ރާއްޖޭގެ ޚަބަރު ދެން ދުވަހަކުވެސް ލަވަނުކިޔާނެކަމަށް ތިން ލަވަކިއުންތެރިއަކު ބޮޑު އޯޑިއަންސެއް ކުރިމަތީގައި ރަސްމީކޮށް ޢިއުލާންކޮށްފި !

ދެން ދުވަހަކުވެސް ލަވަނުކިޔާނެކަމަށް ތިން ލަވަކިއުންތެރިއަކު ބޮޑު އޯޑިއަންސެއް ކުރިމަތީގައި ރަސްމީކޮށް ޢިއުލާންކޮށްފި !

ކިޔާލަން ހޭދަވާނީ 5 މިނިޓް

ފޮންޓް ސައިޒް

ކުރީގެ މަޝްހޫރު ތިން ލަވަކިއުންތެރިއަކު އެމީހުން ދެން ދުވަހަކުވެސް ލަވައާއި މިއުޒިކްގެ ދާއިރާގައި މަސައްކަތްނުކުރާނެ ކަމަށް ބޮޑު އޯޑިއަންސެއް ކުރިމަތީގައި އިޢުލާންކޮށްފިއެވެ. ޖަމްޢިއްޔަތުއްސަލަފާއި ސަން.އެފް.އެމް ގުޅިގެން ގެނެސްދޭ "ޢިލްމީ ޚަޒާނާ" ގެ 100 ވަނަ ޕްރޮގްރާމްގެ ޚާއްޞަ ވެރައިޓީ ޝޯގެ "މެހުމާނުން" ގެ ސެގްމަންޓްގައި ރޭ ދަރުބާރުގޭ ދޮށިމޭނާ މާލަމްގައި ވާހަކަދައްކަމުން މިކަން ހާމަކޮށްފައިވަނީ "ޓްރިއޯ" ބޭންޑްގެ ކުރީގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ މޫސާ ޝިފާޢު އާއި، ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޢަބްދުލް ބާރީ އާއި، ކުރީގެ މަޝްހޫރު "ފްރީޒް" ބޭންޑްގައި އުޅުނު އިބްރާހީމް ރަމީޒް (އިބޭ) އެވެ. ދިވެހިންގެ ވަރަށް ގިނަބަޔަކު ބޮޑު ތަރުޙީބެއްދޭ އަދި ފޫހިކަމެއްނެތި އަޑުއަހަމުންދާ "ޢިލްމީ ޚަޒާނާ" އަކީ ކޮންމެ ހޯމަ ދުވަހެއްގެ ރޭ 22:00 ން 23:00 އަށް ސަން.އެފް.އެމް އިން ފޮނުވާ ޢިލްމީ މުހިންމު ޕްރޮގްރާމެކެވެ.

ޖަލަށް ދާންޖެހުނަސް ދެން ލަވައެއް ނުކިޔާނަން : މޫސާ ޝިފާޢު

"ޢިލްމީ ޚަޒާނާ" ޝޯގައި ވާހަކަ ދައްކަމުން މޫސާ ޝިފާޢު ހާމަކުރިގޮތުގައި މިއުޒިކަކީ ފުރާނައިގެ ކާނާ ކަމަށް ކުރިން އޭނައަށް ވިސްނުނު ކަމަށްވިޔަސް، މިހާރު އެކަން ޤަބޫލު ނުކުރެވޭ ކަމަށެވެ. އަދި މިއުޒިކްގެ ދާއިރާއާއި ވަކިވީ އިސްލާމް ދީނުގައި މިއުޒިކަކީ ޙަރާމް ކަމެއްކަން އެނގުމުން ކަމަށާއި، ލަވަކިޔުން ހުއްޓާލި ދުވަހުވެސް "ޓްރިއޯ" ބޭންޑްގެ ބޮޑު ޝޯއެއްގައި އޭނާ ތަމްސީލްކުރަން ހަމަޖެހިފައި އޮތްކަމަށާއި، ނަމަވެސް ﷲ ގެ ރަޙްމަތްފުޅުން އޭނާ އެކަމުން ސަލާމަތްވެފައިވާ ކަމަށް ޝިފާޢު ބަޔާން ކުރިއެވެ. އިތުރަށް ޝިފާޢު ހާމަކުރިގޮތުގައި އޭނަ އަށް ހިދާޔަތު ލިބުމުގެ އަސްލަކީ ކީރިތި ޤުރުއާނެވެ. އަދި މިއުޒިކުން ފުރަތަމަ ކޮޅު ވަގުތީ ހިތްހަމަޖެހުން ލިބުނުކަމަށާއި، އެހެނަސް ފަހުން އެކަންވީ ބޮލުރިހުމަކަށް ކަމުގައި ޝިފާޢު ކިޔައިދިނެވެ. މިއުޒިކްގެ ދާއިރާގެ ތެރޭގައި ހަތް އަހަރު ވޭތުކޮށްފައި އެދާއިރާ އާއި ދުރަށް ދިޔަ ޝިފާޢު ހާމަކުރިގޮތުގައި އޭނަގެ އަޒުމަކީ ޖަލަށް ދާންޖެހުނަސް، ދެން ދުވަހަކުވެސް ލަވައާއި މިއުޒިކްގެ ދާއިރާގައި މަސައްކަތްނުކުރުމެވެ.

