ޖަމްޢިއްޔަތުލް އަޚަވާތުގެ ފަރާތުން އިންތިޒާމްކޮށްގެން "އަންހެނެއްގެ ޚައިޞިއްޔަތުން" މިނަމުގައި އަންހެން ބޭފުޅުންނަށް ޚާއްޞަ ވޯކްޝޮޕެއް ޖޫން 3 އަދި 4 ވާ ހުކުރާއި ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެޖަމްޢިއްޔާއިން ހާމަކޮށްފިއެވެ.
ދިއިސްލާމަށް މަޢުލޫމާތު ދެއްވަމުން އެޖަމްޢިއްޔާގެ ރައީސާ ވިދާޅުވީ ޣިޔާޘުއްދީން އިންޓަނޭޝަނަލް ސްކޫލްގައި ބާއްވާ މި ވޯކްޝޮޕްގެ މަޤްޞަދަކީ އަންހެނެއްގެ ޙައިޞިއްޔަތުން ޢަދާކުރަންޖެހޭ ހުރިހާ ދައުރުތަކަށް އަލިއަޅުވާލާ، ދީނީ ގޮތުންނާއި، ނަފްސާނީ ގޮތުންނާއި، ޢިޖްތިމާޢީ ގޮތުން އަންހެނުންގެ ދުޅަހެޔޮކަން އިތުރުކުރުމެވެ.
މިގޮތުން ދީނީ ސެޝަންތައް ނަންގަވައިދެއްވާނީ އައްޝައިޚް އިމްރާން ޢަބްދުﷲ އާއި ޑރ.އިބްރާހީމް ޒަކަރިއްޔާ މޫސާ އާއި، އަލްއުސްތާޛާ އަރޫޝާ މާހިރު އެވެ. ނަފްސާނީ ދުޅަހެޔޮކަމާއި ބެހޭގޮތުން ޑރ.އައިޝަތު ޢަލީ ނާޒް ސެޝަން ނަންގަވައި ދެއްވުމުގެ އިތުރުން ޢިޖްތިމާޢީ ދުޅަހެޔޮކަމާއި ބެހޭގޮތުން އަލްއުޚްތު ނޫމާ ސެޝަނެއް ނަންގަވައިދެއްވާނެއެވެ.
ވޯކްޝޮޕްގެ ފުރަތަމަ ދުވަހު ސެޝަންތައް އޮންނާނީ ރޭގަނޑު 20:15 ން 22:30 ށެވެ. ދެވަނަ ދުވަހު ހަވީރު 16:30 ން 17:45 ށް އަދި ރޭގަނޑު 20:15 ން 22:45 ށެވެ. ޖުމްލަ 100 އަންހެން ބޭފުޅުންނަށް ފުރުޞަތު ހުޅުވާލެވިފައިވާ މި ވޯކްޝޮޕް ގައި ބައިވެރިވުމުގެ ފީއަކީ 150 ރުފިޔާއެވެ.
ވޯކްޝޮޕް އާއި ބެހޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ނަންބަރ 7824942 ފޯނާއި ގުޅުއްވުމަށް ޖަމްޢިއްޔަތުލް އަޚަވާތުން އެދިލައްވައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...