ﷲ ތަޢާލާގެ ނިޢުމަތްތަކަށް ޝުކުރުވެރިވުން ގިނަކުރުމަށް އައްޝައިޚް ނުޢުމާން އަލީ ޚާން ވިދާޅުވެއްޖެއެވެ.
ޝެއިޚް ނުޢުމާން މިހެން ވިދާޅުވެފައިވަނީ ދަރުސެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޝެއިޚް މި މަޢުޟޫއަށް އިތުރަށް ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައި ވަނީ ﷲ ތަޢާލާ ވަޙީކުރައްވާފައިވާ އާޔަތެއްގެ މާނައިގައި ވެއެވެ. ހަމަކަށަވަރުން، ތިޔަބައިމީހުން ޝުކުރުކޮށްފިނަމަ ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އިތުރުކޮށްދެއްވާހުށީމެވެ. އަދި ތިޔަބައިމީހުން (ޝުކުރުނުކޮށް) ކާފިރުވެއްޖެނަމަ (ދަންނާށެވެ.) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ޢަޛާބު ގަދަފަދަވެގެންވާކަން ކަށަަވަރެވެ.
މީގެ އިތުރުން ޝެއިޚް ވިދާޅުވެފައި ވަނީ އަޅުގަނޑުމެން ކޮންމެ މީހެއްގެވެސް އެންމެ ބޮޑު އެދުމަކަށް ވާނީ ﷲ ތަޢާލާ ދެއްވަވާ ނިޢުމަތްތައް އިތުރުކޮށްދެއްވާ ދެއްވެވުމަށެވެ. އަދި ﷲ ތަޢާލާ ވަނީ އެކަމަށް ޔަގީން މަގު އަންގަވައި ދެއްވައިފައިކަމެވެ. އަދި ހަމަ އެހެންމެ ޝުކުރުވެރިކަން ގިނަ ކުރުމަށްވެސް ވިދާޅުވިއެވެ. އެއީ ހަމައެކަނި ދުލުން ބުނެލުން ނޫންކަމާއި، ޢަމަލުން އެކަންކަން ދެއްކުމެވެ. ތަޤްވާވެރިކަން އިތުރުކުރުމާއި، ހެޔޮޢަމަލު އިތުރުކުރުމާއި، ނަހީކުރެއްވި ކަންކަމުން ދުރުވެގަތުން ކަމަށެވެ.
އަދި ހަމަ އެހެންމެ ﷲ ތަޢާލާގެ ވަޙީ ބަސްފުޅަށް ޝައްކު ކުރުމެއް ނެތްކަމަށާއި، އެކަންކަން ޔަޤީން ކުރުމަކީ އަޅުގަނޑުމެންނަށް ވާޖިބު ކަމެއް ކަމަށެވެ. އަދި ﷲ ތަޢާލާ ވަނީ ޝުކުރުވެރިވާ އަޅުންނަށް އެމީހުންގެ ބޭނުންތައް އެއްވެސް އިމެއް ނެތި ފުއްދަވައި ދެއްވާނެކަމުގެ ޔަޤީންކަންވެސް ދެއްވަވާއިފައެވެ.
ނިންމާލަމުން ޝެއިޚް ވިދާޅުވެފައި ވަނީ ﷲ ތަޢާލާގެ ނިޢުމަތްތަކަށް ޝުކުރުވެރިވުން ގިނަކުރުމަށެވެ. އެއިރުން ތިބާއަށް ދެއްވަވާ ނިޢުމަތްތައް އެތައް ގުނައަކަށް އިތުރުކުރައްވާނެކަން ﷲ ތައާލާ ވަނީ އަންގަވާއިފައިކަމެވެ. އަދި ހަަމަ އެހެންމެ ޝުކުރުނުކުރުމުން ދެން އެމީހަކަށް ހުރީ ގަދަފަދަ ޢަޛާބުކަމެވެ.
ޚިޔާލު