މިއުޒިކާބެހޭ ދަރުސް ސީޑީ ބަލައިފިނަމަ އެކަމާބެހޭ ގޮތުން އުފެދިފައިވާ ހުރިހާ ޝައްކުތައް ފިލައިގެންދާނެ ކަމަށް މިއުޒިކާއި ލަވައިގެ ދާއިރާއާ ވަކިވެފައިވާކަން އިޢުލާންކޮށްފައިވާ ކުރީގެ މަޝްހޫރު ލަވަކިއުންތެރިޔާ ޢަބްދުލްބާރީ ބުނެފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ހެނދުނު 9:00 ގައި ރޭޑިއޯ އެޓޯލް އިން ފޮނުވި "އަޅުގަނޑާއެކު" ޕްރޮގްރާމްގައި ވާހަކަ ދައްކަމުން ބާރީ ބުނީ އެ ދަރުސް ސީޑީ ބަލާލީމަ މިއުޒިކަކީ ކިހާވަރެއްގެ ކަމެއްކަން އެނގޭނެ ކަމަށެވެ. "އޭގެން [އެސީޑީ ބަލާފައި] އަޅުގަނޑު ނިންމައި، ފައިނަލްކޮށްފިން މިއުޒިކަކީ ގޯސް ޙަރާމް އެއްޗެއްކަން. އިތުރަކަށް ސުވާލެއްވެސް ނުއުފެދޭ" މިއުޒިކާމެދު ޝައްކު އުފެދޭ ނޫނީ އެދާއިރާގައި އުޅޭ މީހަކު އެސީޑީ ބަލައި، އެއާމެދު ވިސްނާލައިފިނަމަ އޭނަގެ ޝައްކުތައް ފިލާ މިއުޒިކަކީ ޙަރާމް އެއްޗެއްކަން ކަށަވަރުވާނެ ކަމުގެ ޔަޤީންކަން ބާރީ ދިނެވެ.
އިތުރަށް ބާރީ ބުނީ މިކަން ހާޞިލްވާނީ ސީޑީ ގައި އެބުނާ އެއްޗެއްގެ ތެރެއަށް ވަރަށް ބޮޑަށް ވަދެގެން، ރަނގަޅު ނިޔަތުގައި، ޝައުޤުވެރިކަމާއެކު ކޮށްގެން ކަމަށެވެ. އަދި މިކަމާބެހޭ ގޮތުން ހޯދަން އުޅޭ މީހަކަށް މަގު ތަނަވަސްވެފައިވާ ކަމަށާއި ދީނީ ޢިލްމުވެރިންނާއި ސުވާލުކުރުމުންވެސް އޮޅުންފިލާނެ ކަމަށެވެ. އޭނާވެސް ދީނީ ޢިލްމުވެރިންނާއި ސުވާލުކޮށްގެން މަޢުލޫމާތު އެއްކުރިކަމަށް ބާރީ ބުންޏެވެ.
ބާރީ ބުނީ މިއުޒިކާއި ލަވައިގެ ސަބަބުން ފާޙިޝް ޢަމަލްތައް މަގުފަހިކުރުވާ ކަމަށާއި، އީމާންތެރިކަން ކުޑަވާ ކަމަށެވެ. އަދި އޭނާ އެދާއިރާގައި އުޅުނުއިރު ނަމާދުތައްވެސް ގަޑިން ގަޑިއަށް ކުރާހިތްނުވާކަން އިޙްސާސް ކުރެވިފައިވާ ކަމަށެވެ.
މިއުޒިކީ ދާއިރާއާއި ދުރުވީ އެއި ޙަރާމް ކަމެއްކަން އޭނާގެ ހިތުގެ އަޑިން ޤަބޫލުކުރެވިގެން ކަމަށް ބާރީ ބުންޏެވެ. އަދި އަޒުމަކީ ދުވަހަކުވެސް އެދާއިރާ އަށް އެނބުރި ނުދިއުން ކަމަށާއި، ދުޢާއަކީވެސް އެއީ ކަމަށާއި، އޭނާ އަށް ޘާބިތުކަން ދެއްވުން އެދި ދުޢާކުރުމަށް އެހުންތެރިންގެ ފަރާތުން އެދުނެވެ.
"އިސްލާމް ދީނުގެ ނަޒަރުގައި މިއުޒިކް" ގެ ނަމުގައި ޖަމްޢިއްޔަތުއްސަލަފުން 15 މާޗް 2008 ގައި ދަރުބާރުގޭގައި ބޭއްވި ޝައިޚް އާދަމް ޝަމީމްގެ ދަރުސްގައި މިމައުޟޫއަށް ޢިލްމީގޮތުން ވަރަށް ފުރިހަމައަށް އިންސާފްކުރައްވާފައިވެއެވެ. އަދި މިއީ ފަހުގެ ތާރީޚްގައި މިމައުޟޫއަށް ރާއްޖޭގެ ޢިލްމުވެރިއަކު ދެއްވާފައިވާ އެންމެ ފުރިހަމަ ދަރުސްކަމުގައި ގިނަ ބަޔަކު ފާހަނގަ ކުރެއެވެ. މިދަރުސްގެ ސީޑީގައި ރާއްޖޭގެ ފުންނާބުއުސް ވަރަށް ގިނަ ދީނީ ޢިލްމުވެރިން މިއުޒިކަކީ ޙަރާމް އެއްޗެއް ކަން ބަޔާންކޮށް ދަލީލުތަކާއެކު ދައްކަވާފައިވާ ވާހަކަފުޅުތަކާއި ވީޑިއޯ ރިޕޯޓެއްވެސް ހިމަނާފައިވެއެވެ.
މިސީޑީ "ސަލަފް ލައިން" (ހިލާލީ މަގު) އާއި "އަބާޔާ" (މާވެޔޮ މަގު) އަދި އެހެނިހެން ބައެއް ފިހާރަތަކުން ލިބެން ހުންނާނެއެވެ.
____________________________
"އިސްލާމް ދީނުގެ ނަޒަރުގައި މިއުޒިކް" ދަރުސްގެ ވީޑިއޯ ބެއްލެވުމަށް
ކޮމެންޓް (0)
ލޯޑް ކުރަމުން...