ލަވަކިއުން ހުއްޓާލުމުން މިހާރު ކުރިއަށްވުރެ ހިތްހަމަޖެހުން ލިބި އޭގެ ފޮނިކަން ލިބެމުންދޭ : ޢަބްދުލް ބާރީ

މިޝޯގައި ވާހަކަ ދައްކަމުން ޢަބްދު ބާރީ ހާމަކުރިގޮތުގައި އޭނައާއެކު ކުރިން ލަވަކިޔަމުން ދިޔަ ޢަލީ ރަމީޒް ލަވަކިއުން ހުއްޓާލި ފަހުން ބާރީ ގާތުގައި ލަވަކިއުމަކީ ރަނގަޅު ކަމެއް ނޫންކަމަށް ބުނެ އެކަން ހުއްޓާލުމަށް އެދުނު ކަމަށާއި، ނަމަވެސް އޭރު އެކަން ބޮލަށް ނުވަންނަ ކަމަށާއި، އެހެން ރައްޓެހިންވެސް އޭނަ ގާތުގައި އެއީ ރަނަގަޅު ކަމެއް ނޫންކަމުގައި ބުނަމުން ދިޔަ ކަމަށެވެ. އޭގެ ފަހުން އެއްދުވަހަކު ރައްޓެއްސަކު ދިން "މަރު" ސީ.ޑީ ބަލާފައި ވަރަށް ބޮޑު އަސަރެއް އޭނަ އަށް ކުރި ކަމަށް ބާރީ ކިޔައިދިނެވެ. ( "މަރު" ސީޑީއަކީ ޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް ދެއްވާފައިވާ ދަރުސްއެކެވެ. ) ބާރީ ބުނި ގޮތުގައި އޭގެ ފަހުން އޭނާ މިއުޒިކާއި ބެހޭ ދަރުސް ސީޑީއެއްވެސް ހޯދައިގެން ބެލިކަމަށާއި، 17 އަހަރަށްފަހު ލަވަކިއުން ހުއްޓާލީ ހިތަށް ބިރުވެރިކަން ވަދެގެން ކަމަށާއި، ﷲ އާއި ވަކީލުކޮށް ލަވަކިޔުން ހުއްޓާލުމުން ކުރިއަށްވުރެ ހިތްހަމަޖެހުން ލިބި އޭގެ ފޮނިކަން ލިބެމުންދާ ކަމަށެވެ. ދެން ދުވަހަކުވެސް ލަވައެއް ނުކިޔާނެ ކަމަށް ބާރީ ހާމަކުރިއެވެ.


ލަވަ އާއި މިއުޒިކް ކުޅުމަކީ ޙަރާމް ކަމެއް ކަމަށް ކީރިތި ޤުރުއާނުގައިވާ ދަލީލުގެ މައްޗަށް އެކަން ކުރެވޭނަކަމަށް ޞައްޙަ އެހެން ދަލީލެއް ގެނެސްދީފިނަމަ ލަވަ ކިޔަން މިހާރުވެސް ތައްޔާރު : އިބްރާހީމް ރަމީޒް (އިބޭ)

