ފަލަސްޠީނުގެ މައްސަލަ ޙައްލުކުރުމަށް ދިވެހިރާއްޖެއާއި އިޒްރޭލާ ދެމެދު 'ވަރަށް ގާތް' ގުޅުމެއް ބޭއްވުން މުޙިއްމުކަމަށް ޚަރިޖީ ވަޒީރު ކެރަފާ އަޙްމަދު ނަސީމު ވިދާޅުވުމަކީ ދިވެހިންގެ މޫނުމަތީ ތަފާލެއްއެޅުން ކަމުގައިނޫނީ އަޅުގަނޑު ނުދެކެމެވެ.
މިހާތަނަށް ދިވެހި ތާރީޚްދުށް އެންމެ ބޮޑު އެއް އިހްތިޖާޖަކީ އިޒްރޭލާ ދެކޮޅަށް ދިވެހިންކުރި އިހްތިޖާޖެވެ. 2010މ. މިވަނައަހަރު ޑިސެމްބަރު 17 ވީދުވަހު އެތައްސަތޭކަ ދިވެހިން އަޑުއުފުލާފައިވަނީ އިޒްރޭލާއި ގުޅުންބަދަހި ނުކުރުމަށެވެ. އެއުރެންގެ ފުށުން ކުޑަނަމަވެސް އެހީތެރިކަމެއް ނުހޯދުމަށެވެ. އެއްވެސް ރަޙުމެއްނެތި މުސްކުޅިންނާއި، ކުޑަކުދިން އަދި އަންހެނުން މަރާ ބަޔަކާއި ގުޅުންބަދަހިކޮށްގެން ނުވާނޭކަމަށް ދިވެހިރައްޔިތުން ހަރުއަޑުން ގޮވާލިއެވެ.
އިސްލާމްކަމުގެ މަތިވެރި ނިޢުމަތުގެ ސަބަބުން އަޅުގަނޑުމެންގެ އަޚުންތަކެއްކަމުގައި ވެފައިވާ ފަލަސްޠީނުގެ ނިކަމެތި ރައްޔިތުންނަށް އިޒްރޭލުން ވަމުންދާ ބޭއިންސާފާއި އަނިޔާވެރިކަމަށް ނިމުމެއް ގެނެވޭނީ އިޒްރޭލާއި ދިވެހިރާއްޖެއާއި ގުޅުން ބާއްވައިގެން ކަމަށް ޚާރިޖީވަޒީރު ވިދާޅުވިނަމަވެސް މިކަމަކީ ދިވެހި ރައްޔިތުންނަށް ޤަބޫލުކުރެވޭނޭކަމެއް ނޫނެވެ. އެހެނީ ދިވެހިރާއްޖެއަށްވުރެ މާލީގޮތުން މުއްސަނދި، އާރާއި ބާރުގެގޮތުން ނުހަނު ވަރުގަދަ، އާބާދީގެގޮތުން ބައިބޯ އެތަށް ޤައުމަކުން ކުރަންއުޅެ ނާކާމިޔާބުވެފައިވާ މަސައްކަތެއް އެންމެ ތިންލައްކަ މީހުންގެ އާބާދީއެއް އޮތް، ފަޤީރު ޤައުމަކަށް ކުރެވިދާނެކަމަށް ދިވެހިންގެ ހަމަބުއްދި ޤަބޫލެއްނުކުރެއެވެ. ހަމައެއާއިއެކު މިކަމަށް އިތުރު ޔަޤީންކަމެއް ލިބިދެނީ ދިވެހިން އެފޮތަކަށް އީމާންވެގެންވާ ރައްބުލް ޢާލަމީންގެ މަތިވެރި ކަލާމުގައި ޔަހޫދީންނާއި ނަޞާރާއިން ދުވަހަކުވެސް މުސްލިމުންނަށް ހެވެއް ނޭދޭނެކަމަށް އަންގަވާފައިވާ މޫރިތި އާޔަތްތަކުންނެވެ.
