الحمد لله والصلاة والسلام على رسول الله وعلى آله وصحبه، أما بعـد
މިމައްސަލައަކީ ދެކޮޅަށްވެސް ވާހަކަދެއްކުމުގެ ފުރުޞަތު އޮތް އިޖުތިހާދީ މައްސަލައެކެވެ. އެހެން ކަމުން ޢިލްމުވެރިން އެކަމާއިމެދު ބަހުޘް ކުރައްވާ އެބޭކަލުންގެ މެދުގައި މިމައްސަލައާއިމެދު ޚިޔާލު ތަފާތުވުންތަކެއް އުފެދިފައިވެއެވެ. އެހެންކަމުން ވަކި ރައުޔެއްގައި ހިފައި ބަޔަކު ގޯސްކޮށް އެމީހުންނާއިމެދު ނުރަނގަޅު ބައެއް ގޮތުގައި ސިފަވާ ގޮތަށް ވާހަކަދައްކާ ހެދުމަކީ ރަނގަޅު ކަމެއް ނޫނެވެ.
ފައިސާއިން ފިޠުރު ޒަކާތް ދެއްކުމާމެދު ޢިލްމުވެރިންގެ ރައުޔުތައް:
- ފުރަތަމަ ރައުޔު: އިމާމް އަބޫ ހަނީފާއާއި އެކަލޭގެފާނުގެ އަޞްހާބުން ކަމުގައިވާ އިމާމް ހަޞަނުލް ބަޞަރީއާއި ސުފިޔާނުއްސައުރީ رحمهم الله އަދި މުސްލިމުންގެ ފަސްވަނަ ޚަލީފާ ކަމުގައިވާ ޢުމަރު ބިން އަބްދުލްއަޒީޒް رضي الله عنه ފައިސާއިން މުދަލު ޒަކާތާއި ފިޠުރު ޒަކާތް ނެރުން ހުއްދަވެގެންވެއެވެ. މިއީ މާލިކީ މަޛުހަބުގެ އަލްއަޝްހަބް އާއި އިބްން ޤާސިމް رحمهم الله ގެވެސް ރައުޔެވެ.
އިމާމް ނަވަވީ رحمه الله ވިދާޅުވިއެވެ. މިގޮތަކީ (ފައިސާއިން ޒަކާތް ނެރުމަކީ) ހުއްދަ ކަމެއްގެ ގޮތުގައި އިމާމް ބުޚާރީ رحمه الله ދެކިލައްވައެވެ.
އިބްން ރުޝްދު رحمه الله ވިދާޅުވިއެވެ. އަބޫހަނީފާ رحمه الله އާއި ގިނަ މައްސަލަތަކެއްގައި އިމާމް ބުޚާރީ رحمه الله ޚިޔާލު ތަފާތުވެވަޑައިގެންފައިވީ ނަމަވެސް ފައިސާއިން ޒަކާތް ނެރުމުގެ މައްސަލައިގައި އިމާމް އަބޫ ހަނީފާ رحمه الله އާއި އެއްބަސްވެ ވަޑައިގަންނަވައެވެ. އެހެން ދިމާވީ ދަލީލުތައް އެކަމަށް ލެނބެން ހުރުމުންނެވެ.
- ދެވަނަ ރައުޔު: އިމާމް ޝަފިއީ އަދި ދާއޫދު ޟާހިރީ رحمهم الله ދެކެލައްވާ ގޮތުގައި ފައިސާއިން ޒަކާތް ނެރުން ހުއްދަވެގެން ނުވެއެވެ.
- ތިންވަނަ ރައުޔު: މާލިކީ މަޛުހަބުގެ ބައެއް ޢިލްމުވެރިން ދެކެލައްވާ ގޮތުގައި ފައިސާއިން ޒަކާތް ނެރުމަކީ މަކްރޫހަ ކަމެކެވެ. ނަމަވެސް އެގޮތަށް ނެރެފިކަމުގައިވީ ނަމަވެސް ޞައްހަވާނެއެވެ.
މައްސަލައިގައި ޚިލާފު އުފެދެންދިމާވި ސަބަބު:
މިމައްސަލައިގައި ޚިލާފު އުފެދެންދިމާވި އެއް މައްސަލައަކީ ޒަކާތުގެ ހަޤީގަތަކީ ކޮބައިކަމާމެދު ދެކޭގޮތް ތަފާތު ވުމެވެ. ޒަކާތަކީ ﷲ އަށް ކުއްތަންވުމުގެ ގޮތުން ކުރެވޭ އަޅުކަމެއްތޯ ނުވަތަ ފަގީރުންގެ ހައްޤުގައި ތަނަވަސްކަމުގެ އަހުލުވެރިން އަދާކުރަންޖެހޭ ހައްޤެއްތޯއާއިމެދު ޚިޔާލު ތަފާތުވުމެވެ.