ކުރީގެ ފްރީޒް ބޭންޑްގައި ބޭބެ ޢަލީ ރަމީޒާއި އެކު މިއުޒިކާއި ލަވައިގެ ދާއިރާގައި އުޅެފައިވާ އިބްރާހިމް ރަމީޒް ހާމަކުރިގޮތުގައި އޭނާ ލަވަކިއުން ހުއްޓާލުމަށް މެދުވެރިވި އެއްސަބަބަކީ ރައްޓެއްސަކު ދިން "އިސްލާމް ދީނުގެ ނަޒަރުގައި މިއުޒިކް" ކިޔާ ކުޑަ ފޮތެއް ކަމަށެވެ. މިފޮތް ކިއުމުގެ ސަބަބުން މަޢުލޫމާތުތަކެއް ލިބުނު ކަމަށާއި، އަދި މިއީ ޞައްޙަ ފޮތެއްތޯ ބެލުމަށް ވަރަށް މަސައްކަތްކުރިކަމަށް އިބޭ ކިޔައި ދިނެވެ. އަދި ވަރަށް ގިނަ ޝައިޚުންނާއި މިކަމާއި ގުޅޭ ގޮތުން ސުވާލުކުރިކަމަށާއި އެގޮތުން އޭރުގެ "ސަރުކާރު ޝައިޚުން" ނާއިވެސް ސުވާލުކުރި ކަމަށާއި އެހުރިހާ ޝައިޚުންވެސް މިއުޒިކް ޝޯދިނުމަކީ ރަނަގޅު ކަމެއް ނޫން ކަމަށް އެއްބަސްވެފައިވާ ކަމަށް އިބޭ ބުންޏެވެ. އިތުރަށް އިބޭ ބުނީ މިއުޒިކްގެ ދާއިރާ އާއި ދުރަށް ދިޔަ ފަހުންވެސް ވަރަށް އަގުބޮޑު "އޮފަރ" ތައް ލިބުނު ކަމަށާއި ނަމަވެސް ޤުރުއާނުން މިއުޒިކް ޙަރާމްކުރާ ދަލީލަށް ވިސްނާފައި އެ "އޮފަރ" ތައް ޤަބޫލުނުކުރާ ކަމަށެވެ. މީގެ އިތުރުން، އިބޭ ވަނީ އޭނަގެ ޢާއިލާގެ ތެރޭގައި މިއުޒިކާއި ލަވައިގެ ދާއިރާގައި މިހާރު މަސައްކަތްކުރަމުންދާ މީހުންނަށް އެދާއިރާ އާއި ދުރަށް ދިއުމަށް އިލްތިމާސްކޮށްފައެވެ. ކޮންމެ މީހަކުވެސް މަރާއިމެދު ވިސްނާލުމަށް އިބޭ އެދުނެވެ. އަދި އިބޭ ބުނިގޮތުގައި ކުޑަކޮށް ވިސްނާ ފިކުރުކޮށްލިޔަސް މިއުޒިކާއި ލަވައަކީ ކޮންކަހަލަ އެއްޗެއްކަން އެނގިގެންދާނެ ކަމަށެވެ. އިތުރަށް އިބޭ އޯޑިއަންސް ކުރިމަތީގައި ބުނީ ލަވަ އާއި މިއުޒިކް ކުޅުމަކީ ޙަރާމް ކަމެއް ކަމަށް ކީރިތި ޤުރުއާނުގައިވާ ދަލީލުގެ މައްޗަށް އެކަން ކުރެވޭނަކަމަށް ޞައްޙަ އެހެން ދަލީލެއް ގެނެސްދީފިނަމަ ލަވަ ކިޔަން މިހާރުވެސް ތައްޔާރު ކަމަށެވެ. ( މިއުޒިކާއި ލަވައަކީ ހުއްދަ އެއްޗެއް ކަމުގެ ޞައްޙަ ދަލީލެއް އެއްވެސް މީހަކަށް ނުގެނެވޭނެކަން ކަށަވަރެވެ. )

ލަވައާއި މިއުޒިކްގެ ދާއިރާ ދޫކުރުމަށްފަހު އިބޭ މިހާރު މަސައްކަތްކުރަމުން ދަނީ ގިނަ ބައެއްގެ މަޤްބޫލްކަން ހޯދާފައިވާ، ދީނީ މިންގަޑުތަކުގައި ހިފަހައްޓައިގެން ކުރިއަށްދާ ނަމޫނާ ރޭޑިއޯ ޗެނަލެއް ކަމުގައިވާ "ރޭޑިއޯ އެޓޯލް 96 އެފް.އެމް" ގެ ޕްރޮގްރާމްތައް އުފެއްދުމާއި ހުށަހެޅުން ފަދަ ކަންކަމުގައެވެ.

