ރާއްޖޭގެ ޚަބަރު އިބްރާހީމް ރަމީޒްގެ "އިހުގެ ޅެން" މަދަހަ އަލްބަމް ނެރެފި

އިބްރާހީމް ރަމީޒްގެ "އިހުގެ ޅެން" މަދަހަ އަލްބަމް ނެރެފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ޢަބްދުﷲ ޞާދިޤް (ސޯދުބެ) "އިހުގެ ޅެން" މަދަހަ އަލްބަމް ނެރެދެއްވަނީ - ފޮޓޯ : އިސްމާޢީލް އަފްރާހް - ދިއިސްލާމް / ލިޔުނީ : ޙަސަން ޝިޔާޒް

އިބްރާހީމް ރަމީޒްގެ "އިހުގެ ޅެން" މަދަހަ އަލްބަމް ރޭ ނެރެފިއެވެ. ރޭ 20:50 ހާއިރު ހިރިޔާ ސްކޫލްގެ ހޯލްގައި ބޭއްވި ޚާއްޞަ ޙަފްލާއެއްގައި މިއަލްބަމް ނެރެދެއްވީ ދިވެހި ބަހާއި އަދަބިއްޔާތަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ޢަބްދުﷲ ޞާދިޤް (ސޯދުބެ) އެވެ.

މިސްޓަރ ސްޓޫޑިއޯ ޕްރައިވެޓް ލިމިޓެޑް އިން އުފައްދާފައިވާ މިއަލްބަމްގައި މިއުޒިކީ ދާއިރާ އަށް އަލްވަދާޢު ކިޔާފައިވާ ކުރީގެ ފްރީޒް ބޭންޑްގެ ލަވަކިއުންތެރިޔާ އިބްރާހީމް ރަމީޒް (އިބޭ) ގެ 8 މަދަހަ ހިމެނެއެވެ.

އިބޭ ބުނިގޮތުގައި މިއަލްބަމްގައި ހިމެނެނީ ކާބަފައިން ނުވަތަ ކުރީގެ އުސްތާޛުން ހައްދަވާފައިވާ ޅެންތަކެކެވެ. އަދި އެބޭފުޅުން ދީނަށާއި ޤައުމަށް ކޮށްދެއްވާފައިވާ އަގުހުރި މަސަތްކަތްތައް މިހާރު ފަނޑުވަމުން ގޮސް ނެތިގެން ހިނގައިދާނެ ކަމުގެ ބިރު ހީވެފައިވާތީ އެ އަގުހުރި މަސަތްކަތް ޒަމާންތަކަށް ދިރިގެން ދާނޭހެން ހެދުމަކީ މިއަދުގެ ޒުވާނުން ކޮންމެހެން ކުރަން ޖެހިފައިވާ ކަމެއް ކަމަށް ދެކޭތީ މިފަދަ އަލްބަމްތަކެއް ނެރެން ނިންމީ ކަމަށް އިބޭ ބުންޏެވެ.

އިބޭ ބުނީ އިހުގެ ޅެންތައް ދިރުވުމުގެ ނަމުގައި މިހާރަކަށް އައިސް ބައެއް މީހުން ވަރަށް ވަރުގަދަ އަށް މިއުޒިކާއި އޭތިމީތި އޭގައި ލައިގެން މަސައްކަތްކުރަމުންދާ ކަމަށެވެ. އެހެންނަމަވެސް ކާބަފައިން ދީނަށްޓަކައި ކުރައްވާފައި ހުރި މިފަދަ ކަންތައްތަކުގައި (މިއުޒިކް) ކަހަލަ މުންކަރާތްތައް ހިމެނިފައި ނެތް ކަމީ ވަރަށް އުފާކުރަންޖެހޭ ކަމެއް ކަމަށް އިބޭ ބުންޏެވެ.

