މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒްއިން ޢީދު ޚުޠުބާ ނެރުއްވައިފިއެވެ.
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ސައިޓުގައި ޢާންމު ކުރައްވާފައިވާ މިއަހަރުގެ ފިޠުރު ޢީދުގެ ޚުޠުބާގައި މައިގަނޑު ގޮތެއްގައި ބަލާލެވިފައިވަނީ ފިޠުރު ޢީދާއި، އެއްބައިވަންތަކަމާއި، ބައިވައިވުމާއި ދުރުހެލިވުމާއި، އެކަކު އަނެކަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މައްޗަށެވެ. އަދި ރަމަޟާން މަހުގެ ރޯދައިން ލިބޭ ތަރުބަވީ ފައިދާތަކާއި ރޯދަމަހަށްފަހު އިންސާނާގެ ޢަމަލުތައް ބެހެއްޓުން އެދެވިގެންވާ ގޮތަށްވެސް ބައްލަވާލައްވާފައިވެއެވެ.
ޢީދު ޚުޠުބާގައިވާ ގޮތުން ޢީދު ދުވަހަކީ ތަކްބީރުގެ ދުވަހެވެ. އަދި އެއީ ރޯދަވެރިންނަށް ދަރުމަ ދެއްވާ ދުވަހެވެ. މިހެންކަމުން ރޯދަ މަހުގެ ދުވަސްތައް ފުރިހަމަކުރެވުނީތީ މުސްލިމުން ﷲ އަށް ޙަމްދު ކޮށް ތަކުބީރު ކިޔުންވެއެވެ. މީގެ އިތުރުން އަޅުގަނޑުމެން ފާހަގަކުރާ ޢީދު ދުވަހުން ރަމްޒުކޮށްދެނީ މުސްލިމުންގެ އެއްބައިވަންތަކަންކަމާއި، މިދުވަހަކީ ޙަސަދަވެރިކަމާއި، ބައިބައިވުމާއި މިފަދަ ކަންކަމުން ދުރުހެލިވުމަށް ޢަޒުމް ކަނޑައަޅަންވީ ދުވަސްކަމުގައިވެސް ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން އިންސާނާ އުފައްދަވާފައިވަނީ ﷲ އަށް އަޅުކަންކުރުމަށާއި، އެއްމެ ފުރަތަމަ އަދާކުރަން ޖެހޭނީ ﷲ ތަޢާލާގެ ޙައްޤުކަމާއި، އަދި އެއަށްފަހު މައިންބަފައިންގެ ޙައްޤުކަމަށް ބަޔާންކުރައްވާފައިވެއެވެ. އަދި އެއަށްފަހު ރަޙިމުގެ ގުޅުން ދެމެހެއްޓުމަށް ނަޞޭޙަތްތެރިވެ، އަދި ޙަދީޘްގައިވާ ގޮތުން ރަޙިމުގެ ގުޅުން ދަމަހައްޓާމީހާއީ ދޭ އެއްޗަކަށް އެއްޗެއްދޭ މީހެއްނޫންކަމާއި، އެއީ އެމީހަކާއި ގުޅުން ކަނޑާލެވުމުންވެސް ގުޅުން ދަމަހައްޓާމީހާ ކަމަށް ފާހަގަކުރައްވާފައިވެއެވެ.
ޚުޠުބާގައި ފިޠުރު ޢީދު ދުވަސް ޞިފަކުރައްވާފައިވަނީ އެއީ ރަމަޟާން މަހު ރޯދަހިފި މީހުންނަށް ﷲ ދެއްވާ އިނާމެއްގެ ގޮތުގައެވެ. އަދި އެދުވަހުގެ އުފަލާއި އިޙްތިފާލުތަކުގައި އެއްމެން ޝާމިލުކުރަންޖެހޭ ކަމާއި ފިޠުރު ޒަކާތް އަދާ ކުރުމަށް ﷲ އަންގަވާފައިވަނީ މިހެންވެގެންކަމަށްވެސް ފާހަގަކުރައްވާފައިވެއެވެ. އަދި މިޢީދު ބޮޑު ޖަމާޢާތެއްގަި އަދާ ނުކުރެވުނު ކަމުގައިވިޔަސް ގާތްތިމާގެ މީހުންނާއި އަވައްޓެރިންނާއި ރަޙްމަތްތެރިންނަށް ޢިދު ސަލާމާއި ތަހުނިޔާ ފޮނުވުމަށް އެދިލައްވާފައިވެއެވެ.
ޢީދު ޚުޠުބާގައި ރަމަޟާން މަހުން ލިބޭ ތަރުބަވީ ފައިދާތަކަށް އަލިއަޅުއްވާލައްވަމުން ވިދާޅުވެފައިވާ ގޮތުގައި އިސްލާމްދީނަކީ ބަދަހި މުޖްތަމަޢެއް ބިނާ ކުރުމަށް ތަމްރީނުދޭ ދީނެކެވެ. އަދި އެ ތަމްރީނުގެ އަމާޒަކީ އެންމެހާ އަޚުން އުޚުއްވަތްތެރިކުރުމެވެ. މުސްލިމުން، އެހެނިހެން މުސްލިމުންގެ މުހުތާދު ފުއްދަދޭން ޖެހޭނެއެވެ. އަދި އޭނާގެ އަމިއްލަ ނަފްސަށް ލޯބިކުރާ ހުރިހާ ކަމެއް އޭނާގެ މުސްލިމް އަޚާއަށް ލޯބިކުރަން ޖެހޭނެއެވެ.
މިއަހަރު ލޮކްޑައުން ކުރެވިފައިވާ ރަށްރަށުގައި ޢީދު ނަމާދު ޖަމާޢަތުގައި ކުރުމަށް ހަމަޖެހިފައެއްނުވެއެވެ. އިސްލާމިކް މިނިސްޓްރީން ވިދާޅުވާ ގޮތުގައި މިހާރު ފެތުރިފައިވާ ޢާލަމީ ވަބާފަދަ ޖަމާޢާތުގައި ޢީދު ނަމާދު ނުކުރެވޭނެ ޢުޛުރެއް ކުރިމަތިވެއްޖެނަމަ، ޢީދު ނަމާދު ކުރުން ޝަރުޢުވެގެންވަނީ ގޭގައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...