ފެކަލްޓީގައި ކުރާ ޢިލްމީ މަސައްކަތުގެ ތެރެއިން ސީނިއަރ ލެކްޗަރަރ ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާނު ތައްޔާރު ކުރައްވާފައިވާ ދެ ފޮތް ކަމުގައިވާ "އިސްލާމީ ޝަރީޢަތާއި ފިޤްހުގެ ތާރީޚު" އާއި "ޖިނާޔާތު" މި ދެފޮތް ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަދި ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގެ ފެކަލްޓީ އެޑްވައިޒަރީ ކޮމެޓީގެ މެންބަރު އަލްއުސްތާޛު އަޙްމަދު ފާއިޒު ނެރުއްވައި ދެއްވައިފިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި މިމަސައްކަތަކީ ޝަރުޢީ ދާއިރާއަށް ވަރަށް މުހިންމު މަސައްކަތްތަކެއް ކަމުގައި ވިދާޅުވެފައިވެއެވެ. އަދި މީގެ ސަބަބުން ޝަރުޢީ ދާއިރާއަށް ވަރަށް ގިނަގުނަ ފައިދާތަކެއް ވާނެކަމުގައި ވިދާޅުވެފައިވެއެވެ.
މި ރަސްމިއްޔާތު ހުޅުވައިދެއްވަމުން ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގެ ޑީން އައްޝައިޚް ފައްޔާޟު ޢަލީ މަނިކު ވިދާޅުވެފައިވަނީ ފެކަލްޓީން މި ނެރޭ ދެފޮތުގެ އިތުރުން މިހާރު ތިންފޮތެއް ޗާޕުކުރުމުގެ މަގުމަތީގައިވާ ކަމާއި އަދި އިތުރު ދެފޮތެއް ފާސްކުރަން ފޮނުވަން ތައްޔާރު ކުރެވިފައިވާ ކަމުގައެވެ. އަދި މި އަހަރުގެ ތެރޭގައި ފެކަލްޓީން މަޖައްލާއެއް ނެރުމުގެ މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވެފައިވެއެވެ. އަދި "އިސްލާމީ ޝަރީޢަތާއި ފިޤްހުގެ ތާރީޚު" މި ފޮތް ތަޢާރަފު ކޮށްދެއްވަމުން ފޮތުގެ މުހިންމުކަމުގެ މައްޗަށް ބައްލަވާލައްވަމުން ވިދާޅުވެފައިވަނީ އެ ފޮތަކީ ޝަރުޢީ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުންނާއި ދަރިވަރުންގެ އިތުރުން ދިވެހި ކޮންމެ ދަރިޔަކުވެސް ކިޔަން މުހިންމު ފޮތެއް ކަމުގައެވެ.
"ޖިނާޔާތު" ފޮތް ތަޢާރަފު ކޮށްދެއްވީ ފެކަލްޓީގެ އެސިސްޓެންޓް ލެކްޗަރަރ އައްޝައިޚް ޙަސަން މޫސާ ފިކްރީއެވެ.
މި ރަސްމިއްޔާތަށް ފެކަލްޓީގެ މުވައްޒަފުންނާއި ދަރިވަރުންގެ އިތުރުން ކޮލެޖްގެ ރެކްޓަރ ޑރ. ޙަސަން ޙަމީދާއި ބައެއް ފަނޑިޔާރުންނާއި ޤާނޫނީ ވަކީލުން ޙާޟިރުވެވަޑައިގެންނެވިއެވެ.
މިދެފޮތް ގަންނަން ބޭނުންވާ ފަރާތްތަކަށް މިހާރު މޯލްޑިވް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަންގެ ރެވެނިއު ޝެކްޝަނުން ލިބެން ހުންނާނެވާހަކަ ދެންނެވީމެވެ.
ޚިޔާލު