ދުވަހު ނޫސް ހަވީރުގައި "އިޒްރޭލާއެކު ގުޅުން ނުބާއްވައި ފަލަސްތީނު މައްސަލަ އަށް ހައްލެއް ނުގެނެވޭނެ: ފޮރިން މިނިސްޓަރު" މިސުރުޚީގެދަށުން 2011 އެޕްރީލް 17 ވަނަދުވަހު ޝާއިއުކޮށްފައިވާ ލިޔުމަށް ކިޔުންތެރިން ހުށައަޅާފައިވާ ޚިޔާލުތަކުގައިވެސް ޚަރިޖީ ވަޒީރުގެ މިވާހަކަޔަށް ގިނަބަޔަކު ފާޑުކިޔާފައިވެއެވެ. އެއްބަޔަކު އެއީ ބޮޑު ޖޯކެއްކަމަށް ސިފަކޮށްފައިވާއިރު އަނެއްބަޔަކު ސިފަކުރަނީ އެއީ އިޒްރޭލާއި ގުޅުން އުފެއްދުމުގެ މަޤްޞަދުގައި ދިވެހިންނަށް އަޅޮވާލަންދައްކާ ބަހަނާއެއްކަމުގައެވެ. "އާ އަނެއް ރާއްޖޭން ބުނީމަ ދޯ ފަލަސްތީނަށް މިނިވަންކަން ދޭނީ. މިއީ ވާ ބޮޑު ޖޯކެއް." ދުވަހު ނޫސް 'ހަވީރު' ގެ ކިޔުންތެރިޔަކު މިފަދައިން 'ކޮމެންޓް' ކޮށްފައިވާއިރު އެހެން ކިޔުންތެރިޔަކު ވިދާޅުވެފައިވަނީ "....އެކި ބަހަނާތައް ނުދައްކާ ރީއްޗަށް ބުނީމަ ނިމުނީނު ކުރަންބޭނުންވެގެން ކުރަނީއޭ،..." މިފަދައިންނެވެ.
ޔަހޫދީންނާއި ގުޅުން އުފައްދަން ޖެހޭކަމަށް ޚާރިޖީ ވަޒީރު ކެރަފާ އަޙްމަދު ނަސީމު ކިތަންމެ އަޑަށް ބާރުލާފައި ވިދާޅުވިނަމެވެސް ޔަހޫދީންނަކީ އަޅުގަނޑުމެން މުސްލިމުންގެ އެންމެ ބޮޑު ޢަދާވާތްތެރިންކަން އަޅުގަނޑުމެން ދަންނަމުއެވެ. ރައްބުލް ކާއިނާތު އެކަން ބަޔާންކުރައްވާ އަންގަވާފައިވަނީ ((لَتَجِدَنَّ أَشَدَّ النَّاسِ عَدَاوَةً لِّلَّذِينَ آمَنُوا الْيَهُودَ وَالَّذِينَ أَشْرَكُوا)) މާނައީ: "إيمان ވި މީހުންނަށް މީސްތަކުންކުރެ، عداوة ތެރިކަން އެންމެބޮޑު ބަޔަކީ، يهودى ންނާއި، އަދި شريك ކުޅަ މީހުން ކަމުގައި ހަމަކަށަވަރުން، ކަލޭގެފާނު ދެކެވަޑައިގަންނަވާނޫއެވެ." މިފަދައިންނެވެ.
