ރާއްޖޭގެ ޚަބަރު

މާލޭގައި މާދަމާ ހުކުރު ނަމާދު ނުކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެ

Male' ga Maadhama Hukuru namadhu Nukuraane Kamah Islamic Ministry in Vidhalhuvejje

މާލޭގައި މާދަމާ ހުކުރު ނަމާދު ނުކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން މީގެ 1 ގަޑިއިރު ކުރިން ނެރުއްވާފައިވާ ބަޔާނެއްގައިވާ ގޮތުގައި މާލޭ ސަރަޙައްދުގައި މާދަމާ ހުކުރު ނަމާދު ނުކުރާ ގޮތަށް ނިންމަވާާފައިވަނީ، މާލޭގައި ފެތުރެމުންދާ ކޯވިޑް 19 ގެ ޢާލަމީ ވަބާގެ ސަބަބުން އެޅޭ ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ.

މިބަޔާނުގައިވާ ގޮތުގައި، ހުކުރު ނަމާދުގެ ޖަމާޢަތަކީ ގިނަ ބައެއް އެއްތަންވެ، ގިނަ ވަޤުތު ހޭދަވާ ޖަމާޢަތެކެވެ. މިހެންކަމުން، މިދަނޑިވަޅު ތަދުރީޖީ ގޮތެއްގައި ޢާއްމު ޙާލަތަށް ލުއިދީ، އެލުއިތަކުގެ ސަބަބުން ބަލިމަޑުކަން ފެތުރޭގޮތް ދިރާސާކޮށް ދެނެގަންނަންޖެހޭ ޙާލަތެކެވެ. މިގޮތުން މިބަލިމަޑުކަން އިތުރަށް ފެތުރުމުގެ ބިރުއޮތްކަމަށް ޑޮކްޓަރުން ލަފާދެއްވާތީ، އިސްލާމީ ޝަރުޢީ ޤަވާޢިދުތަކާއި ހަމަތަކަށް ރިޢާޔަތް ކުރައްވާ، ޢިލްމުވެރިންގެ ލަފައާއި އެކުއެވެ.

މިގޮތުން އިސްލާމިކް މިނިސްޓްރީން ޚަބަރުދެއްވާ ގޮތުގައި، އެބޭފުޅުން މިފިޔަވަޅު އަޅުއްވާފައި މިވަނީ އިސްލާމީ ފަތުވާ ދޭ އެއްމެ މަތީ މަޖްލިހާއި، ދީނީ ޢިލްމުވެރިންނާއި ޑޮކްޓަރުންނާއި މަޝްވަރާ ކުރެއްވުމަށް ފަހުއެވެ. މިގޮތުން އިސްލާމްދީން އޭގެ މައްޗަށް ބިނާވެގެންވާ ފަސް އަޞްލުގެ ތެރޭގައި އިންސާނުންގެ ފުރާނަތަކަށް ރައްކާތެރިވުން ހިމެނޭކަން މިނިސްޓްރީގެ ބަޔާނުގައި ފާހަގަކުރައްވާފައި ވެއެވެ.

ހުކުރު ނަމާދު ޖަމާޢަތުގައި ނުކުރުމަށް ނިންމަވާފައި ވުމާއިއެކުވެސް، ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި އެކު، ފަރްޟު ފަސް ނަމާދު އަދާކުރުމުގެ ނިޢުމަތް ފަހިވެފައިވާތީ، އެކަމަށް ﷲ އަށް ޝުކުރުވެރިވާ ޙާލު، ފަރްޟު ފަސް ނަމާދު ޤާއިމު ކުރުމަށާއި، ހެޔޮ ޢަމަލު ގިނަކުރުމަށާއި، ބަލިމަޑިކަމުން ރާއްޖެ ސަލާމަތްކޮށްދެއްވުމަށް އެދި ދުޢާ ކުރުން މަތީ ދެމިތިބެ، ކަމާބެހޭ ފަރާތްތަކުގެ އިރުޝަދާއި އެއްގަޮތަށް ޢަމަލު ކުރުމަށް، މިބަޔާނުގައި އިސްލާމިކް މިނިސްޓްރީން ވަނީ ނަޞޭޙަތްތެރި ވެވަޑައިގަންނަވާފައެވެ.

ރާއްޖޭގައި މިހާތަނަށް 2382 ފަރާތަކަށް ކޯވިޑް 19 ޖެހިފައިވާއިރު، އިއްޔެ އެކަނިވެސް ވަނީ 21 ފަރާތެއް މިބައްޔަށް ޕޮޒިޓިވެ ވެފައެވެ. އަދި ރޭގެ ވަޤުތެއްގައި ރާއްޖޭގެ 92 އަހަރުގެ ފަރާތެއްވަނީ މިބަލީގައި އަވަހާރަވެފައެވެ. މިއީ ކޯވިޑް 19 ގައި ރާއްޖެއިން މިދުނިޔެ ދޫކުރައްވާފައިވާ 10 ވަނަ ފަރާތެވެ. މާތް ﷲ އެ މަރްޙޫމަށް ހެޔޮ ރަޙްމަތް ލައްވާށިއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *