މުޅި ރާއްޖެއަށް މަޝްހޫރު ލަވަކިއުންތެރިޔާ އައިމިނަތު ޝާނީ ލަވަކިއުން ހުއްޓާލައި ބުރުގާ އަޅައިފި ކަމަށް ދީނީ އޮންލައިން ނޫހެއް ކަމަށްވާ ރާއްޖެއިސްލާމް.ކޮމް އިން ހާމަކޮށްފިއެވެ. އެނޫހުގައި ބުނެފައިވަނީ ޝާނީ ލަވަކިއުން ހުއްޓާލިކަން އޭނަގެ ފޭސްބުކް ޕްރޮފައިލްގައި އިޢުލާންކޮށްފައިވާ ކަމަށާއި، ޝާނީ ލަވަކިއުން ހުއްޓާލީ އެކަމަކީ ދީނީގޮތުން ކުރަން ހުއްދަނުވާކަމެއްކަން އޭނާއަށް އެނގުމުންކަމަށް އެނޫހަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
މިކަމާއި ގުޅޭ ގޮތުން ރާއްޖެއިސްލާމަށް ޝާނީގެ ގާތް ރައްޓެއްސަކު ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ މިއުޒިކާއި ބެހޭ ގޮތުން ޝާނީ މަޢުލޫމާތު ހޯދަމުން އަންނަތާ ދުވަސްކޮޅެއްވެއްޖެ ކަމަށާއި، މިހާރު ޝާނީ ލަވަކިއުން ހުއްޓާލައި، ބުރުގާވެސް އަޅާފައިވާ ކަމަށެވެ.
ދިއިސްލާމްގެ ފަރާތުން ޝާނީ އަށް އިޚްލާޞްތެރިކަމާއެކު، ވަރަށް ހޫނުކޮށް މަރުޚަބާ ކިޔަމެވެ. ﷲ އައިމިނަތު ޝާނީ އިސްލާމްދީނުގެ ސީދާ މަގުގައި ޘާބިތުކުރައްވާށިއެވެ. އާމީން.
______________________________________________________________________________
ﷲ ޙަރާމްކުރައްވާފައިވާ މިއުޒިކާއި ލަވައިގެ ދާއިރާ ކުރިއަރުވާ އެފެތުރާ އެއަށް މީހުން ލޯބި ޖެއްސުމަށްޓަކައި ރާއްޖޭގައި އެއްބަޔަކު ކެނޑިނޭޅި ތަފާތު މަސައްކަތްތައް ކުރަމުންދާއިރު މިއުޒިކާއި ލަވައިގެ ދާއިރާ ދޫކޮށް، ﷲ ގެ ދީނަށް ފުރިހަމައަށް އުޅުމަށް މަސައްކަތްކުރާ މީހުން ގިނަވަމުން އަންނަކަން ފާހަގަކުރެވެއެވެ.
މިގޮތުން މިދިޔަ މާޗް މަހުގެ 11 ވަނަ ދުވަހުގެރޭ ބޭއްވި ޖަމްޢިއްޔަތުއްސަލަފާއި ސަން.އެފް.އެމް ގުޅިގެން ގެނެސްދޭ "ޢިލްމީ ޚަޒާނާ" ގެ 100 ވަނަ ޕްރޮގްރާމްގެ ޚާއްޞަ ވެރައިޓީ ޝޯގައި ކުރީގެ މަޝްހޫރު 4 ލަވަކިއުންތެރިން ވަނީ ދެން ދުވަހަކުވެސް ލަވަނުކިޔާނެ ކަމަށް ބޮޑު އޯޑިއަންސެއް ކުރިމަތީގައި އިޢުލާންކޮށްފައެވެ.
ﷲ އަށްޓަކައި ނުބައިކަމެއް ދޫކޮށްލާމީހާ އެއިލާހު ގެއްލެނި ނުކުރައްވާނެއެވެ. ﷲ އަށްޓަކައި ކަމެއްކުރުން ދޫކޮށްލި މީހަކަށް އެކަލާނގެ އެއަށްވުރެ ތަނަވަސް މަގެއް ދެއްވާނެ ކަން ކީރިތި ޤުރުއާނުގައި ވަނީ ބަޔާންވެފައެވެ.