މީގެ އެންމެ ރަނގަޅު ގޮތަކީ ޒަކާތަކީ މިދެކަންތައްވެސް އެކުލެވިފައިވާ އެއްޗެއް ކަމުގައި ބުނުމެވެ. އެހެން ނަމަވެސް އިމާމް ޝާފިއީ ދާއޫދު ޟާހިރީ އަދި މާލިކީ މަޛުހަބުގެ ބައެއް ޢިލްމުވެރިން ދެކިލައްވާ ގޮތުގައި ޒަކާތަކީ ﷲ އަށް ކުއްތަންވުމުގެ ގޮތުން ކުރެވޭ އަޅުކަމެކެވެ. އެހެންކަމުން ނައްޞުގައި އައިސްފައިވާ ގޮތަށް ތަކެތިން ޒަކާތް ނެރެންޖެހޭނެކަމަށް އެބޭކަލުން ދެކިލައްވައެވެ. އަދި ފައިސާއިން ޒަކާތްނެރުން ހުއްދަނުވާނެ ކަމުގައި އެބޭކަލުން ވިދަޅުވެއެވެ.
ފައިސާއިން ޒަކާތް ނެރުން ހުއްދަކަމުގައި ވިދާޅުވާ ޢިލްމުވެރިން ދެކިލައްވާ ގޮތުގައި ޒަކަތުގެ ހަޤީގަތަކީ ފަޤީރުންގެ ހާޖަތްތައް ފުއްދައިދިނުމެވެ. އެހެންކަމުން ފައިސާއިން ޒަކާތް ނެރުމުން ފަޤިރުންގެ ހާޖަތްތައް ފުދޭކަމުގައިވާނަމަ އެގޮތަށް އެކަންކުރުން ހުއްދަވެގެންވެއެވެ.
ފައިސާއިން ޒަކާތްނެރުން ހުއްދަނުވާނެ ކަމަށް ވިދާޅުވާ ޢިލްމުވެރިންގެ ބައެއް ދަލީލުތައް:
ފުރަތަމަ ދަލީލު:
ޝާފިއީ މަޛުހަބުގެ ޢިލްމުވެރިއެއް ކަމުގައިވާ އިމާމް ހަރަމައިނި އަލް ޖުވައިނީ رحمه الله ވިދާޅުވިއެވެ. އަހަރުމެންގެ އެންމެ ވަރުގަދަ އެއް ދަލީލަކީ: ޒަކާތަކީ ﷲ އަށް ކުއްތަންވުމުގެ ގޮތުން އަދާކުރެވޭ އަޅުކަމެކެވެ. އެގޮތުން ކުރެވޭ ކޮންމެ އަޅުކަމެއް ކުރަންވާނީ ﷲ އެންގެވި ގޮތަށެވެ. އިންސާނަކު އޭނާގެ ވަކީލުގެ ގާތުގައި ބާޒާރަށްގޮސް ހެދުމެއް ގަނެގެން އަންނާށޭ ބުނުމުން އޭގެ ބޭނުމަކީ ވިޔަފާރިކަން އޭނާގެ ވަކީލަށް އެނގިގެން، ހެދުމެއް ގަތުމުގެ ބަދަލުގައި އެއަށްވުރެ ވިޔަފާރީގައި ފައިދާ ބޮޑު އެއްޗެއް ގަނެގެން ގެނައުމުން މުވައްކިލް އެމީހާގެ އަމުރަށް ނުކިޔަމަންތެރިވެވުނީއެވެ. އޭނާއަށް އެތައް ގޮތަކުން ފައިދާ ބޮޑު އެއްޗެއް ގެނައިކަމުގައިވީ ނަމަވެސް މެއެވެ. އެހެންކަމުން ﷲ ގެ ޢަމުރުފުޅުތަކަށް ކިޔަމަންތެރިކަން އަދާކުރުންމާ އައުލާކަން ބޮޑުވެގެންވެއެވެ. ކިޔަމަންތެރިކަން އަދާކުރުމުގެ ގޮތުންނޭބުނެ، ސަޖިދާގައި ނިތްކުރިއާއި ނޭފަތް ޖެއްސުމުގެ ބަދަލުގައި ކޮލާއި ދަތްދޮޅި ޖެއްސުމުން ނަމާދު ޞައްހައެއް ނުވެއެވެ. ސަބަބަކީ ނައްޞާއި އިދިކޮޅުވީމައެވެ. އަދި އަޅުކަމުގެ މާނައިން ބޭރުވެވުނީމައެވެ. ހަމަ އެފަދައިން ބަކައްޓެއް ނުވަތަ ޖަމަލެއްގެ ޒަކާތުގެ ގޮތުގައި އޭގެ އަގު ނެރުމަކުން ޞައްޙައެއް ނުވާނެއެވެ. ނައްޞާއި އިދިކޮޅުވީމައެވެ. އަދި އަޅުކަމުގެ މާނައާވެސް ތަފާތު ވެވުނީތީއެވެ. ޒަކާތަކީ ނަމާދުގެ އުޚްތެވެ. ނަމާދުގައި އަމިއްލަ ގޮތެއް ހެދުމުން ޞައްޙަނުވާ ފަދައިން ޒަކާތުގައިވެސް އަމިއްލަ ގޮތް ހެދުމުން ޞައްޙައެއް ނުވާނެއެވެ. (އަލް މަޖްމޫއު ލިއް ނަވަވީ 43/5)
ޒަކާތް ނެރުމަށް ﷲ ސުބްހާނަހޫ ވަތަޢާލާ ކުރައްވާފައިވާ ޢަމުރުފުޅުވަނީ މުޖުމަލް ކޮށްނެވެ. ﷲ ވަޙިކުރައްވާފަވެއެވެ.
وآتوا الزَّكَاةَ (ތިޔަބައިމީހުން ޒަކާތް ދޭހުށި ކަމެވެ.).
މިކަމުގެ ތަފްޞީލް އުއްމަތަށް ބަޔާންކޮށްދެއްވީ ސުންނަތުގައެވެ. ރަސޫލާ صل الله عليه وسلم ޙަދީޘް ކުރައްވާފަވެއެވެ.
في كل أربعين شاة شاة (ކޮންމެ ސާޅީސް ބަކަރިއަކަށް ބަކަރިއެކެވެ.)
في كل خمسة من الإبل شاة (ކޮންމެ ފަސް ޖަމަލަކަށް ބަކަރިއެކެވެ.)
އެހެންކަމުން "ތިޔަބައިމީހުން ކޮންމެ ސާޅީސް ބަކަރިއަކަށް ބަކައްޓެއް ޒަކާތުގެ ގޮތުގައި ނެރޭށެވެ. އަދި ކޮންމެ ފަސް ޖަމަލަކަށް ބަކައްޓެއް ޒަކާތުގެ ގޮތުގައި ނެރޭށެވެ" މިފަދައިން ވަޙީ ކުރެއްވިފަދައެވެ. އެހެންކަމުން ޒަކާތަކީ ފަޤީރުންގެ ހައްޤަކަށް ވެއްޖެއެވެ. އެކަމުގެ އިއްލަތަކީ ނުވަތަ ފަޤީރުންގެ ހައްޤަކަށް ޒަކާތްވީ ކީއްވެތޯ ބަލާ ހޯދުމަކީ އަޅުގަނޑުމެން ކުރަންޖެހޭ ކަމެއް ނޫނެވެ.
ދެވަނަ ދަލީލު:
ޒަކާތް ވާޖިބު ކުރައްވާފައިވަނީ ފަޤީރުންގެ ހާޖަތްތައް ފުއްދަވައި ދެއްވުމަށްޓަކައެވެ. އެއީ ﷲ ދެއްވި މުދަލުގެ ނިޢުމަތަށް ޝުކުރުވެރިވުމުގެ ގޮތުންނެވެ. ހާޖަތްތައް ތަފާތުވެގެންނެވެ. އެހެންކަމުން ވާޖިބު ކަންތައްވެސް ތަފާތުވެގެންވެއެވެ. ފަޤީރުންގެ ހާޖަތްތައް ފުއްދައިދީ އެމީހުންގެ ހިތާމަތަކުގައި ބައިވެރިވަނީ އެމީހަކަށް ދެއްވި ނިޢުމަތަކާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ. (އަލްމުޤްނީ 66/3)
ފައިސާއިން ޒަކާތްނެރުން ހުއްދަވާނެ ކަމަށް ވިދާޅުވާ ޢިލްމުވެރިންގެ ބައެއް ދަލީލުތައް:
ތައުބާ ސޫރަތުގެ 103 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފަވެއެވެ.
