އިސްލާމީ ކުތުބުޚާނާތަކަށް ބޭނުންވާ ފޮތްތައް ހޯދުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އިޢުލާން ކޮށްފިއެވެ.
ދިވެހި ސަރުކާރުގެ ގެޒެޓުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ޝާއިޢުކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ މި ފޮތްތައް ހޯދަނީ ރ. އުނގޫފާރު، ތިނަދޫ ސިޓީ އަދި ހއ. ދިއްދޫގައި ހުންނަ އިސްލާމިކް ސެންޓަރުތަކާއި، ފުވައްމުލަކު ސިޓީގެ ޤުރްއާން ސެންޓަރުގައި ގާއިމްކުރުމަށް ހަމަޖެހިފައިވާ ލައިބްރަރީތަކަށެވެ.
މި ލައިބްރަރީތަކަށް ހޯދުމަށް ބޭނުންވަނީ ދިވެހި އަދި އިނގިރޭސި ބަހުން ލިޔެފައިވާ އިސްލާމީ، ތަޢުލީމީ، އިޖުތިމާޢީ އަދި އިޤްތިޞާދީ ފޮތްތަކާއި ކުޑަކުދިންގެ ފޮތްތަކާއި އަދަބީ ފޮތްތަކުގެ އިތުރުން އެހެނިހެން ދާއިރާތަކުގެ ފޮތްތައް ކަމަށް މިނިސްޓްރީން ވަނީ ބަޔާންކޮށްފައެވެ.
ފޮތްތައް ވިއްކުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ފޮތްތަކުގެ ތަފްޞީލާއި އަގުތައް ހިމަނައިގެން ޕްރޮޕޯސަލް ހުށަހެޅުމަށް މިނިސްޓްރީން ވަނީ ދަޢުވަތު ދީފައެވެ. އަދި ޕްރޮޕޯސަލް ހުށަހެޅުމަށް ރަޖިސްޓްރީ ކުރައްވާ ހުރިހާ ފަރާތަކަށް މިއިޢުލާނާ ގުޅޭ މަޢުލޫމާތު ކަރުދާސް މެއިލް މެދުވެރިކޮށް ފޮނުވޭނެ ކަމަށް އެވުޒާރާއިން ބުނެފައިވެއެވެ.
ޕްރޮޕޯސަލް ހުށަހެޅުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2025 ޖުލައި 22 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން މިނިސްޓްރީން ދީފައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށް އިޢުލާނުގައި އެދިފައިވެއެވެ. އަދި ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ 2025 ޖުލައި 31 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ކަމުގައި ވެސް ވަނީ އަންގާފައެވެ.
މީގެ އިތުރުން އެހެން އިޢުލާނެއްގައި އެވުޒާރާއިން ވަނީ ކިންގ ސަލްމާން މިސްކިތުގައި ޤާއިމުކޮށްފައިވާ އިސްލާމީ ކުތުބުޚާނާއަށް ބޭނުންވާ އިސްލާމިކް ފައިނޭންސްއާ ގުޅޭ ފޮތްތަކާއި ކުޑަކުދިންނަށް ޚާއްސަ ފޮތްތައް ހަދިޔާ ކުރުމުގެ ފުރުޞަތު ވެސް ހުޅުވާލާފައެވެ. ފޮތް ހަދިޔާ ކުރަން ބޭނުންވާ ފަރާތްތަކުން 31 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ހަދިޔާ ކުރަން ބޭނުންވާ ފޮތްތަކާ ބެހޭ މަޢުލޫމާތު [email protected] އަށް މެއިލްކުރުމަށް އެވުޒާރާއިން ވަނީ އެދިފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...