ޛިކުރު އެޕްލިކޭޝަންގެ ނަމުގައި އުފައްދާފައިވާ އެޕްލިކޭޝަން އެއްލައްކަ މީހުން ޑައުންލޯޑު ކޮށްފިކަމަށް އެއެޕްލިކޭޝަންގެ އުފެއްދުންތެރިޔާ ވިދާޅުވެއްޖެއެވެ.
ޛިކުރު މޮބައިލް އެޕް ވުޖޫދަށް ގެނައިއްސުރެ މި އެޕްލިކޭޝަން އަކީ ވަރަށް ގިނަ ބަޔަކަށް ކަމުދިޔަ އެޕްލިކޭޝަނަކަށް ވަނީ ވެފައެވެ. މިއަހަރުގެ އޭޕްރީލްމަހު ވަނީ މިއެޕްލިކޭޝަން އަޕްޑޭޓުކޮށް އަލުން ނެރެފައެވެ.
މިއެޕްލިކޭޝަންއަކީ ކުރިން "ހެނދުނާއި ހަވީރުގެ ޛިކުރުތައް" މިނަމުގައި ގެންގުޅުނު އެޕްލިކޭޝަންގެ އައު އިސްދާރެކެވެ. އަދި މިއެޕްލިކޭޝަންގައި ހެނދުނާއި ހަވީރުގެ ޛިކުރުތަކުގެ އިތުރުން ނަމާދަށް ފަހު ކިޔާ ޛިކުރުތަށް ވަނީ އިތުރުކުރެވިފައެވެ. އަދި ކުރިއަށް އޮތް ތަނުގައި ﷲގެ ރަޙްމަތުން އެހެނިހެން ޛިކުރުތަށް މިއެޕްލިކޭޝަނަށް އިތުރު ކުރުމުގެ އުއްމީދު ކުރާކަމަށް މި އެޕްލިކޭޝަންގެ މޭސްތިރި އުއްމީދު ކުރައްވައެވެ.
މިއެޕްލިކޭޝަނަކީ މިއެޕްލިކޭޝަންގެ މޭސްތިރި ޢަލީ ޒިހުނީ އޭނާގެ މަންމައަށް ޓަކައި އުފެއްދި އެޕްލިކޭޝަންއެއް ނަމަވެސް މިހާރު މިއެޕްލިކޭޝަން މިވަނީ ގިނަބަޔަކަށް މިއިން މަންފަޢަ ކުރާ އެއްޗަކަށްވެފައެވެ.
މިއެޕްލިކޭޝަން އެއްލައްކަ މީހުން ޑައުންލޯޑު ކުރުމާއި ގުޅިގެން މިއެޕްލިކޭޝަންގެ މޭސްތިރިޔާ ޢަލީ ޒިހުނީ ވިދާޅުވީ މިއެޕްލިކޭޝަންއަށް މުޅިންހެންވެސް ލިބިފައިހުރީ ޕޮޒިޓިވް ކޮމެންޓުކަމަށެވެ.
"ވަރަށް ފުރިހަމަ ވަރަށް ބޭނުންތެރި އެޕްލިކޭޝަންއެއްކަމަށް ބުނަނީ. މިހާރު އެންމެ ގިނަ މީހުން ބޭނުންވަނީ އަދިވެސް އިތުރު ދުޢާ ތަކާއި ޛިކުރުތަށް މިއެޕްގައި ހިމަނަން. އެމަސައްކަތްވެސް މަޑުމަޑުން ކުރިއަށް އެބަދޭ" ދިއިސްލާމަށް މަޢުލޫމާތު ދެއްވަމުން ޢަލީ ޒިހުނީ ވިދާޅުވިއެވެ.
މިފަދަ އެޕްލިކޭޝަނެއް ހަދާ ތައްޔާރުކޮށް ފައްކާކުރުމަކީ ބޮޑު އަދި ބުރަކަމަކަށް ވާއިރު މިކަމުގައި ގިނަ ބައެއްގެ އެހީތެރިކަން ބޭނުންވާނެކަމަށް ޒިހުނީ ވިދާޅުވިއެވެ.
"އަސްލު އެހީވާން ބޭނުން ކޮންމެ މީހަކަށްވެސް އެފުރުޞަތު އެބައޮތް. ބޭނުންވަނީ މިކަހަލަ އެޕްލިކޭޝަން ތަކެއް ފޯރު ކޮށްދިނުން. ހެލްޕު ވެވޭނެ މީހަކު ހުރިއްޔާ ކޮންޓެކްޓު ކޮށްލަންވީ" ޒިހުނީ ވިދާޅުވިއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...