އެޑިއުކޭޝަން މިނިސްޓްރީން ޤުރްއާން ކިލާސްތަކާއި ޕްރީ ސްކޫލުތަކަށް އެހީ ދެއްވަށް ނިންމަވާ، އެކަމަށް ފުރުޞަތު ހުޅުވާލައްވައިފިއެވެ.
މިނިސްޓްރީ އޮފް އެޑިއުކޭޝަނުން މިއަދު އިއުލާން ކުރައްވާފައިވާ މިއެހީއަކީ ކޯވިޑް 19 ގެ ސަބަބުން ފައިސާގެ އެހީތެރިކަމަށް ބޭނުންޖެހިފައިވާ ސްކޫލްތަކަށާއި ކިލާސްތަކަށް އެހީއަށް އެދުމަށް ހުޅުވާލައްވާފައިވާ ފުރުޞަތެކެވެ. މިގޮތުން މިއިޢުލާނުގައި ވިދާޅުވެފައިވާ ގޮތުގައި ފައިސާގެ އެހީއަށް ބޭނުންވެފައިވާ ޤުރްއާން ކިލާސްތަކާއި އަމިއްލަ އަދި ކޮމިއުނިޓީ ޕްރީ ސްކޫލުތަކުން މިއެހީއަށް އެދި، އަންނަ ޖުލައި މަހުގެ 15 ގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އެޑިއުކޭޝަނަށް ހުށައަޅުއްވަން ވާނެއެވެ.
މިއެހީއަށް އެދި މިނިސްޓްރީއަށް ހުށައަޅުއްވަން ފުރުއްވަން ޖެހޭ ފޯރމް މިލިންކުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިފޯރމްތައް ފުރުއްވުމަށްފަހު ފޮނުއްވަން ޖެހޭނީ [email protected] މިއީމެއިލަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެފައިވެއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެފައިވާ ގޮތުގައި މިކަމާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅު ވެލައްވާ ފަރާތްތަކުން މިނިސްޓްރީގެ ޕޮލިސީ ޕްލޭނިންގ އެންޑް ރީސާޗް ޑިވިޝަންގެ ނަންބަރު 7745487 އަށް ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
މީގެ އިތުރުން މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ވިދާޅުވެފައިވާ ގޮތުގައި "ޕްރީ ސްކޫލުތަކާއި ޤުރްއާން ކިލާސްތަކަށް ފައިސާ ދިނުމުގެ އުޞޫލު" މިބައިގެ ދަށުގައި ކޯވިޑާއި ވިދިގެން ޒަކާތު ފަންޑުގެ ދަށުން އެހީ ދެއްވުމަށް ހަމަޖެހިފައިވާ ފަރާތްތަކާއި، އެފަރާތްތަކުގެ ހުންނަންޖެހޭ ޝަރުޠުތައް، އަދި އެބޭފުޅުންނަށް ފައިސާގެ އެހީ ދެއްވަން ހަމަޖައްސަވާފައިވާ މިންވަރު ފެނިވަޑައިގަންނަވާނެއެވެ.
ކޯވިޑް 19 އާއި ވިދިގެން އިސްލާމިކް މިނިސްޓްރީން ވަނީ، ކީރިތި ޤުރްއާން ކިޔަވައިދޭ ކިލާސްތަކާއި، ޕްރީ ސްކޫލުތަކަށް އެހީތެރިވެދެއްވުމުގެ ގޮތުން އެބޭފުޅުންނަށް ޒަކާތު ފަންޑުން ޖުމްލަ 1.5 މިލިޔަން ރުފިޔާ ދެއްވުމަށް ނިންމަވާފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...