަރު ދަށްކަމުން އަތޮޅުތަކުގެ ބައިން މިއަހަރު އެއްވެސް ސްކޫލަކަށް ވަނަ އެއް ނުލިބެއެވެ.

ޤުރުއާނާއި ބެހޭ މަރުކަޒުން ހާމަކުރާ ގޮތުގައި މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރުގެ ކިޔެވުމުގެ ފެންވަރު ވަނީ ދަށަށް ގޮސްފައެވެ. ޚާއްޞަކޮށް ހިތުން ކިޔެވުމުގެ ބައިން ކުދިންގެ ފެންވަރު ދަށްވެފައިވާ ކަމަށް މުބާރާތުގެ ފަނޑިޔާރުން ބުނެފައިވެއެވެ. ވުމާއެކު މުޅި މުބާރާތުގައި 327 ވަނަ ހޮވަން ކުރިން ނިންމާފައިވިޔަސް އިނާމް ދީފައިވަނީ 175 ކުދިންނަށެވެ. މިރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު އެވެ.

އިސްލާމީ މަރްކަޒްގެ ޖަލްސާ ކުރާ މާލަމުގައި 6 އުމުރު ފުރައަކަށް ބަހާލެވިގެން މިދިޔަ މަހު 26 ން ފެށިގެން ކުރިއަށްދިޔަ މިމުބާރާތުގައި މާލޭގެ ސްކޫލްތަކާ، ޤުރްއާން ކްލާސްތަކާ، ޕްރީސްކޫލްތައް އެއްކޮށް 411 ދަރިވަރުން ބައިވެރިވިއެވެ. އަތޮޅުތަކުން ވ. އަތޮޅު ފިޔަވާ ކޮންމެ އަތޮޅަކުން 15 ދަރިވަރުން ހިމެނޭ ގޮތަށް ޖުމްލަ 249 ދަރިވަރުން ބައިވެރިވިއެވެ. މިގޮތުން މާލެ އާއި އަތޮޅުތެރެ އެއްކޮށް މުޅި ޖުމްލަ 660 ދަރިވަރުން ވަނީ މި މުބާރާތުގައި ބައިވެރިވެފައެވެ. އަތޮޅުތަކުން މުބާރާތަށް ދަރިވަރުން ބައިވެރިކުރެވުނީ ކޮންމެ ރަށެއްގައި ވަކިވަކިން ރަށު ފެންވަރުގެ މުބާރާތްތައް ބޭއްވި، އޭގެތެރެއިން އެންމެ މޮޅު 15 ދަރިވަރުން ވާދަކޮށް އަތޮޅު ފެންވަރުގައި މުބާރާތް ބާއްވާ އެންމެ މަތީ މާކްސް ހޯދި ކުދިން ހޮވައިގެންނެވެ.

މިމުބާރާތުގެ މަޤްޞަދަކީ ދިވެހިންގެ ހިތްތަކުގައި ކީރިތި ޤުރްއާން ކިޔެވުމަށް ލޯބި ޖައްސާ އެފަންނު އާލާކޮށް، ދިރުވައި، ފެތުރުމަށް މަސައްކަތްކުރުމާއި، ޤުރްއާން ހިތުދަސްކުރުމަށާއި، ތަޖްވީދުގެ މަގަށް ކިޔެވުމަށް ހިތްވަރުދިނުމާއި، ޤުރްއާން ރައްކާތެރިކުރުމަށް މަސައްކަތްކުރުމެވެ. އަދި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ބާރުއެޅުމާއި، ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ވާދަކުރެވޭނެ ފެންވަރުގެ ކުދިން އުފެއްދުމެވެ.

_____

ފޮޓޯ : ރައީސް އޮފީސް

ޓެގް

ޤުރުއާން މުބާރާތް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.