ރާއްޖޭގެ ޚަބަރު

ހއ. އުތީމު ކައުންސިލުން އުތެމައަށް ފިޔަވަޅު އެޅުމަށް ގޮވާލައްވައިފި

Ha. Utheemu Councilun Uthema ah Fiyavalhu Elhumah Govaalavva Bayaaneh Neruvvaifi

ހއ. އުތީމު ކައުންސިލުން އުތެމައަށް ފިޔަވަޅު އެޅުމަށް ގޮވާލައްވައިފިއެވެ.

މިއަދުގެ ވަޤުތެއްގައި އުތީމުގެ ކައުންސިލުން ނެރުއްވާފައިވާ ނޫސް ބަޔާނެއްގައި ވާ ގޮތުން އިސްލާމްދީނާއި ޢަދާވާތްތެރިވުމުގެ މައްޗަށް އިސްލާމްދީނާ ޢަދާވާތްތެރިވުމުގެ މައްޗަށް، އެމް.ޑީ.އޭއިން ނެރެފައިވާ ރިޕޯޓަށް، އުތެމަ އިން ތާއީދުކޮށް އެއް ދަޢުވާއެއް ކޮށްފައިވާތީ އެކަން ހަރުކަށި ޢިބާރާތުން ކުށްވެރި ކުރައްވާ ކަމަށެވެ.

އުތީމު ކައުންސިލުން ވިދާޅުވެފައިވާ ގޮތުގައި ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގަމުންދާ މޯލްޑިވްސް ޑިމޮކްރެސީ ނެޓްވާރކް އިން ޕްރެލިމިނަރީ އެސެސްމެންޓް އޮފް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް ގެ ނަމުގައި ނެރެފައިވާ ރިޕޯޓުގައި އިސްލާމްދީނަށް ފުރައްސާރަކޮށްފައިވާކަން، ރާއްޖޭގެ އެކިއެކި ޝައިޚުންގެ ބަސްފުޅުންނާއި، ފުލުހުންގެ ރިޕޯޓުންނާއި، އަދި އިސްލާމިކް މިނިސްޓްރީން ނެރުއްވާފައިވާ ބަޔާނުންވެސް ޘާބިތުވެއެވެ. އަދި މިކަމާއި ވިދިގެން މުޅި ރާއްޖޭގެ ރައްޔިތުންނާއި، ކައުންސިލްތަކާއި، ޖަމްޢިއްޔާތަކުން އިހްތިޖާޖު ކުރުމުން 19 ޑިސެމްބަރު 2019 ގައި މިޖަމްޢިއްޔާ އުވާލައިފައި ވުމާއި އެކުވެސް، އަދިވެސް އެރިޕޯޓު ލިޔުނު އެއްވެސް މީހަކަށް ފިޔަވަޅު ނޭޅި އޮއްވާ މިފެނިގެން ދިޔައީ އެޖަމްޢިއްޔާގެ ނަމުގައި ބަރާބަރަށް ޙަރަކާތްތައް ހިންގާ، އަދި އެފަދަ އެހެން ޖަމްޢިއްޔާތައްވެސް އުފައްދައިގެން ތަނެވެ.

މިބަޔާނުގައި އެބޭފުޅުން އިތުރަށް ވިދާޅުވެފައިވާ ގޮތުގައި ދިވެހިރާއްޖޭގައި ރަޖިސްޓްރީވެފައިވާ މަދަނީ ޖަމްޢިއްޔާއެއް ކަމަށްވާ އުތެމަ އިން ޖެނީވާގައި އޮންނަ ސީޑޯ ކޮމިޓީގެ 76 ވަނަ ބައްދަލުވުމަށް ހުށަހެޅި ރިޕޯޓުގައި އެމްޑީއެންގެ ރިޕޯޓު ބަލައިގަނެ އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ދީނީގޮތުން ހައްދުފަހަނަޅައިދިއުމުގެ ނުރައްކާތެރިކަމުގެ މައްޗަށް ޙަޤީޤަތާ ޚިލާފަށް އެކުލަވާލާފައިވާ ކަންކަން ބަލައިގަނެ، އެ ކަންކަމާ ދޭތެރޭގައި ފިޔަވަޅު އެޅުމަށް ގޮވާލާފައިވުމީ އަދި މާ ބިރުވެރި، އެހާމެ ނުރައްކާތެރި ކަންތައްތަކެވެ.

