މުދަލު ޒަކާތް ވާޖިބުވާ ނިޞާބަށް ބަދަލު ގެނެސްފިއެވެ.
ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން މިއަދު ހާމަކުރި ގޮތުގައި، މިމަހުގެ 21 އިން ފެށިގެން ދިވެހިރާއްޖޭގައި ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބު 11,191.95 ރުފިޔާއަށް މަތިވެފައިވެއެވެ.
ރާއްޖޭގައި ޒަކާތުގެ ނިޞާބުގެ މިންވަރު ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެންނެވެ. މިގޮތުން ރިހީގެ ގްރާމަކަށް 18.81 ރުފިޔާގެ ރޭޓުން 595 ގްރާމަށްވާ މިންވަރު މިއީއެވެ. މީގެކުރިން މިދިޔަ އޭޕްރީލް މަހު މުދަލު ޒަކާތުގެ ނިޞާބު ހުރީ 9,264.15 ރުފިޔާގައެވެ.
ރަނާއި ރިހި ބާޒާރުގައި ލިބެން ހުންނަ އަގު ހާމަކުރަނީ ރާއްޖޭގެ މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިންނެވެ. މިހާރު ބާޒާރުގައި ރިހީގެ އަގުހުރީ ގްރާމަކަށް 18.81 ރުފިޔާގައި އަދި ރަނުގެ އަގު ހުރީ ގްރާމަކަށް 1,652.10 ރުފިޔާގައެވެ.
އިލްމުވެރިންގެ ފަތުވާގައިވާ ގޮތުން، ރާއްޖެ ފަދަ ގައުމުތަކުގައި ޒަކާތުގެ ނިޞާބު ކަނޑައެޅުމުގައި ފަގީރުންނަށް އެންމެ ރަނގަޅު ގޮތަކީ ރިހީގެ އަގަށް ބިނާކޮށް ޒަކާތުގެ ނިޞާބު ކަނޑައެޅުމެވެ. މުދަލު ޒަކާތުގެ ނިޞާބަކީ ތިމާގެ މުދަލުގައި އެ މިންވަރެއް ހަމަވުމުން އެއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ އެންމެ މަދު މިންވަރެވެ.
ރާއްޖޭގައި ޒަކާތް ބަލައިގަންނަނީ ދައުލަތުގެ ޓެކްސް އިދާރާ މީރާއިންނެވެ. މީރާއަށް އޮންލައިންކޮށް ވެސް މުދަލު ޒަކާތް ދެއްކޭނެ އިންތިޒާމު ހަމަޖެހިފައިވާއިރު، ކޮންމެ މީހަކުވެސް މުދަލު ޒަކާތް ދައްކަންޖެހޭ މިންވަރު މީރާގެ ވެބްސައިޓް މެދުވެރިކޮށް ބަލާލެވޭނެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...