ކުއްލިޔަތިލް ދިރާސާތިލް އިސްލާމިއްޔާގެ ހާލަތު ދެން ރަނގަޅުކުރެވޭނީ ކުއްލިއްޔާގެ އަމީދު އަލްއުސްތާޛު އިބުރާހިމް ރަޝީދުމޫސާ އެކޮލެޖުން ވަކިކޮށްގެންކަމަށް، އެކޮލެޖުގެ ކުރީގެ އަމީދުގެ ނައިބު އަލްއުސްތާޛު އަބުދުލް މުޢީދު ޙަސަން ވިދާޅުވެއްޖެއެވެ.
ކުއްލިޔަތިލް ދިރާސާތިލް އިސްލާމިއްޔާގައި ކިޔަވަމުންދާ ދަރިވަރުންނަށް ކުއްލިޔާގެ މެނޭޖުމެންޓުން ދިމާވެފައިވާ މައްސަލަތަކާއިމެދު ކުއްލިއްޔާގެ ދަރިވަރުން މިއަދު ބޭއްވި ނޫސްކޮންފަރެންސެއްގައި ބައިވެރިވެ ވަޑައިގެން ވާހަކަ ދައްކަވަމުން ކުއްލިއްޔާގެ ކުރީގެ އަމީދުގެ ނައިބު އަލްއުސްތާޛު އަބުދުލް މުޢީދު ޙަސަން ވިދާޅުވީ އަމީދު އިބްރާހިމް ރަޝީދު މުސާ ކޮލެޖް ހިންގާ ގޮތުން ދަރިވަރުން އިސްލާމް ދީނާ މެދު ނަފްރަތު އުފެދިދާނެ ކަމުގެ ބިރު ހީވެފައިވާ ކަމަށެވެ.
މުޢީދު އިތުރަށް ވިދާޅުވީ ކުއްލިއްޔާގެ އަމީދު އިބްރާހިމް ރަޝީދު މޫސާ އަމަލް ކުރައްވާ ގޮތުން ބައެއް ދަރިވަރުންނަށް ނަފްސާނީ ގޮތުން އަސަރުކޮށްފައިވާ ކަމަށާއި އަދި މުދީރުގެ އަމަލްތަކާ މެދު ކަންބޮޑުވުން ފާޅުކުރާ ދަރިވަރުންނާ މެދު ފިޔަވަޅުއަޅައި ބައެއް އިމްތިހާންތަކުން އެ ދަރިވަރުން ފެއިލްކޮށްފައިވާ ކަމަށެވެ. އަދި ކުރީގެ މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަންގެ ދަށުގައި ކުއްލިޔަތިލް ދިރާސާތިލް އިސްލާމިއްޔާ ހިންގިއިރު މާއްދާތަކުން ކުރި ހޯދައިފައިވާ 40 ދަރިވަރަކަށް މަތި ތަޢުލީމު ފުރުޞަތު ދިނުމަށްޓަކައި މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަނުން ކުއްލިއްޔާއަށް މެމޯއެއް ފޮނުވިކަމަށާއި ނަމަވެސް ފުރުޞަތު ނުދިނުމަށްޓަކައި ކުރެވެން އޮތް ހުރިހާކަމެއް އިބުރާހިމް ރަޝީދު މޫސާ ކުރެއްވިކަމަށް މުޢީދު ވިދާޅުވިއެވެ. އަދި މިކަމާ އިންކާރުކުރެއްވުމުން ހުދު މުޢީދުއަށްވެސް، އިބުރާހިމް ރަޝީދު މޫސާ އިންޒާރު ދީ ލިޔުމެއް ފޮނުއްވިކަމަށެވެ.
މިބައްއްދަލުވުމުގައި ކުއްލިއްޔާގެ ދަރިވަރުންގެ ފަރާތުން ބައިވެރިވި، ޢަލީ ސަޢީދު ބުނީ ކުއްލިޔަތިލް ދިރާސާތިލް އިސްލާމިއްޔާގެ ދަރިވަރުންނަށް ދިމާވެފައިވާ ދަތިތަކުގެ ޝަކުވާ އެތައް ފަހަރެއްގެ މަތިން އެޑިއުކޭޝަން މިނިސްޓްރީ އަށާއި ރައީސް އޮފީހަށް ހުށަހަޅާފައިވާނެ ކަމަށާއި ނަމަވެސް އަލިމަގެއް ލިބިފައި ނުވާކަމަށެވެ.
މިނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ޢަލީ ސަޢިދު ބުނެފައިވަނީ މިބަދަލުތައް ގެނައުމުގައި، ކުއްލިއްޔާގެ އެއްވެސް ދަރިވަރަކު ފަސް ނުޖެހޭނެކަމަށާއި، އަލިމަގެއް ލިބެންދެން މަސައްކަތް ކުރާނެކަމަށެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...