މިސްޓަރ ސްޓޫޑިއޯ ޕްރައިވެޓް ލިމިޓެޑް އިން އުފައްދާ "އިހުގެ ޅެން" މަދަހަ އަލްބަމް އަންނަ ޖޫން މަހުގެ ފުރަތަމަ ހަފްތާ ތެރޭގައި ބާޒާރަށް ނެރުމަށް ހަމަޖެހިފައިވާ ކަމަށް އެފަރާތުން ހާމަކޮށްފިއެވެ.
ޖުމްލަ 8 މަދަހަ އެކުލެވޭ މި އަލްބަމް ގެ ހުރިހާ މަދަހައެއް ކިޔާފައި ވަނީ މިއުޒިކީ ދާއިރާ އަށް އަލްވަދާޢު ކިޔާފައިވާ ކުރީގެ ފްރީޒް ބޭންޑްގެ ލަވަކިއުންތެރިޔާ އިބްރާހީމް ރަމީޒް (އިބޭ) އެވެ.
އިބޭ ހާމަކުރި ގޮތުގައި މަދަހަ އަލްބަމް ނެރުމަކީ ސިލްސިލާކޮށް ކުރަން ޤަސްތުކޮށްފައިވާ މަސައްކަތެކެވެ.
"މީއީ އަޅުގަނޑުމެންގެ ކާބަފައިން ނުވަތަ ކުރީގެ އުސްތާޛުން ހައްދަވާފައިވާ ޅެންތަކެއް. އެބޭފުޅުން އަޅުގަނޑުމެންގެ ޤައުމަށް ކޮށްދެއްވާފައިވާ އަގުހުރި މަސަތްކަތްތަކެއް. މިހާރު ފަނޑުވަމުން ގޮސް ނެތިގެން ހިނގައިދާނެ ކަމުގެ ބިރު ހީވެފައިވާތީ އެބޭފުޅުންގެ އެ އަގުހުރި މަސަތްކަތް ޒަމާންތަކަށް ދިރިގެން ދާނޭހެން ހެދުމަކީ މިއަދުގެ ޒުވާނުން ކޮންމެހެން ކުރަން ޖެހިފައިވާކެމެއް" އިބޭ ބުންޏެވެ.
މިއަލްބަމްގައި އިބޭ ކުރިން ލަވައިގެ ގޮތުގައި ނެރެފައިވާ އޭނާގެ 2 ރާގު ވެސް މަދަހައިގެ ގޮތުގައި ބަދަލުކޮށް ހިމަނާފައިވާ ކަމަށް އިބޭ ބުނެއެވެ. މިހާރު މި އަލްބަމްގެ 90 އިންސައްތަ ނިމިފައިވާ ކަމަށް އިބޭ ހާމަކުރެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...