2009 ގައި ދިވެހިރާއްޖޭގެ އެންމެހާ އަތޮޅުތަކަށް އަމާޒުކޮށްގެން ޖަމްޢިއްޔަތުއްސަލަފުން ފައްޓަވާފައިވާ ދީނީ ރިޙްލާގެ ސިލްސިލާގެ ދަށުން މިއަހަރު ނ.އަތޮޅުގެ ރަށްތަކުގައި ބޭއްވުމަށް ހަމަޖެހިފައިވާ "ނ. ރިޙްލާ 2011" އަށް ޖަމްޢިއްޔަތުއްސަލަފާއި ނ.އަތޮޅުގެ ޒުވާނުން ތައްޔާރުވަމުން އަންނަ ކަމަށް އެފަރާތުން ހާމަކޮށްފިއެވެ. 2011 މާޗް 18 ން 24 ށް ބޭއްވުމަށް ހަމަޖެހިފައިވާ މިރިޙްލާގައި ޖަމްޢިއްޔަތުއްސަލަފް މަރުކަޒް ކުރާނީ ނ.މަނަދޫގައި ކަމަށާއި، ހަމަ އެހެންމެ މުޅި އަތޮޅަށް ރިޙްލާގެ މަންފާ ކުރާނޭހެން ޖަމްޢިއްޔާގެ ޙަރަކާތްތައް ހިންގުމަށް ޤަސްތު ކުރެވިފައިވާކަމަށް އެޖަމްޢިއްޔާއިން ހާމަކުރެއެވެ.
މިރިޙްލާތަކުގެ މަޤްސަދަކީ ދިވެހިރާއްޖޭގެ ކަންކޮޅުތަކުގައި އިސްލާމްދީނުގެ ހޭލުންތެރިކަން އިތުރުކޮށް އިސްލާމީ ޞައްޙަ ޢަޤީދާ އާއި، ތަޢްލީމް ފަތުރައި ސުންނަތަށް ދަޢުވަތުދިނުމާއި، ވަކިން ޚާއްސަކޮށް ޒުވާނުން އިސްލާމްދީނަށް އަހުލުވެރިކުރުވައި، ދިރިއުޅުމުގެ ވައްޓަފާޅިއާއި، އުއްމަތުގެ ޤިޔާދަތު ބެލެހެއްޓޭނެ ޤާބިލުކަން އުފައްދައި، ޢާއްމުކޮށް ރަށްރަށުގައި އެކިއެކި ރޮނގު ރޮނގުން ތަޙްޒީބުކުރުމަށް މަގުފަހިކޮށް، އިޖްތިމާޢީގޮތުން ދިވެހިއިސްލާމީ އުއްމަތުގައި އެކުވެރިކަމާއި ކުލުނާއި ލޯބި އުފެއްދުން ކަމަށް ޖަމްޢިއްޔަތުއްސަލަފުން މަޢުލޫމާތުދެއްވައެވެ.
މިރިޙްލާއަށް މާލީގޮތުންނާއި އެހެނިހެން ގޮތްގޮތުން އެހީ ފޯރުކޮށްދިނުމަށް ބޭނުންފުޅުވާ ފަރާތްތަކުން ނަންބަރ 7781501، 7841303 ނުވަތަ 9665339 އަށް ގުޅުއްވުމަށް ރިޙްލާ އިންތިޒާމް ކުރާފަރާތުން އެދިލައްވައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...