ރޭގެ ޙަފްލާގައި ސޯދުބެ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ އިހުގެ މިބާވަތުގެ މަސައްކަތްތަކަށް އިބްރާހީމް ރަމީޒް ދީފައިވާ ތަރުޙީބް ފެނުނީމަ މިކަހަލަ ކަންތައްތަކަށް ލޯބިކުރާ ޒުވާނުންވެސް އެބަތިބިކަން އެނގިވަޑައިގެންފައިވާ ކަމަށެވެ. އިހުގައި ޅެންހެދުމުގެ މަސައްކަތްތައް ގޮސްފައިވާ ގޮތް ސޯދުބެ ކިޔައިދެއްވިއެވެ. ސޯދުބެ ވިދާޅުވީ އިބްރާހީމް ނާޞިރުގެ ވެރިކަމުގެ ދުވަސްވަރު ސޯދުބެ ހެއްދެވި "އެންމެން ކިޔެވީ އެއްފޮތަކުންނޭ" މިޅެމުގެ ސަބަބުން ޖަލަށް ނުލީ ކިރިޔާ ކަމަށެވެ. އަދި މިބާވަތުގެ މަސައްކަތްތައް ޢާއްމުންނަށް ފެންނަ ގޮތަށް ޚާއްޞަކޮށް ކުޑަކުދިންނަށް ކަމުދާ ކަހަލަ ދީނީ ޅެންތައް މިގޮތަށް ނެރުމަކީ ވަރަށް ބޮޑަށް އުފާވެވަޑައިގަންނަވާނެ ކަމެއް ކަމަށް ސޯދުބެ ވިދާޅުވިއެވެ.

މިއަލްބަމްގައި ހިމެނޭ ޅެންތައް ހައްދަވާފައިވާ ބޭފުޅުންގެ ތެރޭގައި ޔޫސުފް މުޙައްމަދު ފުޅު ރަޙިމަހުﷲ ، އަޙްމަދު ޢަބްދުއްލަޠީފް ރަޙިމަހުﷲ އަދި ޢަބްދުﷲ ޞާދިޤް ހިމެނެއެވެ. އިބޭ ހާމަކުރި ގޮތުގައި މިފަދަ ކުރީގެ ޅެންތައް ހިމެނޭ މަދަހަ އަލްބަމް ނެރުމަކީ ސިލްސިލާކޮށް ކުރަން ޤަސްތުކޮށްފައިވާ މަސައްކަތެކެވެ.

މިއަލްބަމްގައި އިބޭ ކުރިން ލަވައިގެ ގޮތުގައި ނެރެފައިވާ އޭނާގެ 2 ރާގު ވެސް މަދަހައިގެ ގޮތުގައި ބަދަލުކޮށް ހިމަނާފައިވާ ކަމަށް އިބޭ ބުނެއެވެ.

މިއަލްބަމްގެ އަގަކީ 50 ރުފިޔާ އެވެ. މިއަލްބަލް ޖިލްބާބް ގެ ހުރިހާ ފިހާރަތަކުންނާއި ފްރީޒް ބްރޭންޑް ފިހާރަ އިން ލިބެން ހުންނާނެއެވެ. އަދި އިތުރު އެހެން ފިހާރަތަކުން ވެސް ލިބޭނެ ގޮތް ހެދުމަށް މަސައްކަތްކުރަމުންދާ ކަމަށް އިބޭ ބުންޏެވެ.

ރޭގެ މިޙަފްލާ އިންތިޒާމްކުރި މިސްޓަރ ސްޓޫޑިއޯ ޕްރައިވެޓް ލިމިޓެޑް އިން ވަނީ މިޙަފްލާ އަށްފަހު "އިންސާނާގެ ފުރާނަ" މިމައުޟޫއަށް ޝައިޚް މުޙައްމަދު މޫސާގެ ޚާއްޞަ ދަރުސެއްވެސް ބާއްވާފައެވެ.

ޓެގް

މަދަހަ، އިބްރާހީމް ރަމީޒް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.