ސަޢުދީ ޢަރަބިއްޔާއިން މިއަހަރު ޙައްޖުގެ އަޅުކަން އަދާކުރުމަށް ފުރުޞަތު ދެއްވާފައިވާ 1000 ފަރާތުގެ ތެރޭގައި 6 ދިވެއްސެއް ހިމެނޭކަމަށް ދިވެހި ޙާޖީއެއް މަޢުލޫމާތު ދެއްވައިފިއެވެ.
މިގޮތުން މިއަހަރުގެ ޙައްޖުގެ އަޅުކަމުގައި (އިރާދަކުރެއްވިއްޔާ) ބައިވެރިވެވަޑައިގަންނަވާ ދަރިވަރެއް ކަމުގައިވާ އިސްމާޢީލު ރިޔާޟު ވިދާޅުވެފައިވާ ގޮތުގައި ޙައްޖުގައި ބައިވެރިވެލެއްވުމަށް ފުރުޞަތު ލިބިވަޑައިގެންފައިވަނީ 6 ދިވެހިންނަށެވެ. އަދި މީގެ ތެރޭގައި އެއް އަންހެން ކުއްޖަކު ހިމެނޭ ކަމަށްވެސް އޭނާ ފާހަގަ ކުރެއްވިއެވެ.
މިހާރު ޙައްޖާޖީން މައްކާއަށް ވަންނަވަން ފައްޓަވާފައިވާ އިރު، ދިވެހި ދެ ޙައްޖާޖީން މިހާރު ވަނީ، އެބޭފުޅުން ތިއްބެވުމަށް ޚާއްޞަވެފައިވާ ހޮޓާ ކަމަށްވާ ޝީރާޠޫން ގެ ފޯރ ޕޮއިންޓްސް ހޮޓަލަށް ވަޑައިގަންނަވާފައެވެ. މިއަހަރު ހުރިހާ ޙައްޖުވެރިންވެސް ބޭތިއްބެވުމަށް ސަޢުދީ ސަރުކާރުން ހަމަޖައްސަވާފައިވަނީ މިހޮޓަލެވެ. މިގޮތުން އިއްޔެ މިހޮޓަލަށް ވަޑައިގެންފައި ދިވެހިންގެ ތެރޭގައި ހިމެނެނީ، އެޤައުމުގެ އަލްޤަޞީމު ޔުނިވާރސިޓީގައި ކިޔަވާ ދަރިވަރަކާއި، ހާއިލް ޕްރޮވިންސްގެ އެއަރ ކްރާޕްޓް އޮފީހެއްގައި މަސައްކަތްކުރައްވާ ދިވެހި އިންޖިނިއަރެކެވެ.
ސަޢުދީ ސަރުކާރުން މިއަހަރު ޙައްޖުގެ އިންތިޡާމުތައް ހަމަޖައްސަވާފައިވަނީ ވަރަށް ފުރިހަމައަށެވެ. މިގޮތުން ކުރިން މައްކާއާއި ދުރު ރަށްތަކުން ހައްޖަށް ވަޑައިގަންނަވާ ފަރާތްތަކުން މައްކާއަށް ވަޑާއިގަންނަވަން ޖެހިވަޑައިގަންނަވާނީ އަމިއްލަ ޚަރަދުގައި ކަމުގައި ވިދާޅުވެފައި އޮތަސް، މިހާރު އެފަރާތްތަކަށްވެސް ހިލޭ މަތިންދާބޯޓުތަކެއް ވަނީ ހަމަޖައްސަވާދެއްވާފައެވެ.
މީގެ އިތުރުން، މައްކާއަށް އައުމުގެ ކުރިން ކޯވިޑަށް ޓެސްޓުކޮށް، ގޭގައި ކަރަންޓީނުވާން ޖެހުނުކަމަށްވެސް ސަޢުދީ ޢަރަބިއްޔާގައި ކިޔަވާ ދަރިވަރުން ޕީއެސްއެމަށް ޚަބަރު ދެއްވާފައިވެއެވެ.
"ކޯވިޑަށް ޓެސްޓްކުރުމަށްފަހު ގޭގައި ކަރަންޓީނުކޮށް ބޭންޑެއް އެޅުވި. ބޭންޑް އެޅުވުމަށްފަހު ފޯނުގެ ލޮކޭޝަން އޮންކޮށް އަބަދު ވައިފައި ޖައްސާ ބުލޫޓޫތު އޮންކޮށްފައި ބަހައްޓަން ޖެހޭނީ. ފޯނު ނިވުނަސް ނުވަތަ ބްލޫޓޫތު އޮފް ވިޔަސް ބަލަނީ ކަނޑައެޅިފައިވާ އުސޫލާއި ހިލާފުވީކަމަށް. އެހެންވެ އަބަދު ޖައްސައިގެން އުޅެންޖެހުނީ" މައްކާގައި މިވަގުތު ހުރި ދިވެހި ދަރިވަރަކު، ޕީއެސްއެމަށް ކިޔައިދެއްވާފައިވެއެވެ.
ޚިޔާލު