خُذ مِن أَموٰلِهِم صَدَقَةً
"އޭގެ ސަބަބުން ކަލޭގެފާނު އެއުރެން طاهر ކުރައްވާނޭ، އަދި އެއުރެންނަށް ހެޔޮކަން އިތުރުކޮށްދެއްވާނޭ صدقات އެއް އެއުރެންގެ މުދަލުން ކަލޭގެފާނު ނަންގަވާށެވެ."
މިއިން ދޭހަވަނީ صدقات ގެ ގޮތުގައި މުދާ ނެގޭކަމެވެ. ފައިސާއަކީވެސް މުދަލުގެ ތެރޭގައި ހިމެނޭ އެއްޗެކެވެ. އެހެންކަމުން ފައިސާއިން ޒަކާތްދެއްކި ކަމުގައިވީނަމަވެސް ފުދޭނެއެވެ.
- أن النبي -صلى الله عليه وسلم- قال: "أغنوهم - يعني المساكين - في هذا اليوم
މާނަ: ރަސޫލާ صل الله عليه وسلم ޙަދީޘްކުރެއްވިއެވެ. މިއަދުގައި މިސްކީނުންގެ ހާޖަތްތައް ފުއްދައިދޭށެވެ.
މިސްކީނުންގެ ޙާޖަތްތައް ކާބޯތަކެތިން ފުއްދައިދެވޭ ފަދައިން ފައިސާއިންވެސް ފުއްދައިދެވެއެވެ. ބައެއް ފަހަރު ފައިސާ މާބޮޑަށް ރަނގަޅުވެސްމެއެވެ. ސަބަބަކީ މިސްކީނުމީހާގެ އަތުގައި ކާބޯތަކެތި ގިނަވެގެންގޮސް ބައެއްފަހަރު ވިއްކަންވެސް ޖެހިދާނެއެވެ. ފައިސާއިން ދީފިނަމަ އޭނާ ބޭނުން ޚަރަދެއް އެއިން ކުރެވޭނެއެވެ. ކާބޯތަކެތި ނުވަތަ ހެދުން ނުވަތަ އެނޫންވެސް އޭނާއަށް ބޭނުންވާ ތަކެތި ގަނެވިދާނެއެވެ.
ރަސޫލާ ގެ ޒަމާނުގައި ކާބޯތަކެތިން ޒަކާތްނެރުމަށް އަމުރުކުރައްވާފައިވަނީ އެޒަމާނުގެ ހާލަތައް ބައްލަވާފައެވެ. އެޒަމާނުގައި ފައިސާގެ ގޮތުގައި ބޭނުންކުރާ ރަނާއި ރިހި ހޯދުމަކީ އެހާ ފަސޭހަ ކަމެއް ނޫނެވެ. ގިނަ ފަހަރަށް މީސްތަކުންގެ އަތުގައި އެތަކެތިނުވެސް ހުރެއެވެ. އަދި މިސްކީނުންނާއި ފަޤީރުން ބޮޑަށް ބޭނުންޖެހިފައިވަނީވެސް ބަނޑުފުރާނަ މުއްތިކުރާނެ ކާބޯތަކެއްޗަށެވެ. އެހެންނަމަވެސް މިޒަމާނުގައި ކާބޯތަކެތިން ޒަކާތްނެރުމަށްވުރެ ދެފަރާތަށްވެސް (ޒަކާތްނެރޭ ފަރާތާއި ލިބިގަންނަ ފަރާތް) ފައިދާ ބޮޑީ ފައިސާއިން ނެރުމެވެ. އެހެންކަމުން ފައިސާއިން ޒަކާތް ނެރުމަކީ ހުއްދަކަމެކެވެ.
ބަޤަރާ ސޫރަތުގައި 185 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފަވެއެވެ.
يُرِيدُ اللَّـهُ بِكُمُ الْيُسْرَ وَلَا يُرِيدُ بِكُمُ
މާނަ: ﷲ ތިޔަބައިމީހުންނަށް ލުއިފަސޭހަ ގޮތް އިރާދަކުރައްވަތެވެ. އަދި ދަތި އުނދަގޫ ގޮތް ތިޔަބައިމީހުންނަކަށް އިރާދައެއް ނުކުރައްވަތެވެ.
والله أعلم
ކޮމެންޓް (0)
ލޯޑް ކުރަމުން...