ދީންސުވާލާއި ޖަވާބު

އެކި މަސްމަހު އެކިވަރަށް ޙައިޟުވާ އަންހެނާގެ ޢިއްދައަކީ ކޮބާ؟

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد

ޙައިޟުގެ ޢުމުރަށް އެޅިފައިވާ އަންހެނުން ތިން ބަޔަކަށް ބެހިގެންވެއެވެ. އެއީ:

1. މުޢްތާދާ (ކޮންމެ މަހަކުވެސް ގަވައިދުން ޙައިޟުވާ އަންހެނުން.)
2. މުރްތާބާ (ބަނޑުބޮޑުވުމުގެ ސަބަބުން، ނުވަތަ ކިރު ދިނުމުގެ ސަބަބުން ނުވަތަ ބައްޔެއްގެ ސަބަބުން ޙައިޟުގެ ލޭ އައުން މެދުކެނޑިފައިވާ އަންހެނާ.)
3. މުސްތަޙާޟާ (ބައްޔެއްގެ ސަބަބުން ކުރިމަތި ފަރާތުން ލޭ އަންނަ، އަދި މީގެ ސަބަބުން ޙައިޟުގެ ލެޔެއް އެހެން ލެޔެއް ވަކި ކުރަން ނޭނގިފައިވާ އަންހެނާ.)

މިތިން ބާވަތުގެ އިތުރު ތަފްޞީލު ތިރީގައި މިވަނީ އެވެ.

 މުޢްތާދާ (ކޮންމެ މަހަކުވެސް ގަވައިދުން ޙައިޟުވާ އަންހެނުން.) މިފަދަ އަންހެނުންގެ ޢިއްދާ އަކީ ތިން ގުރްއު އެވެ. ސޫރަތުލް ބަގަރާގެ 228 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.

(وَالْمُطَلَّقَاتُ يَتَرَبَّصْنَ بِأَنفُسِهِنَّ ثَلَاثَةَ قُرُوءٍ ) މާނައަކީ: " އަދި، ވަރިކޮށްފައިވާ އަންހެނުން، އެކަނބަލުންގެ އަމިއްލަ نفس ތަކާއިގެން ތިން قُرء ވަންދެން انتظار ކުރާހުށިކަމެވެ!"

މި އާޔަތުގައި މިވާ ( قُرُوءٍ ) އަކީ "ގުރްއު" މި ލަފްޡުގެ ޖަމްޢު އެވެ. ނުވަތަ ގިނަވައްތަރެވެ.

ޖުމްހޫރު ޢިލްމުވެރިންގެ ރައުޔަކީ "ގުރްއު" ގެ މުރާދަކީ އަންހެނާގެ ޠުހްރު (ޙައިޟު ނޫން ދުވަސްވަރު) ކަމަށެވެ. ނަމަވެސް އަބޫޙަނީފާ އާއި އެކަލޭގެފާނަށް ތަބަޢަވީ ބޭކަލުން ވިދާޅުވަނީ "ގުރްއު" ގެ މުރާދަކީ ޙައިޟުގެ ދުވަސްވަރު ކަމަށެވެ.

އިމާމް މާލިކް އަދި ޝާފިޢީ ރަޙިމަހުމުﷲ- ދެކިލައްވާ ގޮތުގައި ބައެއް ފަހަރު އަންހެނާގެ ޢިއްދާ ތިން ގުރްއު ހަމަނުވެ ހިނގައިދާނެއެވެ. އެގޮތުން، އަންހެނަކު ޠުހުރުގައި ހުއްޓާ ވަރިކޮށްފިނަމަ، އޭނާގެ ޠުހުރުގެ ބާކީބައި ގުރްއުގެ ތެރޭގައި ގުނިގެންދާނެއެވެ. އެއީ ކިތަންމެ ކުޑަ ހިނދުކޮޅަކަށް ނަމަވެސް އެވެ. އެހެންކަމުން، އޭނާގެ ޢިއްދާގައި ބާކީ އިންނާނީ ދެ ގުރްއު އެވެ. އޭރުން ތިން ގުރްއު ހަމަވީއެވެ. އެހެންކަމުން، ޠުހުރުގައި ހުއްޓާ ވަރިކޮށްފިނަމަ، ވަރިކުރިތާ ތިންވަނަ ފަހަރަށް ޙައިޟުވާން ފެށުމާއި އެކު އޭނާގެ ޢިއްދާ ހަމަވީއެވެ. އަދި ޙައިޟުވެފައި ހުއްޓާ ވަރިކޮށްފިނަމަ، އޭނާގެ ޢިއްދާ ހަމަވާނީ ވަރިކުރި ޙައިޟު ފިޔަވާ ހަތަރުވަނަ ޙައިޟު ފެށޭ ހިސާބުންނެވެ.

 މުރްތާބާ (ބަނޑުބޮޑުވުމުގެ ސަބަބުން، ނުވަތަ ކިރު ދިނުމުގެ ސަބަބުން ނުވަތަ ބައްޔެއްގެ ސަބަބުން ޙައިޟުގެ ލޭ އައުން މެދުކެނޑިފައިވާ އަންހެނާ.) އިމާމް މާލިކް އަދި އަޙްމަދު ބިން ޙަންބަލް- ރަޙިމަހުމުﷲ-ގެ ރައުޔަކީ މިފަދަ އަންހެނުންގެ ޢިއްދާ އަކީ އެންމެ ފަހަން ޙައިޟު މެދުކެނޑުނު ހިސާބުން ފެށިގެން އެއް އަހަރު ދުވަހެވެ. ނަމަވެސް އިމާމް ޝާފިޢީ އަދި އަބޫ ޙަނީފާ- ރަޙިމަހުމުﷲ- ގެ ރައުޔަކީ މިފަދަ އަންހެނުން ޙައިޟުވަންދެން ނުވަތަ ޙައިޟު މެދުކެނޑޭ ޢުމުރަށް އެޅެންދެން މަޑުކުރުމެވެ. އަދި އެއަށް ފަހު ތިން މަސްދުވަހު ޢިއްދާގައި އިނުމެވެ.

 މުސްތަޙާޟާ (ބައްޔެއްގެ ސަބަބުން ކުރިމަތި ފަރާތުން ލޭ އަންނަ، އަދި ޢާއްމުކޮށް ޙައިޟުވާ މުއްދަތަކީ ކޮބައިކަން ނޭނގުމުގެ ސަބަބުން، ޙައިޟުގެ ލެޔެއް އެހެން ލެޔެއް ވަކި ކުރަން ނޭނގިފައިވާ އަންހެނާ.) އިމާމް މާލިކް ރަޙިމަހުﷲގެ ރައުޔަކީ ޙައިޟުގެ ލެޔާއި އިސްތިޙާޟާގެ ލެޔަކީ ކޮބައިކަން ވަކި ކުރަން ނޭނގޭ އަންހެނުން އެއް އަހަރުވަންދެން ޢިއްދާގައި ހުރުމެވެ.

އިމާމް އަބޫޙަނީފާ- ރަޙިމަހުﷲ- ގެ ރައުޔަކީ މިފަދަ އަންހެނުންގެ ޢިއްދާ އަކީ ހަތްމަސްދުވަސް ކަމަށެވެ.

އިމާމް ޝާފިޢީ އަދި އަޙްމަދު- ރަޙިމަހުމުﷲ- ގެ ރައުޔަކީ މިފަދަ އަންހެނުންގެ ޢިއްދާ އަކީ ތިން މަސްދުވަސް ކަމަށެވެ.

والله أعلم.

ގުޅުންހުރި

ޚިޔާލު

Your email address will not be published.

More in ދީން