މިއީ ހަޤީޤީ ހަދިސާއެކެވެ. މިޒަމާނުގައި ހިނގާފައިވާ ވަރަށް ޢިބްރަތްތެރި ހާދިސާއެކެވެ. ޒުވާން ރީތި އަންހެން ކުއްޖަކަށް ދިމާވި ހާދިޘާއެކެވެ. މިއީ، ޝައިޚް އާދަމް ޝަމީމު، އޭނަގެ ދަރުސެއްގައި ވިދާޅުވެދެއްވި ވާހަކައެކެވެ. އެހެންކަމުން، މި ވާހަކަ ގިނަ އަޚުންނަށް އަޑުއިވިފައި އޮތުން އެކަށީގެންވެއެވެ. ނަމަވެސް، ހަނދާންކޮށްދިނުމަކީ މުއުމިނުންނަށް ފައިދާކުރާނެ ކަމަކަށްވާތީ މިތާ ނަކަލުކޮށްލާނަމެވެ.
ކޮންމެއަކަސް، ޒުވާން ރީތި އަންހެން ކުއްޖެކެވެ. މާތް ﷲ އަށްޓަކައި، އޭނަގެ އިތްފަތާއި އިއްޒަތް ރައްކައުތެރިކޮށްގެން ހުރި އަންހެންކުއްޖެކެވެ. މި އަންހެން ކުއްޖާގެ ފަހަތުން، އެކުއްޖާ ހިތް އެދޭކަހަލަ ރީތި ޒުވާން ފިރިހެން ކުއްޖަކު އައެވެ. އެހެންކަމުން، އެއްދުވަހަކު މިފިރިހެން ކުއްޖާ ފުރުޞަތު ހޯދިއެވެ. ފިރިހެން ކުއްޖާ އެދެމުން ދިޔައީ ނުބައި ޢަމަލު ހިންގުމަށެވެ. މި އަންހެން ކުއްޖާ ގޮތް ހުސްވެގެން ބުންޏެވެ. " އެއްވެސް މީހަކަށް ނުފެންނަ ގޮތަށް ހުރިހާ ދޮރުތަކެއް ލައްޕާފައި އަންނާށެވެ". ފިރިހެން ކުއްޖާ އުފަލުން ގޮސް ހުރިހާ ދޮރުތަކެއް ލައްޕައި ތަޅުލިއެވެ. އަދި ފިރިހެންކުއްޖާ އެނބުރި އައުމުން އަންހެންކުއްޖާ، ހުރިހާ ދޮރުތަކެއް ލައްޕައި ބަންދުކުރިތޯ ސުވާލުކުރިއެވެ. ފިރިހެންކުއްޖާ ހުރިހާ ދޮރެއް ބަންދުކުރި ކަމަށް ބުންޏެވެ. ނަމަވެސް، އަންހެންކުއްޖާ ރައްދުގައި ބުންޏެވެ. "ކަލޭ ތިޔައީ އަދި އެއްދޮރު ނުލައްޕާ، ކިހިނެތް އަހަރެން ކަލެއާއެކީ ފާޙިޝް ޢަމަލު ހިންގާނީ." އަންހެން ކުއްޖާ ބުނި ބަހުގެ މުރާދު ފިރިހެން ކުއްޖާއަށް ނުވިސްނުނެވެ. އަނެއްކާވެސް، އަންހެންކުއްޖާ ބުންޏެވެ. " ކަލޭ އެންމެންނަށް ނުފެންނަ ގޮތަށް ދޮރުތައް ލައްޕާފައި އައިރުވެސް، އަހަރެމެން ދެމީހުންގެ ވެރި އިލާހު، ﷲ ސުބުޙާނަހޫ ވަތަޢާލާ އަހަރެމެންނަށް ބައްލަވާވޮޑިގެންވޭ، އެއިލާހު ބައްލަވާވޮޑިގެންވާ ދޮރު ކަލެއެއް ނުލައްޕައެވެ. އެހެންވީމަ ކިހިނެއްހޭ ކަލެޔާއެކު އެނުބައި ޢަމަލު ހިންގާނީ...". މި ޙިކުމަތުން ފުރިގެންވާ ބަސްކޮޅުގެ ބޭނުން ހިފައި އެ އަންހެން ކުއްޖާ އެނުބައި ފާޙިޝް ޢަމަލުން ސަލާމަތްވެގަތެވެ.
މާތް ﷲ އަޅުގަނޑުމެން ކުރާ ހުރިހާ ކަމެއް ބައްލަވާވޮޑިގެންވެއެވެ. މީސްތަކުންނަށް ނުފެންނަހެން، ދޮރުތައް ބަންދުކޮށްގެން، ބަންދު ކޮޓަރިއެއްގައި ހުއްޓަސް، މާތް ﷲ ތިބާ ކުރާ ހުރިހާ ކަމެއް މޮޅަށް ބައްލަވާވޮޑިގެންވެއެވެ. މާތް ﷲ ބައްލަވާވޮޑިގެންނުވާ ހިސާބަކަށް ތިބާއަކަށް ނުދެވޭނެއެވެ. އެހެންކަމުން، މާތް ﷲ އަށް ތަޤްވާވެރިވެ ބިރުވެތިވާށެވެ. އޭރުން ފާފަތައް ކުރުމަށް ތިބާ ނުރުހޭނެއެވެ. އަދި އެކަމަށް ލަދުވެތިވާނެއެވެ. އެހެނީ އަޅުގަނޑުމެން ލަދުވެތިވުން އެންމެ ހައްޤު ފަރާތަކީ، ﷲ ސުބުޙާނަހޫ ވަޢާލައަށް ނޫންތޯއެވެ؟
(ނޯޓް؛ މި ލިޔުމުގައިވާ ހާދިސާގެ މަޞްދަރަކީ، ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ބޭއްވި 9 ވަނަ ދަރުސް " ފަސް ޣަނީމާ" އެވެ. ދަރުސް ދެއްވީ ފަޞީލަތުއްޝައިޚް އާދަމް ޝަމީމް އެވެ. ނަމަވެސް، މިލިޔުމުގައި އެހާދިސާ ޢިބާރާތްކުރުމުގެ ކުޑަކުޑަ ތަފާތުކަމެއް ހުރުމަކީ އެކަށީގެންވާކަމެކެވެ).
ކޮމެންޓް (0)
ލޯޑް ކުރަމުން...