ޢާންމުންގެ މުދަލާއި ތަކެއްޗަށް ގެއްލުން ދެމުންދާތީވެ، ނާތަހުޛީބު މިޢަމަލު ޖަމްޢިއްޔަތުއް ސަލާމުގެ ފަރާތުން އެންމެ ހަރުކަށި ޢިބާރާތުން ކުއްވެރި ކުރާކަމަށް ޖަމްޢިއްޔަތުއް ސަލާމް އިން ހާމަކޮށްފިއެވެ.
ޖަމްޢިއްޔަތުއް ސަލާމްއިން މިގޮތައް ހާމަކޮށްފައިވަނީ، ދިޔަމިގިލީގެ، ކޭބަލްޓީވީ ޙިދުމަތް ދިނުމަށް ބޭނުން ކުރާ ޑިޝް އެންޓަނާތަކަށް ބަޔަކު ގެއްލުންދީ ހަލާކުކޮށްލައި ވާތި އެކަންކުށްވެރިކޮށް އެޖަމްޢިއްޔާއިން ނެރެފައިވާ ނޫސްބަޔާނެއްގައެވެ.
މިނޫސްބަޔާނުގައި ހާމަކޮށްފައިވަނީ، މިފަހަކަށް އައިސް މިމުޖުތަމަޢުގައި އެންމެ ބާރަށް ދެކެވޭ ވާހަކަޔަކީ، ދިޔަމިގިލީގައި ކެބަލް ޓީވީ ޚިދުމަތް ދިނުމަށް ބޭނުންކުރާ ޑިޝް އެންޓަނާތަކަށް ކޮންމެސް ފަރާތަކުން ގެއްލުންދީ ހަލާކުކޮށްލާފައިވާ ވާހަކަކަމަށާއި، މިއީ ހިތާމަ ހުރިކަމެއްކަމުގައި މިޖަމްޢިއްޔާގެ ނޫސްބަޔާނުގައި ހާމަކުރައްވާފައިވެއެވެ. އެހެނީ ކޮންމެ މުޖުތަމައެއްގައިވެސް އެމުޖުތަމައެއްގެ ފަރުދުންނަށް ޚިދުމަތް ދިނުމަށް ބޭނުންކުރާ މިފަދަ އިންސާނީ ވަޞީލަތްތަކަށް ގެއްލުންދީ ހެދުމަކީ އިސްލާމް ދީނުގައި ނަހީކުރައްވާފައިވާ ކަމެއްކަމަށްވެސް މިނޫސްބަޔާނުގައި ހާމަކުރައްވާފައިވެއެވެ.
މިޢަމަލް ހިންގިބައެއް ހޯދައި، އަދުލްއިންސާފުގެ ކުރިމައްޗަށް ގެނައުމަށްވެސް، ރަށުގެ ވެރިންނާއި ކަމާބެހޭ އެންމެހާ މުއައްސަސާތަކަށް މިޖަމްޢިއްޔާއިން ގޮވާލާކަމަށްވެސް ޖަމްޢިއްޔަތުއްސަލާމުގެ ނޫސްބަޔާނުގައި ހާމަކުރައްވާފައިވެއެވެ. އަދި މިފަދަ ޢަމަލުތަކަކީ މުޖުތަމަޢުގެ ކުރިއެރުމާއި ތަރައްޤީއަށްވެސް ހުރަސް އެޅޭކަމެއް ކަމުގައިވެސް ޖަމްޢިއްޔަތުއް ސަލާމުގެ ނޫސްބަޔާނުގައި އިތުރަށް ހާމަކުރައްވާފައިވެއެވެ.
އަދި މިކަން ކުރި ފަރާތަކުން ﷲ އަށް ބިރުވެތިވުމަށާއި، މިފަދަ ޢަމަލުތައް ހިންގާމީހުންނަށް، ޤިޔާމަތް ދުވަހު ހުރި ޢުގޫބާތުގެ ވާހަކައިން، ހަދާންކޮށްދީ އިންޒާރުކުރާކަމަށްވެސް މިނޫސްބަޔާނުގައި ހާމކޮށްފައިވެއެވެ.
މިކަމާއި ގުޅިގެން ދިއިސްލާމުގެ ފަރާތުން ޖަމްޢިއްޔަތުއްސަލާމުގެ މީޑިޔާ ޑިޕާޓުމަންޓްގެ އިސްބޭފުޅަކަށް ގުޅާލުމުން ވިދާޅުވީ، މިރަށުގެ ޑިޝްއެންޓަނާތައް ބަޔަކު ހަލާކުކޮށްލުމުން، އެކަމުގެ ތުޙުމަތު ކުރަނީ މިޖަމްޢިއްޔާގެ މެންބަރުންނަށްކަމަށާއި، ޖަމްޢިއްޔަތުއް ސަލާމްއަކީ ދިނީ ޖަމްޢިއްޔާއެއްކަމުގައި ވުމުން މިޖަމްޢިއްޔާއިން ރަށުގެ ދީނީ ގޮތުން ކުރާމަސައްކަތައް ބަޔަކު ހުރަސް އެޅުމުގެ ގޮތުން މިޖަމްޢިއްޔާގެ ބޮލުގައި އަޅުވާ ތުޙުމަތެއްކަމަށް މީޑިޔާ އޮފިޝަލް ހާމަކުރެއްވިއެވެ.
ބައެއް ރަށް ރަށުގައި މިފަދަ ޢަމަލްތައް އެހެންބަޔަކު ހިންގުމަށްފަހު، މިކަން އެރަށެއްގައި އުޅޭ އިސްލާމް ދީނަށް ލޯބިކުރާ ޒުވާނުންގެ ބޮލުގައި އެޅުވުމުގެ ގޮތުން ރާވައިގެންވެސް މިފަދަ ޢަމަލްތައް ހިންގާކަން ވަނީ ފާހަގަ ކުރެވިފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...