ﷲ ގެ ދީނަށް ދަޢުވަތު ފޯރުކޮށްދިނުމުގައި މަރު ދުވަހާއި ޖެހެންދެންވެސް ދެމިހުންނާނެކަމަށް އައްޝައިޚް އިބުރާހިމް ފަރީދު އަޙްމަދު ވިދާޅުވެއެޖެއެވެ.
ޝައިޚް ފަރީދު މިހެންވިދާޅުވީ އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވުސްއިން އިންތިޒާމުކޮށްގެން "ވަދާޢީ ދަރުސް" މިމަޢުލުޢަށް މިރޭ އަރޓިފިޝަލް ބީޗް ސަރަހައްދުގައި ބޭއްވި ޝައިޚް ފަރީދުގެ ދަރުސްގައެވެ.
ކީރިތި ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމަގެ ޙައްޖަތުލް ވަދާޢާއި ބެހޭގޮތުން ވާހަކަ ދެއްކެވި މިދަރުސްގައި ޝައިޚް ފަރީދު ވިދާޅުވީ މިމައްސައްކަތަކީ (ދީނީ ދަޢުވަތު ފޯރު ކޮށް ދިނުމަކީ) ނަބީބޭކަލުންގެ މަސައްކަތްޕުޅު ކަމަށާއި ހަށިގަނޑުގައި ފުރާނަ ހުރިހާ ހިނދަކު، އަޅުގަނޑުގެ ނާރުތަކުގައި ލޭ ދައުރުކުރާހާ ހިނދަކު، އިންޝާﷲ، ﷲގެ ދީނަށް ދައުވަތު ފޯރުކޮށްދިނުން ހުއްޓައެއް ނުލާނެކަމަށެވެ.
ޝައިޚް ފަރީދު މިހެން ހާމަކުރެއްވީ ކުރީގެ އިސްލާމީ ކަންތައްތަކާ ބެހޭ މަތީ މަޖިލީހުން ޝެއިޚަށް ދެއްވާފައިވާ ދީނީ ނަޞޭޙަތް ދިނުމާއި ވައުޘު ބުނުމުގެ ހުއްދަ 25 މާޗް 2003 ގައި ބާތިލްކޮށްފައި ވަނިކޮށް، 2007 ވަނައަހަރު ސެޕްޓެމްބަރު 19 އިން 30 ހއ އަދި ހދ އަތޮޅުގެ ބައެއް ރަށްރަށުގައި ފަރީދު ދީނީ ނަސޭހަތް ދެއްވާފައިވާތީ އެދަޢުވާ ދޮޅު އަހަރަށްފަހު ޖެނުއަރީ 30 ގައި ކުރިމިނަލް ކޯޓުގައި އެމައްސަލައިގެ ޝަރީޢަތް ހިނގަމުން ދާ ދުވަސް ވަރެއްގައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...