ހުޅުމާލޭ ގޮނޑުދޮށުގައި ފަތުރުވެރިން ނިވާކަން ކުޑަ ހެދުން އަޅައިގެން ތިބޭ މައްސަލަ ވަރަށް ބޮޑުވެފައިވާ ކަމުގެ ޝަކުވާ އެރަށުގައި ދިރިއުޅޭ ރައްޔިތުން އުފުލަން ފަށައިފިއެވެ. ޢިޖްތިމާޢީ ގޮތުން ދިމާވެފައިވާ މި ބޮޑު މައްސަލަ އަށް ޙައްލެއް ހޯދުމަށްޓަކައި އެރަށުގައި އުޅޭ ރައްޔިތުންގެ ފަރާތުން ހުޅުމާލޭ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އަށް މިކަން ހުށަހަޅާފައިވާ ކަމަށް ދިއިސްލާމަށް މަޢުލޫމާތު ލިބެއެވެ.
އެޗް.ޑީ.ސީ ގެ މެނޭޖިންގ ޑިރެކްޓަރ ސުޙައިލް އަޙްމަދު ދުވަހު ނޫސް ހަވީރަށް މިކަމާއި ބެހޭ މަޢުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ ހުޅުމާލޭގެ އަތިރިމައްޗާއި ހުންނަ ގެސްޓް ހައުސްތަކަށް އަންނަ ފަތުރުވެރިން ނިވާކަން ކުޑަ ހެދުމުގައި ތިބޭ މައްސަލަ ޙައްލުކުރުމަށް ފުލުހުންނާއި، ޓޫރިޒަމް މިނިސްޓްރީ އާއި މަޝްވަރާ ކުރެވިފައިވާ ކަމަށެވެ. އެމަޝްވަރާތަކުގެ އިތުރު ތަފްޞީލް އޭނާ ނުދެއްވާ ކަމަށް ހަވީރު ނޫހުން ބުނެއެވެ. އަދި ނިވާކަން ކުޑަ ހެދުން އަޅައިގެން ތިބޭ މައްސަލަ އެކުންފުންޏަށް ހުށަހެޅުމާއި ގުޅިގެން، ގެސްޓް ހައުސްތަކަށް އެސަރަހައްދުގައި އެގޮތަށް އުޅުމަކީ މަނާ ކަމެއް ކަން ލިޔުމުން އަންގާފައިވާ ކަމަށާއި، އަދި އެތަނުގައި ބޯޑުވެސް ޖަހާފައިވާނެ ކަމަށާއި، ނަމަވެސް އެކަން ހުއްޓުމަކަށް ނާންނަ ކަމަށް ސުޙައިލް ވިދާޅުވެފައިވެ.
އިތުރަށް އޭނާ ވިދާޅުވެފައިވަނީ އެކުންފުންޏަށް ހަމައެކަނި އެންގޭނީ އެއީ މަނާކަމެއް ކަން އެކަނި ކަމަށާއި، އެކަން ހުއްޓުވަން އިތުރަށް އަޅަންޖެހޭ ފިޔަވަޅު އަޅަނީ ކަމާއިބެހޭ އެހެން އިދާރާތަކުން ކަމަށެވެ.
4 ނޮވެމްބަރ 2010 ގައި ދިވެހި ސަރުކާރުގެ ގެޒެޓްގައި ޢާއްމުކޮށްފައިވާ ނަންބަރ 12-2010/R "ދިވެހިރާއްޖޭގައި ޓޫރިސްޓް ގެސްޓް ހައުސް ހިންގުމާއި ބެހޭ ޤަވާއިދަށް 1 ވަނަ އިޞްލާޙް ގެނައުމުގެ" ގެ 19 ވަނަ ނަންބަރުގައި ވާގޮތުން މިޤަވާއިދުގެ 27 ވަނަ މާއްދާ އަށް އިތުރުކޮށްފައިވާ (ޅ) ގައި ވަނީ ގެސްޓުން ރަށުތެރެ އަށް ނުކުމެ އުޅޭއިރު ނުވަތަ މީހުން އުޅޭ ރަށް ރަށަށް ހެދުން އަޅަން ވާނީ ފިރިހެނަކު ނަމަ އެންމެ ކުޑަމިނުން ޓީޝާޓާއި ސޯޓް ބުރިލައިގެން ކަމަށާއި، އަންހެނަކު ނަމަ އެންމެ ކުޑަމިނުން ޓީޝާޓް، ބްލައުޒް ނުވަތަ ގަމީހާއި ސްކާޓް ނުވަތަ ފައިގެ ފަލަމަސްގަނޑު ނިވާވާރުގެ ސޯޓް ބުރިލައިގެން ކަމަށެވެ. އަދި ގައި ފެންނަ ވަރު ތުނި ހެދުން ނުވަތަ މޭމަތީގައި އައްސާފައި ހުންނަ ފޮތި ބުރި އެއީ އެކަށީގެންވާ ހެދުމެއްކަމުގައި ނުބެލެވޭނެ ކަމަށެވެ.
މިއިޞްލާޙުތަކަށް ޢަމަލުކުރަން ފަށާފައިވަނީވެސް ހަމަ އެތާރީޚުގައެވެ.
މިދިޔަ އަހަރު މާލެ އައި ފަތުރުވެރިންތަކެއް އާޓިފިޝަލް ބީޗް ސަރަހައްދުގައި ވަރަށް ނިވާކަން ކުޑަ ގޮތެއްގައި އުޅެފައިވާތީ ގިނަ ބަޔަކު އެކަމުގެ ޝަކުވާ ކޮށްފައިވާ ނަމަވެސް އެކަންވެސް ކަމާއިބެހޭ ފަރާތްތަކަށް ހުއްޓުވިފައެއް ނުވެއެވެ. ސައްތައިން ސައްތަ މުސްލިމް ކަމަށް ދަޢުވާ ކުރާ ދިވެހިރާއްޖޭގެ މީހުން އުޅޭ ރަށްރަށުގެ ޢާއްމު ތަންތަނުގައި ފަތުރުވެރިންގެ ހެދުން އެޅުމުގެ މައްސަލަ މިގޮތަށް އޮތްއިރު، ދެރަވާންޖެހޭ ކަމަކީ މުސްލިމު ދިވެހި ރައްޔިތުންގެ ހެދުން އެޅުންވެސް އިސްލާމް ދީނާއި ޚިލާފުވެ، ހައްދުފަހަނައަޅާފައިވާތީއެވެ. އޮރިޔާން ނިވާނުވާ ޙާލު ޢާއްމު ތަންތަނަށް ނުކުމެއުޅޭ ދިވެހިން ވަރަށްވެސް ގިނައެވެ. މިކަންތަކުގެ ސަބަބުން ޢިޖްތިމާޢީ އެތައް ބަލިމަޑުކަމެއް ދިމާވުމަށް މަގުފަހިވެގެންދާއިރު މިފަދަ ކަންތަކާއި މެދު ފަރުވާކުޑަކޮށް، ފިޔަވަޅު ނާޅައި ތިބުމަކީ އިންތިހާއަށް ކަންބޮޑުވާންޖެހޭ ކަންތަކެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...