
ފަލަސްތީނުގެ 3 ވަނަ އިންތިފާޟާއަށް ތާޢީދު ކުރުމުގެ ގޮތުން ރާއްޖޭގައި ބާއްވާ ހަރަކާތް ތަކުގެ ތެރެއިން ފަތިސް ނަމާދަށްފަހު ފުރުޤާން މިސްކުިތުގައި އޮތް ދަރުސް. ފޮޓޯ: ދިއިސްލާމް.
އިޒްރޭލްގެ އަނިޔާވެރިން ފަލަސްޠީނުގެ ބިންތައް ފޭރިގަނެ މުސްލިމުންނާއި މެދު ހިންގާ ޖަރީމާތަކާއި ދެކޮޅު ހެދުމުގެ ގޮތުން ފަލަސްޠީނުން ކުރިއަށް ގެންދާ ތިންވަނަ އިންތިފާޟާގެ ޚާއްޞަ ހަރަކާތްތައް މިއަދު ރާއްޖޭގައި ފަށައިފިއެވެ.
"ފްރެންޑްސް އޮފް ޕަލަސްޓައިން" ގެ ނަމުގައި ހަރަކާތްތެރިވާ ދިވެހި ޒުވާނުންތަކެއް އިންތިޒާމްކުރާ މިހަރަކާތްތައް ފެށިފައިވަނީ މިއަދު މާލޭގެ ފުރްޤާން މިސްކިތުގައި ޖަމާޢަތުގައި ކުރެވުނު ފަތިސް ނަމާދުންނެވެ. ފަތިސް ނަމާދު އިމާމްވެ ކޮށްދެއްވީ އިސްލާމިކް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރ ޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އެވެ. ނަމާދުގައި ފަލަސްޠީނުގެ އަޚުންނާއި އުޚްތުންނަށް ނަޞްރު ދެއްވުމަށާއި، ޢަދާވާތްތެރިންގެ ކިބައިން މުސްލިމުން ރައްކާތެރިކޮށްދެއްވުން އެދި ޤުނޫތު ކިޔާފައިވެއެވެ.
ފަތިސް ނަމާދަށް ފަހު ޝައިޚް ޝަހީމް އާއި، ޝައިޚް އިމްރާން ޢަބްދުﷲ އަދި ޝައިޚް މުޙައްމަދު ދީދީ ވާހަކަފުޅު ދެއްކެވިއެވެ. ޝައިޚް ޝަހީމް ވިދާޅުވީ ފަލަސްޠީނުގެ މުސްލިމުންގެ ޙައްޤުގައި ދިވެހި ޒުވާނުންތަކެއް މިފަދަ ޙަރަކާތެއް އިސްނަގައި ހިންގާ ކަމަކީ އުފާކުރަންޖެހޭ ކަމެއް ކަމުގައި ފާހަނގަކުރެއްވިއެވެ. ޝައިޚް ޝަހީމް ވިދާޅުވީ ޤަރުނަކަށްވުރެ ދުވަސްވެފައިވާ ފަލަސްޠީނުގެ މައްސަލަ އަކީ ދުނިޔެއަށް ދިމާވެފައިވާ ޓެރަރިޒަމްގެ އަސްލު މައްސަލަ ކަމަށެވެ. މުސްލިމުންނަކީ އެއް އުންމަތެއްކަމަށާއި، އުޚުއްވަތްތެރިކަމާއެކު އެއްބައިވަންތަވެ ފަލަސްޠީނުގެ ރައްޔިތުންނަށް ލިބެމުންދާ އަނިޔާއިން ސަލާމަތްކުރުމަށްޓަކައި އެބައެއްގެ ފެންވަރުގައި މަސައްކަތްކުރަންޖެހޭނެ ކަމަށް ޝައިޚް ޝަހީމް ވިދާޅުވިއެވެ. މިގޮތުން ފަލަސްޠީނުގެ މުސްލިމުންނަށްޓަކައި ހެޔޮ ދުޢާކުރަން ޖެހޭނެ ކަމަށާއި، މުސްލިމުންގެ އެންމެ ވަރުގަދަ ހަތިޔާރަކީ ދުޢާ ކަމުގައި ބަޔާންކުރެއްވިއެވެ.