"ޢިލްމީ ޚަޒާނާ" ގެ މިޚާއްޞަ ޝޯ ބެލުމަށްޓަކައި މިހާރު ލަވައާއި މިއުޒިކްގެ ދާއިރާގައި އުޅެމުންދާ މަޝްހޫރު ލަވަކިއުންތެރިޔާ މުޙައްމަދު ޢަބްދުލް ޣަނީ (ތޭރަވާ) އާއި، ލަވައާއި މިއުޒިކްގެ ވިޔަފާރިވެރިއެއް ކަމުގައިވާ ސްޓެޕިން ޢަލީ ރަޝީދު އާއި، ސަން.އެފް.އެމް ގެ ސީ.އީ.އޯ ސިނާން ޢަލީ ޙާޟިރުވެފައިވާކަން ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން މިޝޯއަށް ޢާއްމުންގެ ވަރަށް ގިނަ ބަޔަކު ވަނީ ޙާޟިރުވެފައެވެ.

މިޝޯ ހުށަހަޅައިދިން ކުރީގެ މަޝްހޫރު ލަވަކިއުންތެރިޔާ ޢަލީ ރަމީޒް ވެސް ވަނީ އޭނާ ލަވަކިއުމުގެ ދާއިރާ އަށް އެނބުރި ނާންނާނެ ކަމުގެ ޔަޤީންކަން ދީފައެވެ.

މާތް ﷲ އަށްޓަކައި ކަމެއްކުރުން ދޫކޮށްލި މީހަކަށް އެކަލާނގެ އެއަށްވުރެ ތަނަވަސް މަގެއް ދެއްވާނެ ކަން ކީރިތި ޤުރުއާނުގައި ވަނީ ބަޔާންވެފައެވެ.

" އަދި ﷲ އަށް ތަޤްވާވެރިވާ މީހާ (ދަންނާށެވެ!) އެކަލާނގެ އޭނާއަށް ނުކުންނާނެ މަގެއް ދައްކަވާނެތެވެ. "

" އަދި ހީވެސްނުކުރާފަދަ ގޮތްގޮތުން އެކަލާނގެ އޭނާއަށް ރިޒުޤް ދެއްވާނެތެވެ. އަދި ﷲ އަށް ވަކީލް ކުރާމީހާ (ދަންނާށެވެ!) ފަހެ، އޭނާއަށް އެކަލާނގެ ފުދެއެވެ. ހަމަކަށަވަރުން، ﷲ އީ، އެކަލާނގެ އަމުރުފުޅު ހިންގަވައި، ފުރިހަމަކުރައްވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، ﷲ ކޮންމެ އެއްޗަކަށް މިންވަރެއް ކަނޑައަޅުއްވާފައިވެއެވެ. "

(އައްޠަލާޤް ސޫރަތުގެ 2 އަދި 3 ބައްލަވާ) 65:2,3

ޔާ ﷲ ! އަޅުގަނޑުމެންގެ މުޖުތަމަޢުގެ އެންމެހާ މީސްތަކުން މިއުޒިކާއި ފިލްމު ކުޅުމާއި މިފަދަ ފާޙިޝް، ނުބައި އެންމެހާ ޢަމަލުތަކުން ސަލާމަތްކުރައްވާށި! އަޅުގަނޑުމެންނަކީ ﷲ ޙަރާމްކުރައްވާފައިވާ ކަންތައްތައް ޙަރާމްކަމުގައި ބަލައިގަނެ އަދި ޙަލާލުކުރައްވާފައިވާ ކަންތައްތައް ޙަލާލުކަމުގައި ބަލައިގަނެ، ﷲ ގެ އަމުރުފުޅުތަކަށް ފުރިހަމަ އަށް ބޯލަނބާ ބައެއްކަމުގައި ލައްވާށި! އަޅުގަނޑުމެން އެންމެން އިސްލާމްދީނުގެ މަތީގައި ޘާބިތުކުރައްވާށި! އާމީން.

ޓެގް

މިއުޒިކާއި ލަވަ، ލވަކިއުންތެރިން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.