މިއަހަރުގެ ރަމަޟާންމަހުގައި ސްކޫލްތަކުގައި ކިޔަވައިދޭނީ ހެނދުނު 9:00 އިން މެންދުރު ފަހު 3:00 އަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހަމަޖައްސައިފި އެވެ.
މިކަމާއި ގުޅޭގޮތުން އެމިނިސްޓްރީއިން ނެރުނު ސާރކިއުލާގައި ވާ ގޮތުން ސްކޫލްތަކުގެ ހެނދުނުގެ ދަންފަޅި ރޯދަ މަހު ފަށާނީ ހެނދުނު 8:40 އާއި 9:00 އާ ދެމެދު އެވެ. މެންދުރުގެ ދަންފަޅީގައި ކިޔަވައިދޭނީ ހެނދުނު 11:30 އިން މެންދުރު 1:00 އަށް ކަމަށް ސާރކިއުލާގައި ބުނެފައިވެއެވެ.
ކިޔަވައިދިނުމަށް ކަނޑައަޅާފައިވާ ގަޑިތައް
- ޕްރީ ސްކޫލްގެ ކުދިންގެ ކިޔެވުން ދޮޅުގަޑިއިރަށް ވުރެ ކުރު ނުވާނެ ގޮތަކަށް
- ގްރޭޑް 1-7 ގެ ދަރިވަރުންގެ ކިޔެވުން ދެ ގަޑިއިރާއި 30 މިނިޓަށް
- ގްރޭޑް 8-10 ގެ ކިޔެވުން ތިން ގަޑިއިރަށް
- ގްރޭޑް 11-12 ގައި އުޅޭ ދަރިވަރުންނަށް ހަތަރު ގަޑިއިރު
ސްކޫލުގެ ކިޔެވުމުގެ ދަންފަޅިތައް ރޯދަ މަހަށް ރާވާއިރު، ވަގުތަށް ނަމާދު ކުރެވޭނެ ގޮތަށް ހަމަޖެއްސުމަށާއި މަޣްރިބް ނަމާދާއި އިޝާ ނަމާދާ ދެމެދު، ސްކޫލުތަކުގައި އެއްވެސް ހަރަކާތެއް ނުހިންގަން އެޑިއުކޭޝަނުން ވަނީ އެދިފަ އެވެ. އަދި ރޯދަ މަހު ކިޔަވައި ދިނުމުގެ ވަގުތު ކަނޑައަޅަން ވާނީ ކޮންމެ ދުވަހެއްގެ ވެސް މެންދުރު ފަހު 3:00 ގެ ކުރިން އެ ދުވަހެއްގެ ސެޝަން ނިންމާ ގޮތަށް ކަމަށް މިނިސްޓްރީއިން ބުނެފައިވެއެވެ.
ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ރޯދަމަަސް ފެށޭނީ މެއި މަހުގެ 16 ގަ އެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...