"އެހެންކަމުން އަޅުގަނޑުމެން ގޮވާލަނީ، އެމްޑީއެންގެ ރިޕޯޓު ތަޙުޤީޤުކުރި އުޞޫލުން އުތެމައިގެ ރިޕޯޓުވެސް ތަޙުޤީޤުކޮށް، މިކަމުގައި ޝާމިލްވާ އެންމެހާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އެޅުމަށެވެ. އަދި މިފަދަ ނަފްރަތްތެރި ޢަމަލުތައް ހިންގާ މަދަނީ ޖަމާޢަތްތަކާމެދު ޤާނޫނީގޮތުން އަޅަންޖެހޭ އެންމެ ހަރުކަށި ފިޔަވަޅު އެޅުމުގައި ފަސްނުޖެހުމަށް ދިވެހިރާއްޖޭގެ ވެރިންނާއި ކަމާބެހޭ އެންމެހާ މުއައްސަސާތަކަށް އަޅުގަނޑުމެން އިލްތިމާސްކުރަމެވެ." އުތީމު ކައުންސިލުން ނެރުއްވާފައިވާ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

މިބަޔާނުގައި އެބޭފުޅުންވަނީ ދިވެހިރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީ ތަކާ، ރަށްރަށުގެ ކައުންސިލްތަކާ، ޖަމްޢިއްޔާ ޖަމާޢަތްތަކާ، ސަރުކާރާއި އަމިއްލަ ފަރާތްތަކުގެ މުއައްސަސާތަކުންވެސް މިފަދަ ޖަރީމާތައް ކުށްވެރިކުރެއްވުމަށް ގޮވާލައްވާފައެވެ.

އުތީމު ކައުންސިލުން ވިދާޅުވެފައިވާ ގޮތުގައި އުތީމަކީ، ޕޯޗްގީޒުންގެ އަނިޔާވެރި ވަކިތަކުގެ ދަށުގައި ތާށިވެ ނުހަނު ބިރުވެރިކަމުގެ ތެރޭގައި 15 އަހަރަށްވުރެދިގު މުއްދަތެއްގައި އޮތްއޮތުން މުލުން ލުހެލައްވާ، މާތްވެގެންވާ، އިސްލާމްދީން ދިވެހީންނަށް އަލުން އަނބުރާ ހޯއްދަވާދެއްވި ބޮޑުތަކުރުފާނުގެ އުފަންރަށްކަމަށް ވީހިނދު އުތީމު ކައުންސިލުން މިބަޔާން މިނެރެނީ، މާތްވެގެންވާ އިސްލާމްދީނުގެ ޙައްޤުގައި އެތަކުރުފާނު އެކުރެއްވި މަތިވެރި މަސައްކަތްޕުޅުގެމަތީން ހަނދާން އާކުރާޙާލު ހާސްކަމާއި، ނުތަނަވަސް ކަމާއެކުގައެވެ.

އުތެމައާއި އެމްޑީއެން އާއި އިދިކޮޅަށް ރާއްޖޭގެ ރައްޔިތުންނާއި ދީނީ ޢިލްމުވެރިން އަޑު އުފުއްލަވަމުން ގެންދަވާއިރު، ތުލުސްދޫ ކައުންސިލުންނާއި، ޖަމްޢިއްޔާ ޖަމާޢަތްތަކުންވެސް ދަނީ މިޖަމްޢިއްޔާތަކަށް ފިޔަވަޅު އެޅުމަށް އެދި ބަޔާން ނެރުއްވަމުންނެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *