1441 ވަނަ އަހަރު ޝައްވާލު މަހުގެ ހަނދު ސާބިތުކުރުން މާދަމާ ރޭ ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން (ޑީޖޭއީ) ނެރެފައިވާ ނޫސް ބަޔާނެއްގައި ވާގޮތުން ކުރިއަށް މިދާ 1441 ވަނަ އަހަރުގެ ޝައްވާލު މަހުގެ ހަނދު ސާބިތު ކުރުމަށްޓަކައި ހެކިބަސް ނެގުން މި ރަމަޟާން މަހުގެ 29 ވަނަ އަށް ވާ ހުކުރު ދުވަހު (22 މެއި 2020) ގައި އޮންނާނޭއެވެ. ހަނދު ސާބިތު ކުރުމުގެ ހެކިބަސް ނެގުން އޮންނާނީ އެދުވަހުގެ އިރުއޮއްސި 6:00 އިން ފެށިގެން 7:30 އާ ހަމައަށެވެ.
ޑީޖޭއީ އިން އިތުރަށް ވިދާޅުވާ ގޮތުގައި އެހެން އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުވެސް ހަނދު ސާބިތު ކުރުން އޮންނާނީ މާލޭގައި ނަމަ ޑިޕާޓްމަންޓު އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގައެވެ. އެެހެނަސް ކޯވިޑް 19 ގެ ސަބަބުން އޮފީސްތައް ބަނދުކުރެވިފައިވާތީ، ހަނދު ފެނިވަޑައިގެންފިނަމަ 7704777 މި ނަންބަރަށް ގުޅުއްވާ، މަޢުލޫމާތު ދެއްވުމަށްފަހު، ޑިޕާޓްމަންޓުން އަންގަވާ ގޮތެއްގެ މަތިން މާލޭގެ ކޯޓެއްގެ ޤާޟީއެއްގެ ކުރިފުޅުމަތީ ހެކިބަސް ދެއްވުމަށް ހަމަޖެހިފައިވާކަމަށް މިޑިޕާޓްމަންޓުން ވިދާޅުވެފައިވެއެވެ.
ރާއްޖެތެރޭގައި ނަމަ، ހަނދު ސާބިތު ކުރެއްވުމަށް ގުޅުއްވަން ޖެހޭނީ އެރަށެއްގެ މެޖިސްޓްރޭޓު ކޯޓަށެވެ. މިގޮތުން ހަނދު ފެނިވަޑައިގެން ހެކިބަސް ދެއްވަން ބޭނުންފުޅުވާ ފަރާތްތަކުން ރަށުގެ މެޖިސްޓްރޭޓުން ޢާއްމު ކުރައްވާފައިވާ ގޮތަށް ޢަމަލު ކުރައްވާ ހެކިބަސް ދެއްވުމަށް ޑީޖޭއީ އިން އަންގަވާފައިވެއެވެ.
ހަނދު ސާބިތު ކުރައްވާއިރު، ހަނދު ހުރި އުސްމިނާއި، މިސްރާބާއި، އަދި މިނޫންވެސް މުހިއްމު މަޢުލޫމާތުތަކާއި މެދު ސުވާލު ކުރެވޭނެ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވިދާޅުވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...