"އިންސާނާގެ ފުރާނަ" މިމައުޟޫއަށް ޝައިޚް މުޙައްމަދު މޫސާގެ މިރޭ ހިރިޔާ ސްކޫލްގެ ހޯލްގައި ދެއްވާ ޚާއްޞަ ދަރުސާއި އިބްރާހީމް ރަމީޒްގެ "އިހުގެ ޅެން" މަދަހަ އަލްބަމް ނެރުމުގެ ޙަފްލާ ރޭޑިއޯ އެޓޯލް އިން ލައިވް ކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް މިދަރުސް އިންތިޒާމްކުރާ މިސްޓަރ ސްޓޫޑިއޯ ޕްރައިވެޓް ލިމިޓެޑް އިން ބުނެފިއެވެ.
މިކަމުގައި އިސްކޮށް އުޅޭ ޒުވާނަކު ދިއިސްލާމަށް މަޢުލޫމާތު ދިން ގޮތުގައި މިއިވެންޓް މިރޭ ބަރާބަރު 20:40 ގައި އިންޝާﷲ ފެށޭނެއެވެ. މިރޭގެ ދަރުސް އަޑުއެހުމަށްޓަކައި ވީހާވެސް ގިނަ ބަޔަކު ވަޑައިގަންނެވުމަށް މިސްޓަރ ސްޓޫޑިއޯ އިން ދަޢުވަތު އަރުވައެވެ. އަދި ހުރިހާ ބޭފުޅުންވެސް ގަޑިއަށް ޙާޟިރުވުމަކީ އެފަރާތުގެ ވަރަށް ބޮޑު އެދިލެއްވުމެކެވެ.
މިސްޓަރ ސްޓޫޑިއޯ ޕްރައިވެޓް ލިމިޓެޑް އިން އުފައްދާ "އިހުގެ ޅެން" މަދަހަ އަލްބަމްގައި މިއުޒިކީ ދާއިރާ އަށް އަލްވަދާޢު ކިޔާފައިވާ ކުރީގެ ފްރީޒް ބޭންޑްގެ ލަވަކިއުންތެރިޔާ އިބްރާހީމް ރަމީޒް (އިބޭ) ކިޔާފައިވާ ޖުމްލަ 8 މަދަހަ ހިމެނެއެވެ.
އިބޭ ކުރިން ދިއިސްލާމަށް ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވަނީ ގޮތުގައި މަދަހަ އަލްބަމް ނެރުމަކީ ސިލްސިލާކޮށް ކުރަން ޤަސްތުކޮށްފައިވާ މަސައްކަތެކެވެ.
މިއަލްބަމްގައި އިބޭ ކުރިން ލަވައިގެ ގޮތުގައި ނެރެފައިވާ އޭނާގެ 2 ރާގު ވެސް މަދަހައިގެ ގޮތުގައި ބަދަލުކޮށް ހިމަނާފައިވާ ކަމަށް އިބޭ ބުނެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...