" އަދި ﷲ އަށް ތަޤްވާވެރިވާ މީހާ (ދަންނާށެވެ!) އެކަލާނގެ އޭނާއަށް ނުކުންނާނެ މަގެއް ދައްކަވާނެތެވެ. "
" އަދި ހީވެސްނުކުރާފަދަ ގޮތްގޮތުން އެކަލާނގެ އޭނާއަށް ރިޒުޤް ދެއްވާނެތެވެ. އަދި ﷲ އަށް ވަކީލް ކުރާމީހާ (ދަންނާށެވެ!) ފަހެ، އޭނާއަށް އެކަލާނގެ ފުދެއެވެ. ހަމަކަށަވަރުން، ﷲ އީ، އެކަލާނގެ އަމުރުފުޅު ހިންގަވައި، ފުރިހަމަކުރައްވާ ރަސްކަލާނގެއެވެ. "
(އައްޠަލާޤް ސޫރަތުގެ 2 އަދި 3 ބައްލަވާ) 65:2,3
މިއުޒިކާއި، ލަވައާއި ފިލްމު ކުޅުމާއި މިފަދަ ފާޙިޝް، ނުބައި އެންމެހާ ކަންތައް ފަތުރާ މިފަދަ ކަންކަމަށް ސަޕޯޓްކުރާ އެންމެހާ ފަރާތްތަކަށް މިނުބައި ޢަމަލުތައް ހުއްޓާލައި، ﷲ ގެ މަގަށް ރުޖޫޢަވުމަށް ދިއިސްލާމްގެ ފަރާތުން އިލްތިމާސްކުރަމެވެ.
ﷲގެ މި ވަޙީ ބަސްފުޅު ހަނދާން ކުރާށެވެ!
إِنَّ الَّذِينَ يُحِبُّونَ أَنْ تَشِيعَ الْفَاحِشَةُ فِي الَّذِينَ آَمَنُوا لَهُمْ عَذَابٌ أَلِيمٌ فِي الدُّنْيَا وَالْآَخِرَةِ وَاللَّهُ يَعْلَمُ وَأَنْتُمْ لَا تَعْلَمُونَ
"އީމާންވީ މީހުންގެ ތެރޭގައި ފާޙިޝްކަންތައްތައް ފަތުރަން ލޯބިކުރާ މީހުންނަށް ހަމަކަށަވަރުން ދުނިޔެއާއި އާޚިރަތުގައި ވޭންދެނިވި ޢަޛާބު ހުއްޓެވެ. އަދި ﷲ ދެނެ ވޮޑިގެންވެއެވެ. އެހެނެއްކަމަކު ތިޔަބައި މީހުންނަކަށް ނޭނގެއެވެ."
(ނޫރު ސޫރަތުގެ 19 ވަނ އާޔަތް) 24:19
ޔާ ﷲ ! އަޅުގަނޑުމެންގެ މުޖުތަމަޢުގެ އެންމެހާ މީސްތަކުން މިއުޒިކާއި ފިލްމު ކުޅުމާއި މިފަދަ ފާޙިޝް، ނުބައި އެންމެހާ ޢަމަލުތަކުން ސަލާމަތްކުރައްވާށި! އަޅުގަނޑުމެންނަކީ ﷲ ޙަރާމްކުރައްވާފައިވާ ކަންތައްތައް ޙަރާމްކަމުގައި ބަލައިގަނެ އަދި ޙަލާލުކުރައްވާފައިވާ ކަންތައްތައް ޙަލާލުކަމުގައި ބަލައިގަނެ، ﷲ ގެ އަމުރުފުޅުތަކަށް ފުރިހަމަ އަށް ބޯލަނބާ ބައެއްކަމުގައި ލައްވާށި! އަޅުގަނޑުމެން އެންމެން އިސްލާމްދީނުގެ މަތީގައި ޘާބިތުކުރައްވާށި! އާމީން.

ކޮމެންޓް (0)
ލޯޑް ކުރަމުން...