ޝައިޚް އިމްރާން ޢަބްދުﷲ ވިދާޅުވީ ފަލަސްޠީނުގެ ޛިކްރާ އާކުރެވެނީ ފަލަސްޠީނަކީ ނަބީބޭކަލުންގެ ޤިބްލަ ކަމަށްވާތީ ކަމަށާއި، އެބިމަކީ އެބޭކަލުންގެ ހަށިކޮޅުތައް ފަސްދާނުލެވިފައިވާ ތަން ކަމަށެވެ. އަދި އެތަނަށް ގަދަކަމުން ވެރިވެގަނެފައިވާ ޔަހޫދީންނާއި ދެކޮޅަށް އަޅުގަނޑުމެންގެ ނަފްސުންނާއި، ބަހުންނާއި ޢަމަލުން ޖިހާދު ކުރުމަކީ ވާޖިބު ކަމެއް ކަމަށް ޝައިޚް އިމްރާން ވިދާޅުވިއެވެ. ފަލަސްޠީނުގައި ދިރިއުޅުއްވާފައިވާ ނަބީބޭކަލުންގެ ބައްޕަ ކަމުގައިވާ އިބްރާހީމް އަލައިހިއްސަލާމްގެ ޘާބިތުކަމާއި، ހިތްވަރުގަދަކަމާއި، ކުރެއްވި ޖިހާދުގެ ވާހަކަ ޝައިޚް އިމްރާން ހަނދާންއާކޮށްދެއްވިއެވެ. އަދި ފަލަސްޠީނުގައި ހުރި މުސްލިމުންގެ މުޤައްދަސް ބިނާ ކަމުގައިވާ މަސްޖިދުލް އަޤްސާގެ ޙިމާޔަތްކުރުމަކީ ހުރިހާ މުސްލިމުންގެ ކޮނޑުގައި އެޅިފައިވާ ޥާޖިބެއް ކަމަށް ވިދާޅުވިއެވެ. ޝައިޚް އިމްރާން ވިދާޅުވީ ޔަހޫދީންގެ ނުބައިކަމުގެ ވާހަކަ ކީރިތި ޤުރްއާނުގައި އެތައް ފަހަރަކު ބަޔާންކުރައްވާފައިވާ ކަމަށާއި، މީގެ އިތުރުން 1920 ގައި ހެންރީ ފޯޑް (ފޯޑް ކުންފުނީގެ ވެރިޔާ) ލިޔެފައިވާ "International Jew" މިފޮތުންވެސް އެނގިގެންދާނެ ކަމަށެވެ.
ޝައިޚް މުޙައްމަދު ދީދީ ވިދާޅުވީ ފަލަސްޠީނުގެ ބިމަކީ އެބިމެއްގައި ފަސްދާނުލެއްވުން އެދި ނަބީބޭކަލުން ދުޢާ ކުރައްވާފައިވާ ބިމެއް ކަމަށާއި، އެތަނަކީ ބަރަކާތްލެއްވިގެންވާ ތަނެއްކަން ކީރިތި ޤުރްއާނުގެ 5 ތަނެއްގައި ބަޔާންކުރައްވާފައިވާ ކަމަށެވެ. އަދި އެބިމަކީ ހުރިހާ މުސްލިމުންނަށް ވަޤްފުވެފައިވާ ބިމެއް ކަމަށް ޝައިޚް މުޙައްމަދު ދީދީ ވިދާޅުވިއެވެ. ޝައިޚް އިތުރަށް ވިދާޅުވީ ދުނިޔޭގެ މުޙައްލިލުންގެ ނަޒަރުގައި މިއަދު އިސްލާމީ ޢުއްމަތަށް ދިމާވެފައިވާ ސިޔާސީ އަދި ޢިޖްތިމާޢީ ބޮޑެތި މައްސަލަތަކުގެ އަސްލަކީ ފަލަސްޠީނުގެ މައްސަލަ ކަމަށެވެ. ޝައިޚް މުޙައްމަދު ދީދީ ވާހަކަފުޅުގައިވެސް ފަލަސްޠީނުގެ މުސްލިމުންގެ ޙައްޤުގައި މަސައްކަތްކުރުމަކީ ޥާޖިބެއް ކަމުގައި ވިދާޅުވިއެވެ.
މިއަދު ފުރްޤާން މިސްކިތުގައި ކުރެވުނު ފަތިސް ނަމާދުގެ ޖަމާޢަތަށް ގިނަ ޢަދަދެއްގެ ބަޔަކު ވަނީ ޙާޟިރުވެފައެވެ.
"ފްރެންޑްސް އޮފް ޕަލަސްޓައިން" ނަމުގައި ޙަރަކާތެރިވާ ޒުވާނުން ހާމަކުރާ ގޮތުގައި މިއަދުން ފެށިގެން ހަފްތާއެއް ވަންދެން ރާއްޖޭގައި އިންތިފާޟާގެ އެކި ޙަރަކާތްތައް ކުރިއަށް ގެންދިއުމަށް އެމީހުން ދަނީ ރާވަމުންނެވެ. ފަލަސްޠީނުގެ މުސްލިމުންގެ ޙައްޤުގައި މިޙަރަކާތްތަކުގައި ވީހާ ގިނަ ބަޔަކު ބައިވެރިވުމަށް "ފްރެންޑްސް އޮފް ޕަލަސްޓައިން" ގެ ފަރާތުން އެދިލައްވައެވެ.
މި އިންތިފާޟާގެ ވަރަށް ގިނަ ޙަރަކާތްތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މެއި 13 ވަނަ ދުވަހުން ފެށިގެން މިހާރު ކުރިއަށް އެބަގެންދެއެވެ. އަދި މިއަދަކީ "ނަކްބާ ޑޭ" ގެ ނަމުން ނަންދެވިފައިވާ އިންތިފާޟާގެ ބޮޑު ދުވަސް ކަމަށް މިޙަރަކާތް ދުނިޔޭގެ ފެންވަރުގައި އިންތިޒާމް ކުރައްވާ ބޭފުޅުން ވިދާޅުވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...