ރާއްޖޭގެ ޚަބަރު

ރިސޯޓުތަކުގެ އިމާމުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް ފަށައިފި

 

އިސްލާމިކް މިނިސްޓްރީއާއި ޓުވަރިޒަމް މިނިސްޓްރީ ގުޅިގެން ހިންގުމަށް ހަމަ ޖެހުނު ރިސޯޓްތަކުގެ އިމާމުން ތަމްރީންކުރުމުގެ ޕްރޮގްރާމް ފަށައިފިއެވެ.

ރިސޯޓުތަކުގައި ނަމާދުކުރާނެ އިމާމުން ނެތުމުގެ ދަތިކަން ފޯރަމުން ދާތީ އެކަމަށް ހައްލު ގެނައުމަށްޓަކާ ޓޫރިޒަމް މިނިސްޓްރީއާ އިސްލާމިކް މިނިސްޓްރީ ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ މި ތަމްރީނު ޕްރޮގްރާމް ފަށްޓަވައިދެއްވީ ޓޫރިޒަމް މިނިސްޓަރ އަބްދު ﷲ މައުސޫމެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ރިސޯޓްތަކުގައި މުދިމުން ނެތުމުގެ ސަބަބުން ދިމާވާ ދަތިތަކަށް މި ޕްރޮގްރާމްގެ ސަބަބުން ހައްލު ލިބިގެންދާނެކަމަށެވެ. ވަރޗުއަލްކޮށް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފަވާ މި ޕްރޮގްރާމްގައި ބައިވެރިވާން ބޭނުން ކޮންމެ ބޭފުޅަކަށްވެސް އެބޭފުޅަކު ހުރި ތަނެއްގައި ހުންނަވައިގެން ބައިވެރިވުމުގެ ފުރުސަތު ލިބޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރީތިކޮށް ޤުރުއާން ކިޔަވަން ދަސްކޮށްދިނުމާ، ހުކުރު ނަމާދާއި ތަރާވީސް ނަމާދު ކުރުމުގެ ބައި ހިމެނައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމް މިހާ ފުރިހަމަ ކަމާއެކީގައި ކުރު މުއްދަތެއްގެ ތެރޭގައި އިންތިޒާމުކޮށްދެއްވީތީ މިނިސްޓަރ ވަނީ އިސްލާމިކް މިނިސްޓަރ އަހްމަދު ޒާހިރަށް ޝުކުރު ދަންނަވާފައެވެ. އަދި އުއްމީދަކީ މި ޕްރޮގްރާމްގެ ގިނަ ބައިތަކެއް ރަމަޟާންމަހުގެ ކުރިން ނިންމާލާ، ގިނަ ރިސޯޓްތަކަކަށް ދިމާވެފައިވާ އިމާމުން ނެތުމުގެ މައްސަލަ ހައްލުވެގެން ދިއުންކަމަށް މިނިސްޓަރ މައުސޫމް ވިދާޅުވިއެވެ.

އިމާމުން ތަމްރީނުކުރުމުގެ މި ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކަށް ޕްރޮގްރާމް ނިންމިކަމުގެ ހަނދާނީ ލިޔުން ހަވާލުކުރުމަށް ހަމަޖެހިފައިވާއިރު މި ލިޔުން ލިބޭނީ ހުރިހާ ސެޝަންތަކެއް ފުރިހަމަ ކުރުމުން ކަމަށް އިސްލާމިކް މިނިސްޓަރ އަހްމަދު ޒާހިރު ވިދާޅުވިއެވެ. އަދި ލިޔުން ލިބޭ ފަރާތްތަކަށް އިތުރު ހުއްދައަކާ ނުލާ ހުރިހާ ރިސޯޓްތަކެއްގައި އިމާމުކަން ކުރެވޭނެކަމަށް މިނިސްޓަރ ޒާހިރު ފާހަގަކުރެއްވިއެވެ.

މިހާރު ދިމާވެފަމިވާ ބަލިމަޑުކަމުގެ ސަބަބުން ނާއި ދަތުރުފަތުރުގެ ދަތިކަމާއި ވިއްސާރަ ދުވަސްދުވަހު އެއްރަށުން އަނެއް ރަށަށް ދަތުރުކުރަން ދިމާވާ ދަތިތަކުގެ ސަބަބުން ރިސޯޓުތަކަށް މުދިމުން ގެންދިއުމަށް ގިނަ ދަތިތަކާ ކުރިމަތިވެއެވެ. އެކަން ފާހަގަ ކުރައްވަމުން މިނިސްޓަރ ޒާހިރު ވިދާޅުވީ މިހާރު އެންމެ އިސްކަމެއް ދެއްވައިފައިވާނީ ހާލަތާއި ގުޅޭގޮތަށް ކަންކަން ރާވައިގެން ކުރިޔަށް ގެންދިއުމަށް ކަމަށެވެ.

ރިސޯޓްތަކަށް އިމާމުން ތަމްރީނު ކުރުމުގެ މި ޕްރޮގްރާމްގައި 85 ރިސޯޓަކުން 169 ބައިވެރިން ވަނީ ބައިވެރިވެފައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *