އަމިއްލައަށް ތިމަންނާއަކީ ރަސޫލެއްކަމަށް ދަޢުވާކުރާ މުރުތައްދުވެފައިވާ މަޤްބޫލް ޙުސެއިން ހޯދުމަށްޓަކައި މިއަދު މެންދުރުން ފެށިގެން ފުލުހުން އެއަރޕޯޓް ޗެކްކުރަމުން ދާކަމަށާއި މިމައްސަލަ އާއި ގުޅިގެން ފުލުހުންގެ ޚާއްޞަ ޓީމެއް އެއަރޕޯޓްގައި ހަރަކާތްތެރިވަމުންދާ ކަމަށް ދިއިސްލާމަށް ކަށަވަރުވެއްޖެއެވެ. އޮންލައިން ނޫހެއް ކަމަށްވާ ރާއްޖެއިސްލާމް ސައިޓްގައިވާ ގޮތުން މިމީހާއާއެކު އެއަރޕޯރޓަށް ފުރަންދިޔަ ބައެއްގެ ތެރެއިން އެކަކުގެ ޕާސްޕޯރޓު މިހާރުވަނީ ހިފަހައްޓާފައި ކަމަށާއި، މިރޭގެ ދަންވަރު ފްލައިޓުން ފުރަން އޮތްކަމަށް މަޢުލޫމާތު ލިބިފައިވާ މަޤްބޫލް ޙުސައިން ކުރީބައިގައި ފުރަން މިނިންމީ ދިވެހިރާއްޖޭގެ ޚަބަރު ފަތުރާ ވަޞީލަތްތަކުގައި މިވާހަކަ ޖަހައި ޢާއްމުންގެ ތެރޭގައި ފެތުރިގެން ގޮސްފައިވާތީ އެކަމުގެ ސަބަބުން އޭނާގެ ފުރާނައަށް ގެއްލުމެއް ލިބިދާނެކަމަށް ބިރުންނެވެ. "އެނާއާއެކު އެބައިމީހުންގެ ޙައްޖު ކުރުމަށްޓަކައި ލަންކާއަށްދާ ދިވެހި ޢާއިލާ މިރޭގެ ވަގުތެއްގައި ފުރާނެކަމަށް ރާއްޖެއިސްލާމަށްވަނީ ކަށަވަރުވެފައެވެ. މިވަގުތު އެއާޕޯޓުގައި ފުރަން ހަމަޖެހިފައިވާ ހުރިހާ ފްލައިޓްތައް ޑިލޭވެފައިވާކަމަށް ޚަބަރު ލިބެއެވެ." ރާއްޖެ އިސްލާމް ސައިޓްގައިވެއެވެ.
ސަން އޮންލައިން ގައިވާ ގޮތުން "އެއާޕޯޓްގައި ސެކިއުރިޓީ ބަލަހައްޓާ އެމްއެންޑީއެފްގެ އޮފިޝަލަކު ވިދާޅުވީ ޕާކިސްތާނަށް އުފަން އިނގިރޭސި މީހާ ހޯދުމުގެ މަސައްކަތް ކުއްލި ގޮތަކަށް މިއަދު ފަށާފައިވާ ކަމަށާއި އެކަމުގައި އިސްކޮށް ހަރަކާތެރިވަނީ ފުލުހުން ކަމަށެވެ. ނަމަވެސް ފުލުހުން ވަނީ މިކަމާމެދު އެއްޗެއް ބުންނަ ބޭނުން ނުވާ ކަމަށް ބުނެފަ އެވެ."
ފަހުގެ ޚަބަރުތައް ލިބޭގޮތުގައި މ.އޯޝަންރީޑްގޭގައި އުޅޭ އެމް.އެން.ޑީ.އެފް ގެ ކޯޕްރަލެއްގެ މަޤާމްގައި ހުރި އަމީރު ނަމަކަށްކިޔާމީހާވެސް މިހާރު ނަބިއްޔެއްކަމަށް ދަޢުވާކޮށްފައެވެ.
ރަސޫލުކަމަށް ދަޢުވާކޮށްގެން އުޅޭ މިމީހާ މާލޭގައި ދިރިއުޅެމުން އައީ ފަރީދީމަގުގައި ހުންނަ މ.އޯޝަންރީޑް ގޭގައި ކަމަށާއި ލަންކާއަށްދާ މީހުންގެ ތެރޭގައި މިގޭގެ މުޅި ޢާއިލާ ހިމެނޭކަމަށް ކަށަވަރުވެފައިވާ ކަމަށާއި، މިމީހުންވަނީ ފިރިހެނުންނާއި އަންހެނުން މިކްސްކޮށް މިދިޔަ ހުކުރު ދުވަހު މ.އޯޝަންރީޑް ގޭގައި ހުކުރު ކޮށްފައިވާ ކަމަށާއި، މިމީހުންގެ މި ބާޠިލުޢަޤީދާގެ ކަންތައްގަނޑު ހިނގާތާ މިހާރު 6 އަހަރުވެފައިވާ ކަމަށް ރާއްޖެއިސްލާމް ވެބްސައިޓުން ހާމަކުރެއެވެ.
މިމައްސަލާގައި މީޑިއާތަކުން ފުލުހުންނާއި ސުވާލުކުރުމުން އަދި މިހާތަނަށް ފުލުހުންގެ ބަހެއް އެއްވެސް މީޑިއާތަކަށް ހާމަކޮށްފައިނުވެއެވެ.
މިކަމާއި ގުޅޭ ގޮތުން އޮންލައިން ނޫސްތަކުން ސުވާލުކުރުމުން އިސްލާމިކް އެފެއާޒް މިނިސްޓަރ ޑރ. ޢަބްދުލް މަޖީދު ޢަބްދުލް ބާރީ ވިދާޅުވެފައިވަނީ އެމިނިސްޓްރީ އަށް މިމީހާ ރާއްޖެ އައުމުގެ ކުރިންވެސް ޢާއްމު ފަރާތަކުން އެމަޢުލާމާތު ލިބުމުން ފުލުހުންނަށް މިމައްސަލަ ހުށަހަޅާފައިވާކަމަށާއި، އަދި ރާއްޖެ އައިކަމުގެ ޝަކުވާވެސް ލިބުނު ކަމށާއި، މިމަޢުލޫމާތު ލިބުމުން ފުލުހުންނަށް މައްސަލަ ބަލައިދިނުމަށް ހުށަހަޅާފައިވާނެކަމަށެވެ.
ދިއިސްލާމްގެ ފަރާތުން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަށާއި، ދިވެހި ފުލުހުންނަށާއި، ކަމާއި ބެހޭ އެންމެހާ ފަރާތްތަކަށް މިނުރައްކާތެރި މައްސަލަ މިހާރުން މިހާރަށް ބައްލަވައި، މިކަމާއިމެދު އަވަސްގޮތެއްގައި އެންމެ ހަރުކަށި ފިޔަވަޅު އަޅުއްވައި، މިޤައުމުގައި އިސްލާމްދީން ޙިމާޔަތްކޮށް ދެއްވުމަށް ގޮވާލަމެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...