ޝައްކެތްނެތެވެ! އަޅުގަނޑުމެން މުސްލިމުންގެ ގޮތުގައިތިބެމެ ފަލަސްޠީނާ ދެކޮޅަށް ޔަހޫދީން ކުރާ ހަނގުރާމައަށް ކެރަފާ ނަސީމު ވިދާޅުވާ ޙައްލު ގެންނަން ކިތަންމެވަރަކަށް މަސައްކަތްކުރިޔަސް އެކަން ކާމިޔާބެއް ނުވާނެއެވެ. މާތް ﷲ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވަނީ ((وَلَا يَزَالُونَ يُقَاتِلُونَكُمْ حَتَّىٰ يَرُدُّوكُمْ عَن دِينِكُمْ إِنِ اسْتَطَاعُوا ۚ وَمَن يَرْتَدِدْ مِنكُمْ عَن دِينِهِ فَيَمُتْ وَهُوَ كَافِرٌ فَأُولَـٰئِكَ حَبِطَتْ أَعْمَالُهُمْ فِي الدُّنْيَا وَالْآخِرَةِ ۖ وَأُولَـٰئِكَ أَصْحَابُ النَّارِ ۖ هُمْ فِيهَا خَالِدُونَ)) މާނަ: "އަދި އެއުރެންނަށް ކުޅަދާނަވެގެން ވަނީނަމަ، ތިޔަބައިމީހުންގެ دين ން ތިޔަބައިމީހުން ބޭރުކޮށް كافر ކަމަށް ތިޔަބައިމީހުން ރައްދުކޮށްފުމަށް ދާނދެން ތިޔަބައިމީހުންނާ ހަނގުރާމަ ކުރުމުގައި އެއުރެން ފިލައިނުދާނެއެވެ. ތިޔަބައިމީހުންގެ ތެރެއިން مرتدّ ވެ، كافر އަކު ކަމުގައިވާ حال، މަރުވާ މީހުންނީ، ދުނިޔެއާއި آخرة ގައި އެއުރެންގެ عمل ތައް އުވިގޮސްފައިވާ ބަޔެކެވެ. އަދި އެއުރެންނީ، ނަރަކައިގެ أهل ވެރިންނެވެ. އެއުރެން ދެމިތިބޭނީ، އެތާނގައެވެ."
އަޅުގަނޑުމެންގެ ސަލާމަތް ބުއްދިއާއި، މުޤައްދަސް ފޮތް ކީރިތި ޤުރުއާނުން ނުވާނޭކަމެއްކަމަށް ދަލީލުލިބޭ ކަމެއް ކުރަންއުޅުމީ "ނަނާ ހުވަފެން" ދުށުންކަމުގައި ނޫނީ ނުވާނެއެވެ. ޚިޔާލީ ފޮލާ ކެއްކުން ކަމުގައިނޫނީ ނުވާނެއެވެ.
އޮޅުވާލުމުގެ ބަހަނާއެއްގެ ގޮތުން ނަމަވެސް، ކައްކާ ޚިޔާލީ ފޮލާއެއްގެ ގޮތުން ނަމަވެސް ކެރަފާ ނަސީމު "ފަލަސްޠީނުގެ މައްސަލަ ހައްލުކުރުމަށް ދިވެހިރާއްޖެއާ އިޒްރޭލާ ގާތް ގުޅުމެއް ބާއްވަންޖެހޭ" ކަމަށް ވިދާޅުވި ވާހަކަ އެންމެ ހަރުކަށި އިބާރާތުން ކުއްވެރިކުރަމެވެ. އަދި ނަސީމު ގެ މިވާހަކައިގެ މައްޗަށް ނަސީމުއާމެދު ހަމްދަރުދީގެ ޝުޢޫރުތައް ވެދުންކުރަމެވެ. އެތައް ސަތޭކަ ދިވެހިންގެ ޝުޢޫރުގައި ނަސީމު ކޮޅުފައިން ޖެއްސެވީ ނަސީމުގެ ވިސްނުމުގެ އުނިކަމުން ނުވަތަ ޖާހިލުކަމުންނެވެ. މާދަމާވެސް ވޯޓު ހޯދަން ސަލާން ޖެހުމުން ވޯޓު ދޭންތިބި ރައްޔިތުން ތިބީ ދެބަންދިހާރަ ވެފައިކަމަށް ނަސީމު ހީފުޅުކުރެއްވީ ނަސީމުގެ ސިޔާސީ ވިސްނުން ކޮށިކަމުންނެވެ. އަޅުގަނޑުގެ ހަމްދަރުދީ ނަސީމަށް ފޮނުވަނީ މިދެންނެވި ޟައީފް ސިފަތަކުގެ މައްޗަށް ދެރަވެ ހިތާމަކުރާޙާލުއެވެ.
މާތް ﷲ އަޅުގަނޑުމެންގެ ވެރިންނަށް ހިދާޔަތުގެ މަގަށް މަގުދައްކަވާށިއެވެ! އާމީން!

ކޮމެންޓް (0)
ލޯޑް ކުރަމުން...