ލިޔުނީ: ޙުސައިން ރަޝީދު
އިސްލާމީ ނޫރު ގެ ނަމުގައި ވެބްސައިޓެއް ކުރިއަށް އޮތް އެޕްރީލް މަހުގެ މެދުތެރޭގައި ވުޖޫދަށް އަންނާނޭކަމުގެ ޚަބަރު ދިއިސްލާމަށް ލިބިއްޖެ އެވެ.
މިވެބްސައިޓަކީ ރާއްޖޭގައި ބާއްވާ ދީނީ ދަރުސްތަކާއި ސުވާލާއި ޖަވާބުގެ ސެކްޝަނެއްވެސް ހިމެނޭގޮތަށް ތައްޔާރުކޮއްފައިވާ ދީނީ ވެބްސައިޓެކެވެ. މިވެބްސައިޓްގެ މައިގަނޑު މަޤްޞަދަކީ ދިވެހި ޒުވާނުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި ޒުވާނުންގެ ހިތްތަކުގައި އުފެދިފައިވާ ތަފާތު ސުވާލުތަކަށް ޢިލްމީ ޖަވާބުތަކެއް ހޯދައިދިނުންކަމަށް މިވެބްސައިޓް ވުޖޫދަށް ގެނައުމުގައި އިސްކޮށް ޙަރަކާތެރިވާ ފަރާތެއް ދިއިސްލާމަށް މަޢުލޫމާތު ދެއްވިއެވެ.
މިވެބްސައިޓް ލޯންޗުކުރެވޭ ރޭ،ސުވާލުތަކަށް ޖަވާބު ދެއްވާނީ މައިގަނޑު 3 މަޢުޟޫއަކަށް އަމާޒުކުރެވިގެން ކަމަށް އޭނަ ވިދާޅުވިއެވެ. އެއީ މިއުޒިކާއި ލަވައިގެ ޙުކުމް، ތައުޙީދުގެ ފުންމިން އަދި ފާފައިން އިސްރާފުކޮށްފައިވާ ޒުވާނާ، މިތިން މަޢުޟޫއެވެ. އަދި މިތިން މަޢުޟޫގެ ތެރެއިން ހުށައެޅޭ ސުވާލުތަކަށް ޖަވާބު ދެއްވާނީ އައްޝައިޚް އިބްރާހިމް ފަރީދު އަޙްމަދުއެވެ. ސުވާލާއި ޖަވާބުގެ ސެކްޝަންގައި ޝެއިޚް ފަރީދުގެ އިތުރުން ރާއްޖޭގެ މަޝްހޫރު އެހެން ޝައިޚުންގެ ޖަވާބުތައްވެސް އިރާދަކުރެއްވިއްޔާ މުސްތަޤްބަލްގައި ފެނިގެންދާނެކަމަށް އެނާ ހާމަކުރެއްވިއެވެ.
މިވެބްސައިޓް ލޯންޗުކުރެވޭ ރޭ، އައްޝައިޚް އިބްރާހިމް ފަރީދު އަޙްމަދުގެ ދަރުސެއް އޮންނާކަމަށް އޭނަ ވިދާޅުވިއެވެ. އަދި ދަރުސް ފެށުމުގެ ކުރިން މިވެބްސައިޓް ލޯންޗްކުރުން ކުރިއަށް ގެނދިޔުމަށް ވަނީ ހަމަޖެހިފައެވެ.
މިވެބްސައިޓްގެ އެޑްރެހަކީ www.islaameenoor.com އެވެ.
މިވެބްސައިޓްގެ ސަބަބުން ދިވެހި މުސްލިމް އަޚުންނާއި އުޚްތުންނަށް ވަރަށް ބޮޑު ފައިދާއެއް ލިބިގެންދާނެކަމަށް "ދިއިސްލާމު"ން އުންމީދުކޮށް ދުޢާ ކުރަމެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...