ފަލަސްޠިނުގެ ރައްޔިތުންގެ ޙައްޤުތައް ރައްކާތެރި ކޮށްދެއްވުމަށް ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދު ﷲ ޝާހިދު ގޮވާލައްވައިފިއެވެ.
ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދު ﷲ ޝާހިދު މިހެން ގޮވާލައްވާފައިވަނީ އދ ގެ، ފަލަސްޠީނުގެ ރެފިޔުޖީންގެ ޙައްޤުގައި މަސައްކަތް ކުރާ އޭޖެންސީ ކަމަށްވާ ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވަރކްސް އެޖެންސީ ފޮރ ޕަލަސްޓައިން ރެފިއުޖީސް (އަންރުވާ) އިން ދަ ނިއަރ އީސްޓްގެ ބައްދަލުވުމެއްގައެވެ.
މިބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝާހިދު ވިދާޅުވެފައިވާ ގޮތުގައި އދގެ ޤަރާރުތަކާ ބައިނަލްއަޤްވާމީ ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ފަލަސްތީނުގެ މިނިވަން ދައުލަތެއް ޤާއިމްކުރުމަށް ދިވެހިރާއްޖެއިން އަބަދުވެސް ވަކާލާތުކުރެއެވެ. މީގެ އިތުރުން ފަލަސްތީނުގެ ރައްޔިތުންގެ އިންސާނީ ހައްޤުތައް ޙިމާޔަތް ކުރުމަށް އަންރުވާގެ މަސައްކަތް ހުއްޓާނުލާ ކުރިއަށް ގެންދިޔުމަށް ބޭނުންވާ ފައިސާގެ އެހީތެރިކަން ދެއްވުމަށް ބައިނަލްއަޤްވާމީ ފަރާތްތަކަށް މިނިސްޓަރ ޝާހިދުވަނީ ގޮވާލައްވާފައެވެ.
މިބައްދަލުވުމަކީ ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވަރކްސް އެޖެންސީ ފޮރ ޕަލަސްޓައިން ރެފިއުޖީސް (އަންރުވާ) އިން އިސްނަންގަވައިގެން އެއޭޖެންސީއަށް ފަންޑު ހޯއްދެވުމުގެ ގޮތުން، ވަޒީރުންގެ ފެންވަރުގައި ބާއްވަވާފައިވާ ބައްދަލުވުމެކެވެ. މިގޮތުން މިނިސްޓަރ ޝާހިދުގެ ވާހަކަފުޅުގައި ފާހަގަ ކުރައްވާފައިވާ ގޮތުގައި ފަލަސްތީނުގެ 5.5 މިލިއަން ރެފިއުޖީން އަސާސީ ބޭސްފަރުވާއަށާއި ތައުލީމަށް ބަރޯސާ ވަނީ އަންރުވާގެ އެހީތެރިކަމަށެވެ. މިހެންކަމުން އެމަނިކުފާނުވަނީ ފައިސާ ހޯދުމުގައި ދިމާވާ ދަތިތަކުގެ ސަބަބުން ފަލަސްތީނުގެ ރެފިއުޖީންނަށް ކުރިމަތިވާ ދަތިތަކާމެދު ކަންބޮޑުވުން ފާޅުކުރެއްވިއެވެ.
މިދިޔަ ޖޫން މަހުގެ 23 ވަނަ ދުވަހު ބާއްވަވާފައިވާ މިބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ އުރްދުންގެ ޚާރިޖީ ވަޒީރު އައިމަން ސަފާދީ އާއި، ސްވީޑަންގެ ޚަރިޖީ ވަޒީރު ޕީޓަރ އެރިކްސަނެވެ. ކުރިއަށް އޮތް 2 އަހަރު އަންރުވާއަށް ބޭނުންވާ ފަންޑާއި، ބައިނަލްއަޤްވާމީ ފަރާތްތަކުން ހޯއްދެވުމަށް ބޭނުންފުޅުވާ ސިޔާސީ މަދަދުވެރިކަން ހޯއްދެވުމަށް ބޭއްވެވުނު ބައްދަލުވުމުގައި އދގެ ބައެއް މެންބަރު ޤައުމުތަކުން ވަނީ މިއޭޖެންސީއަށް މާލީ އެހީތެރިކަން ދެއްވުމަށް އެއްބަސްވެވަދައިގެންފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...